ކޮވިޑް-19: ސްޕެއިނާއި ފްރާންސުން ސަޕޯޓަރުން މަނާކޮށްފި

ބާސެލޯނާ (މާޗް 11) – ދުނިޔޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ސްޕެއިނާއި ފްރާންސްގެ ލީގާއި ދެ ވަނަ ޑިވިޝަނުގެ މެޗުތައް ސަޕޯޓަރުން ނުވައްދާ ކުޅޭ ގޮތަށް ހަމަޖައްސައިފި އެވެ.


ސްޕެއިނުން ބުނެފައިވާ ގޮތުގައި މިގޮތަށް އަމަލުކުރާނީ ކުރިއަށް އޮތް ދެ ހަފުތާގެ މެޗުތަކަށް ކަމަށެވެ. ފްރާންސުން ނިންމާފައިވަނީ އޭޕްރިލް 15 ވަނަ ދުވަހުގެ ނިޔަލަށް މިގޮތަށް އަމަލުކުރާށެވެ.

ޗެމްޕިއަންސް ލީގުގައި މިރޭ ފްރާންސްގެ ޕީއެސްޖީން އަމިއްލަ ދަނޑުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޓާ ދެކޮޅަށް ކުޅޭ މެޗު ކުރިއަށްދާނީ ސަޕޯޓަރުން ނުވައްދަ އެވެ. އެ މުބާރާތުގައި އަންނަ ހަފުތާގައި ބާސެލޯނާ އިން ކޭމްޕް ނޯގައި އިޓަލީގެ ނަޕޯލީއާ ދެކޮޅަށް ކުޅޭނީ ވެސް ސަޕޯޓަރުން ނުވައްދަ އެވެ. ޔުރޮޕާ ލީގުގައި ރޭ ސްޕެއިނުގެ ވެލެންސިއާ އަތުން 4-3 އިން އިޓަލީގެ އެޓަލާންޓާ މޮޅުވި މެޗު ވެސް ކުޅުނީ ސަޕޯޓަރުން ނުވައްދަ އެވެ.

ޖަރުމަނަށް ބަލާއިރު ބޮރޫޝިއާ މޮންޗެންގްލަޑްބެކާއި ކޮލޯން މިރޭ ޖަރުމަން ލީގުގައި ކުޅޭނީ ސަޕޯޓަރުން ނެތި އެވެ. އަދި ފެށޭ ހަފުތާގައި ކުޅޭ ނުވަ މެޗުގެ ތެރެއިން ފަސް މެޗެއް ވެސް ކުޅޭނީ ސަޕޯޓަރުން ނެތި އެވެ. ޔޫނިއަން ބާލިން އާއި ބަޔާން މިއުނިކް ސަޕޯޓަރުންނާ އެކު ކުޅޭއިރު އަނެއް ތިން މެޗާ މެދު އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ކޮރޯނާވައިރަހާ ގުޅިގެން އިޓަލީގެ ހުރިހާ ކުޅިވަރު ހަރަކާތެއް ވަނީ އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކެންސަލްކޮށްފަ އެވެ. އިޓަލީ އަކީ ޔޫރަޕުން މި ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމެވެ. ސަޕޯޓަރުން ނުވައްދާ މެޗުތައް ކުޅޭ ގޮތަށް މި ހަފުތާގައި ލީގު އަލުން ފެށި ނަމަވެސް ސަރުކާރުން މުޅި ގައުމު ބަންދުކުރަން ނިންމައި ކުޅިވަރު ހަރަކާތްތައް ވެސް ހުއްޓާލުމަށް އެންގުމުން އެގޮތަށް ނިންމީ އެވެ.

އެކަމަކު ޗެމްޕިއަންސް ލީގުގައި އަންނަ ހަފުތާގައި ޔުވެންޓަސް އިން އަމިއްލަ ދަނޑުގައި ފްރާންސްގެ އޮލިމްޕިކް ލިޔޯނާ ދެކޮޅަށް ކުޅޭ މެޗާއި ޔުރޮޕާ ލީގުގައި އިންޓަ މިލާނުން މާދަމާރޭ ސްޕެއިނުގެ ގެޓަފޭއާ ދެކޮޅަށް ކުޅޭ މެޗާއި އެ މުބާރާތުގައި ރޯމާ އިން އަންނަ ހަފުތާގައި ސްޕެއިނުގެ ސެވިއްޔާއާ ވާދަކުރާ މެޗުތައް ސަޕޯޓަރުން ނެތި ކުރިއަށް ގެންދެވޭނެ އެވެ.