އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ: އޭނާ ބަލިން ރަނގަޅުވަމުން އަންނަ ކަމަށް ވަނީ ބުނެފައި.
20 މާޗް 2020 - 11:40
ލަންޑަން (މާޗް 20) - މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އަށް ޕޮޒިޓިވްވި އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އެ ބަލިން ރަނގަޅުވުމުގެ ފުރަތަމަ މަރުހަލާ ފުރިހަމަކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މުޅި ދުނިޔެ އަށް ފެތުރިފައިވާ ބަލިމަޑުކަމަކަށް ބަދަލުވެފައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ކަނޑައަޅާފައިވާ ކޮވިޑް-19 އަށް އާޓެޓާ ޕޮޒިޓިވްވީ މި މަހުގެ 13 ވަނަ ދުވަހުގަ އެވެ. ބެލެވޭ ގޮތުގައި އާޓެޓާ ގަޔަށް މި ވައިރަސް އެރީ މީގެ ތިން ހަފުތާ ކުރިން އާސެނަލުން ޔުރޮޕާ ލީގުގައި ގްރީކުގެ އޮލިމްޕިއާކޯސްއާ ވާދަކުރި މެޗުގެ ތެރެއިންނެވެ. އެ މެޗު ކުޅުނުއިރު އޮލިމްޕިއާކޯސްގެ ވެރިޔާ އެވަންޖެލޯސް މަރިނާކިސް ގައިން ވައިރަހުގެ އަލާމަތްތަށް ފެންނަން ފަށާފައިވާއިރު، ފަހުން އޭނާ ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.
އުމުރުން 37 އަަހަރުގެ ސްޕެއިނަށް އުފަން އާޓެޓާ، ވައިރަހަށް ޕޮޒިޓިވްވުމާ އެކު އޭނާ އަށް ފަރުވާދޭން ފަށާފައިވާއިރު، އިއްޔެ އާސެނަލުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ އާޓެޓާގެ ހާލު ވަރަށް ބޮޑަށް ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި ބަރާބަރަށް ކްލަބްގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުންނާ ގުޅައިގެން ކްލަބްގެ ކަންތައްތައް ކުރިއަށްގެންދާނެ ގޮތުގެ މަޝްވަރާތަށް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން އާޓެޓާގެ ފަރާތުން މިހާރު ކޯވިޑް-19 ގެ އަލާމާތްތައް ނުފެންނާތީ ހެދި ފުރަތަމަ ޓެސްޓުން ދެއްކީ ނެގެޓިވް ކަމަށެވެ. އެކަމަކު ޑަބްލިއުއެޗްއޯ އިން ލަފާދޭ މިންގަނޑަށް ފައްތައިގެން ބަލިން ރަނގަޅުވާ މީހުންގެ ކަންތައްތައް ކުރިއަށްގެންދާ އުސޫލުން އަދި އިތުރު ޓެސްޓެއް ހަދާނެ އެވެ. އަދި އެ ޓެސްޓުން ވެސް އާޓެޓާ ގައިގައި ވައިރަސް ނެތްކަމަށް ދައްކައިފިނަމަ އޭނާ ދޫކޮށްލާނެ އެވެ. އެކަމަކު އެ ޓެސްޓް ހަދާނީ އަދި ފަސް ދުވަސް ފަހުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ކުއްލި ގޮތަކަށް އާޓެޓާ ގައިން މި ވައިރަސް ފެނުމާ އެކު އާސެނަލުން ވަނީ އެ ކްލަބްގެ ޓްރެއިނިން ސެންޓަރާއި ހުރިހާ ތަނެއް ބަންދުކޮށްފަ އެވެ. އަދި ސިއްހީ ލަފާދޭ ފަރާތްތަކާ މަޝްވަރާކުރުމަށް ފަހު އާސެނަލުގެ ކްލަބްގެ ހުރިހާތަނެއް ވަނީ ވަރަށް ބޮޑަށް ސާފުކޮށްފަ އެވެ. އަދި އެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން ކްލަބްގެ އެހެނިހެން ސްޓާފުން 14 ދުވަހު ގޭގައި މަޑުކުރުމަށް ވަނީ އަންގައިފަ އެވެ.
އާޓެޓާ އާއި ޗެލްސީގެ ޒުވާން ތަރި ކަލުމް ހަޑްސަން-އޮޑޯއި، ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން އެންމެ ފުރަތަމަ އިނގިރޭސި އެފްއޭ އިން ނިންމީ ފުޓްބޯޅަ މުބާރާތްތައް އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ފަސް ކުރުމަށެވެ. އެކަމަކު މިހާރު އިނގިރޭސިވިލާތުގައި މި ބަލި ފެތުރެމުން އަންނަ ނިސްބަަތަށް ބަލައި މިހާރު ވަނީ އަންނަ މަހުގެ 30 އާ ހަމައަށް އިނގިރޭސި ފުޓްބޯޅަ މުބާރާތްތައް ނުބާއްވަން ނިންމައިފަ އެވެ. މި ގޮތަށް ނިންމީ އިއްޔެ އިނގިރޭސި ކްލަބްތަކާ އެކު އިނގިރޭސި އެފްއޭ އިން ބޭއްވި ވީޑިއޯ ކޮންފަރެންސް ބައްދަލުވުމަކަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy