ނިއުކާސަލްގެ މިހާރުގެ ވެރިޔާ އެޝްލީ (ކ) އާއި ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން.
22 އެޕްރީލް 2020 - 13:45
ލަންޑަން (އޭޕްރީލް 22) - އިނގިރޭސި ފުޓްބޯޅައިގެ މަޝްހޫރު ކްލަބެއް ކަމަށްވާ ނިއުކާސަލް ޔުނައިޓެޑް، ސައުދީ އަރަބިއްޔާގެ ހިއްސާ ބޮޑު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ އެމްނެސްޓީ އިންޓަނޭޝަަނަލް އިން އިންޒާރެއް ދީފި އެވެ.
ސައުދީގެ އިންވެސްޓަރުންގެ ބޮޑު ހިއްސާއަކާ އެކު 300 މިިލިއަން ޕައުންޑަށް ނިއުކާސަލް ގަންނަން ހުށަހެޅީ އަމަންޑާ ސްޓަވިލީސްގެ ޕީސީޕީ ކެޕިޓަލް ޕާޓްނާސްގެ ފަރާތުންނެވެ. އަމަންޑާއާ އެކު ނިއުކާސަލްގެ މި ޑީލް ކުރިއަށް ގޮސްފިނަމަ އެ ކްލަބްގައި ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ 80 ޕަސެންޓް ހިއްސާ އޮންނާނެ އެވެ. ބާކީ 20 ޕަސެންޓް ބެހިފައި އޮތީ އަމަންޑާ އާއި ރިއުބެން ބްރަދާސްގެ ތެރެއިން ކޮންމެ ބަޔަކަށް 10 ޕަސެންޓް ލިބޭ ގޮތަށެވެ.
ނިއުކާސަލް ޑީލުގެ ފުރަތަމަ މަރުހަލާ ނިމުމަކާ ގާތްވެފައިވާއިރު، އެ ކްލަބްގެ މިހާރުގެ ވެރިޔާ މައިކް އެޝްލީ އަށް ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން މެދުވެރިކޮށް ވަނީ ރިފަންޑް ނުކުރެވޭގޮތަށް ކްލަބްގެ މިހާރުގެ ހަރަދުތަކަށް 17 މިލިއަން ޕައުންޑް ދީފަ އެވެ.
އެމްނެސްޓީން ވަނީ ނިއުކާސަލް ޑޯލުގެ ކަންތައްތަކުގެ ފުރިހަމަ ތަހުގީގެއް ކުރަން ޕްރިމިއާ ލީގަށް ގޮވާލައިފަ އެވެ. އަދި އެ ޖަމިއްޔާ އިން ތުހުމަތުކުރާ ގޮތުގައި ސައުދީން އިސްވެ ކުޅިވަރު ހަރަކާތްތަކަށް އިންވެސްޓްކުރަނީ އެ ގައުމުން އިންސާނިއްޔަތާ ހިލާފަށް ހިންގާ އަމަލުތައް ފޮރުވުމުގެ ގޮތުންނެވެ. އަދި ޕްރިމިއާ ލީގުން ވެސް ސައުދީ އަށް އެ ފުރުސަތު ދިނުމަކީ މި ލީގާ މެދު ގިނަ ބަޔެއްގެ ނުރުހުން އަމާޒުވާނެ ކަމެއް ކަމަށް އެމްނެސްޓީން ބުނެ އެވެ.
އެމްނެސްޓީ އިންޓަނޭޝަނަލްގެ އިނގިރޭސިވިލާތުގެ ޑިރެކްޓަރު ކޭޓް އެލަން ވަނީ ޕްރިމިއާ ލީގުގެ ޗީފް އެގްޒެކްޓިވް އަށް ނިއުކާސަލް ޑީލުގެ މައްސަލަައިގައި ސިޓީއެއް ފޮނުވައިފަ އެވެ.
"ސައުދީ އަރަަބިއްޔާގެ މި ހަރަކާތްތަކަށް (އިންސާނީ ހައްގުތަކާ ހިލާފަށް ކުރެވޭ ކަންތައްތައް) ބެލުމެއް ނެތި މި ޑީލް (ނިއުކާސަލް ވިއްކާލުން) ކުރިއަށް ގޮސްފިނަމަ ޕްރިމިއާ ލީގުން ވެސް މި ހުޅުވާލަދެނީ ސައުދީގެ ގޯސް ކަންތައްތައް ފޮރުވުމަށް ދޮރެއް. ޕްރިމިއާ ލީގު ފަދަ މަގުބޫލުކަން ލިބިފައިވާ މުބާރާތެއްގެ ތެރެއިން މި ފަދަ ގޯސް ކަންތައްތަކެއް ފޮރުވަން ފުރުސަތު ދިނުން ރަނގަޅެއް ނޫން،" ކޭޓް ފޮނުވި ސިޓީގައިވެ އެވެ.
ނިއުކާސަލް ގަތުމުގައި ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ބޭނުންފުޅު ކުރައްވަނީ ސައުދީ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) ގެ އެހީ އެވެ. އެ ފަންޑުގައި މިހާރު ވެސް 260 ބިލިއަން ޕައުންޑް އެބަހުއްޓެވެ. މިއީ ޕްރިމިއާ ލީގުގައި ނިއުކާސަލް ނުލައި ދެން އޮތް ހުރިހާ ޓީމުތަކުގެ މިލްކިއްޔާތަށް ވުރެ ބޮޑު އަދަދެކެވެ.
ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އިސްނެންގެވުމާ އެކު މީގެ ކުރިން ވެސް އިނގިރޭސި ކްލަބެއް ގަންނަން މަސައްކަތްކުރެވުނެވެ. އެކަމަކު އެ ފަހަރު މެންޗެސްޓާ ޔުނައިޓެޑް ގަންނަން ކުރި މަސައްކަތުގައި އެއްވެސް ކުރިއެރުމެއް ނުލިބި ޖެހުނީ މަސައްކަތް ހުއްޓާލާށެވެ. އޭރު ޔުނައިޓެޑް ގަންނަން ކުރިމަތިވި އަނެއް ގޮންޖެހުމަކީ ތުރުކީގައި ހުންނަ ސައުދީގެ ކޮންސިއުލާގެ ތެރޭގައި ވަރަށް އަނިޔާވެރިކޮށް ނޫސްވެރިޔާ ޖަމާލް ހާޝިގުޖީ މަރާލުމާ، ޝާހީ އާއިލާއާ ގުޅުވައިގެން ކުރެވުނު ތުހުމަތުތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެއްލޮލުންތޯ ފެންނަނީ؟
22 April 2020
އެމްނެސްޓީ އަކީ މިހާރު ބޮޑު ޖޯކެއް.
މަބުނީ:
22 April 2020
ދުނިޔެ ވަނީ އެއްފަރާތަކަށްގޮސް ހުސްވެފަ.
Mohamed Didi
23 April 2020
ސައުދީއަށް ނިއުކުލިއަރ ބޮމެއް އަޅަން އަޅެ އެމީހުން އެއްބަސްވާނެ ބާ؟
ަްއައްޔަ
22 April 2020
އިޒްރޭލް މަހުޖަނުން ހަރަދުކުރާ ކުލަބް ތަކުގެ ވާހަކަ ތިޔަ އެމްނެސްޓީ އަކަށް ނޭނގޭނެ.
ޓެޑް1537
23 April 2020
ޢިގޭމީހާ ކިޔާލަ ދޭންވީނުން