ނޭމާ ގެނައުމަށް ބާސެލޯނާ އަމާޒު ހިފައިފި

ބާސެލޯނާ (މާޗް 5) – ޕީއެސްޖީގެ ފޯވާޑް ނޭމާ އަނބުރާ ގެނައުމަކީ ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި ބާސެލޯނާ އިން އެންމެ އިސްކަންދޭނެ ކަންތައް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ބާސެލޯނާ ދޫކޮށް 2017 ވަނަ އަހަރު އޮގަސްޓް މަހު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 246 މިލިއަން ޑޮލަރަށް ޕީއެސްޖީ އަށް ބަދަލުވި ނޭމާ މި ސީޒަން ފެށުމުގެ ކުރިން ކުރީގެ ކްލަބް ބާސެލޯނާ އަށް ބަދަލުވާން ގިނަ ގޮތްގޮތުން މަސައްކަތްކުރި އެވެ. އެކަމަކު ބާސެލޯނާ އަށް ގަނެވޭ ވަރަށް ވުރެން ބޮޑުކޮށް ޕީއެސްޖީން އަގު ކިޔާތީ އެ ޑީލު ކުރިއަށް ނުދިޔަ އެވެ.

އެކަމަކު ސްޕެއިނުގެ ރިޕޯޓްތައް ބުނާ ގޮތުގައި މި ފަހަރު ބާސެލޯނާ އިން އެކަން ކާމިޔާބުކުރަން މަސައްކަތްކުރާނެ ކަމަށެވެ. އެގޮތުން ސީޒަން ނިމުމުގެ ކުރިން ބާސެލޯނާ އިން ޕީއެސްޖީއާ އެކު ވާހަކަތައް ފަށާނެ ކަމަށްވެ އެވެ. ނޭމާ ޕީއެސްޖީ ދޫކޮށްލަފާނެ ކަމަށް ބެލެވެ އެންމެ ބޮޑު ސަބަބަކީ އެ ކްލަބުގެ ސްޕޯޓިން ޑިރެކްޓަރު ލެއޮނާޑޯއާ އޭނާއާ މައްސަލަ ޖެހިފައިވުމެވެ.

ނޭމާ މި ސީޒަނަށް ފަހު ޕީއެސްޖީ ދޫކޮށްލާ ނަމަ އޭނާ ވިއްކާލާނެ އަގު ކަނޑައަޅާނީ ފީފާ އިން ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އެސްޖީއާ އެކު ނޭމާ ސޮއިކުރި ކޮންޓްރެކްޓްގައި އެ އެއްބަސްވުން އުވާލާނެ އަގެއް ހިމަނާފައިނުވެ އެވެ. ދާދި ފަހުން ފީފާއިން އެކުވާލި އާ ޓްރާންސްފާ ގަވާއިދުގައިވާ ގޮތުން އެއްބަސްވުން އުވާލަން ދައްކަން ޖެހޭ އަދަދު (ރިލީސް ކްލޯސް) ނުހިމަނައި ހަދާ ކޮންޓްރެކްޓްތަކުގެ ފުރަތަމަ ތިން އަހަރު ހަމަވުމާ އެކު ކުޅުންތެރިޔާ ކްލަބް ބަދަލުކުރަން ބޭނުންވެއްޖެނަމަ އެ ކުޅުންތެރިޔާ ވިއްކާނެ އަގެއް ކަނޑައަޅާނީ ފީފާއިންނެވެ. ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ފީފާ އިން ނޭމާގެ ކޮންޓްރެކްޓަށް ބެލުމަށް ފަހު އޭނާގެ އަގު ކަނޑަޅާއިރު އެ އުޅޭނީ 185 މިލިއަން ޑޮލަރުގަ އެވެ.

ނޭމާ އޭރު ބާސެލޯނާ ދޫކޮށްލި އެއް ސަބަބަކީ ލިއޮނަލް މެސީގެ ހިޔަނިން ސަލާމަތްވެ އޭނާގެ އަމިއްލަ ކެރިއަރު ކޮޅަށް ޖެހުމެވެ. އެކަމަކު ޕީއެސްޖީގައި ނޭމާ އަށް އަނިޔާ އާއި އެނޫން ވެސް ސަބަބުތަކާ ހެދި އެންމެ މަތީ ފޯމް ދައްކަން ވަނީ ހުރަސް އެޅިފަ އެވެ. އެގޮތުން އޭނާ ޕީއެސްޖީއާ ގުޅުނު ފަހުން އެ ޓީމުން ފްރާންސް ލީގުގައި ކުޅުނު 103 މެޗުގެ ތެރެއިން ބައިވެރިވެވުނީ 52 މެޗުގަ އެވެ.