ރޮނާލްޑޯ ހުއްޓުވަން ޕްލޭނެއް ނެތް: ގާސިއާ

ލިޔޯން (ފެބްރުއަރީ 26) – ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އަދިވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެއް ކަމަށާއި އެކަމަކު މިރޭ އެ ޓީމާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ކުޅޭއިރު އޭނާ ހުއްޓުވާނެ ވަކި ހާއްސަ ޕްލޭނެއް ނެތް ކަމަށް ފްރާންސްގެ އޮލިމްޕިކް ލިޔޯންގެ ކޯޗު ރުޑި ގާސިއާ ބުނެފި އެވެ.


މުބާރާތުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި މިރޭ ލިޔޯންގައި މި ދެ ޓީމު ބައްދަލުކުރާއިރު، މި ވަގުތު މުޅި ދުނިޔޭގައި ވެސް އެންމެ ފޯމުގައި ހުރި އެއް ފޯވާޑަކީ ރޮނާލްޑޯ އެވެ. އޭނާ ވަނީ ޔުވެންޓަސް އެންމެ ފަހުން އިޓާލިއަން ލީގުގައި ކުޅުނު 11 މެޗުގައި ވެސް ގޯލް ޖަހައިފަ އެވެ.

"އަހަންނަށް އޭނާ ނޭގޭ (ޒާތީ ގޮތުން) އެކަމަކު އޭނާ އަކީ ޕްރޮފެޝަނަލީ ވަރަށް މޮޅު ކުޅުންތެރިޔެއް. އެހެން ކުޅުންތެރިންނަށް ވުރެ ބޮޑަށް އޭނާ މަސައްކަތްކުރޭ، ޓްރެއިނިން ސެޝަނުގެ ކުރިން ވެސް ފަހުން،" ރޯމާގެ ކުރީގެ ކޯޗު ބުންޏެވެ. "އެފަދަ ކުޅުންތެރިން ތިބުމަކީ ކުޅިވަރަށް ޝައުގުވެރިކަން ބޮޑުވާކަމެއް. އޭނާ ހިމެނެނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި. އޭނާއާ ދެކޮޅަށް ނުކުމެވެލުމަކީ އުފަލެއް."

އެކަމަކު ގާސިއާ ބުނީ ރޮނާލްޑޯ ހުއްޓުވުމުގެ އެއްވެސް ޕްލޭނެއް ނެތް ކަމަށާއި ޔުވެންޓަސްގައި ތިބި މޮޅު ހުރިހާ ކުޅުންތެރިން ހުއްޓުވަން ލިޔޯނަށް ޖެހޭނެ ކަމަށެވެ.

"ރޮނާލްޑޯއާ ދެކޮޅު ޕްލޭނެއް ބޭނުންވަންޏާ، ބޭނުންވާނެ ޑީބަލާއާ ދެކޮޅު ޕްލޭނެއް ވެސް ހިގުއައިންއާ ދެކޮޅު ޕްލޭނެއް ވެސް،" ގާސިއާ ބުންޏެވެ. "އަހަރެމެން އެ ޓީމު ނަގަން ޖެހޭނީ ޓީމެއްގެ ގޮތުގައި."