ކުޅިވަރު / ނިއުކާސްލް

ނިއުކާސަލް ވިއްކާލުން: ބޮޑު ނުފޫޒަށް ކަޅިއެއް

މި ސީޒަނުގެ މެޗެއްގެ ތެރެއިން ނިއުކާސަލްގެ މެޓް ރިޗީ ލަނޑެއް ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ދުނިޔޭގެ ފުޓްބޯޅައިގައި މި ވަގުތު އެންމެ ބޮޑަށް އިވޭ އަޑަކީ ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރި އޭގެ ސަބަބުން ދިމާވާ މާލީ ދަތިތަކުން އަރައިގަންނަން ފުޓްބޯޅަ ކްލަބްތަކުން އެކި ގޮތްގޮތުން ހަރަދުކުޑަކުރާ ވާހަކަތަކެވެ. މި ފަދަ ވަގުތެއްގައި އިނގިރޭސި ފުޓްބޯޅައިގެ މަޝްހޫރު ކްލަބެއް ކަމަށްވާ ނިއުކާސަލް ޔުނައިޓެޑް، ސައުދި އަރަބިއްޔާގެ ބޮޑު ހިއްސާ އޮންނަ ބަޔަކަށް ވިއްކާލާ ވާހަކަތަކަށް ބޮޑު ސަމާލުކަމެއް ލިބެނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އޭގެ ފަހަތުގައި ހިނގާ އެހެނިހެން ކަންތައްތަކާއި ކުރިއަށް އޮތްތަނުގައި އިނގިރޭސި ފުޓްބޯޅައިގައި ބަދަލުވާނެ ކަންކަން ވެސް ގިނަވުމުންނެވެ.

ފާއިތުވި 13 އަހަރު ނިއުކާސަލްގެ ވެރިޔަކަށް ހުރި މައިކް އެޝްލީ އަށް ގިނަ ޕްރެޝަރުތަކެއް ކުރިމަތިވި ނަމަވެސް އެ ކްލަބް ވިއްކާލަން އޭނާ ވަނީ އެކި ފަހަރުމަތިން ދެކޮޅު ހަދައިފަ އެވެ. އެކަމަކު ދާދި ފަހުން ސައުދީ ވިޔަފާރިވެރިންގެ ބަޔެއްގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުންޏެއް ވަނީ ނިއުކާސަލް ގަތުމަށްޓަކައި އިނގިރޭސި ރެގިއުލޭޓާސް އޮފް ކޮމްޕެނީސްގައި ރަޖިސްޓްރީވުމަށް ލިޔެކިއުންތައް ހުށަހަޅައިފަ އެވެ. މި ވަގުތު ނިއުކާސަލް ވިއްކާލައިގެން އެޝްލީ އަށް އޭނާގެ އަމިއްލަ ވިޔަފާރި ސަލާމަތްކުރެވޭނެ ފުރުސަތު އޮތުމުން އޭނާ ބޭނުންހިފަނީ ކަމަށް ނިއުކާސަލާ ގުޅުން ހުރި އެކި ފަރާތްތަކުން ތުހުމަތުކުރެ އެވެ.

ސައުދީގެ އިންވެސްޓަރުންގެ ބޮޑު ހިއްސާއަކާ އެކު ނިއުކާސަލް ގަންނަން ހުށަހެޅީ އަމަންޑާ ސްޓަވިލީސްގެ ޕީސީޕީ ކެޕިޓަލް ޕާޓްނާސްގެ ފަރާތުންނެވެ. އެޝްލީ، 2007 ވަނަ އަހަރު 134 މިލިއަން ޕައުންޑަށް ގަތް ނިއުކާސަލް ވިއްކާލަން ނިންމާފައިވަނީ 300 މިލިއަން ޕައުންޑަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަމަންޑާއާ އެކު ނިއުކާސަލްގެ މި ޑީލް ކުރިއަށް ގޮސްފިނަމަ އެ ކްލަބްގައި ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ހިއްސާ އަކީ 80 ޕަސެންޓެވެ. ބާކީ 20 ޕަސެންޓް ބެހިފައި އޮތީ އަމަންޑާ އާއި ރިއުބެން ބްރަދާސްގެ ތެރެއިން ކޮންމެ ބަޔަކަށް 10 ޕަސެންޓް ލިބޭ ގޮތަށެވެ. ރިޕޯޓްތައް ބުނާގޮތުން އަމަންޑާ ފަހުން އޭނާގެ ހިއްސާ ދޫކޮށްލުމުގެ ފުރުސަތު ވެސް އެބައޮތެވެ.

އަމަންޑާ އަކީ 2008 ވަނަ އަހަރު މެންޗެސްޓާ ސިޓީ ގަންނަން ޔޫއޭއީގެ މަހުޖަނު އަބޫދާބީ ގްރޫޕުގެ ވެރިޔާ ޝެއިހް މަންސޫރަށް ވެސް އެހީތެރިވެދިން ފަރާތެކެވެ. އެ ފަހަރު ވެސް ސިޓީ ގަތުމުގެ ޑީލުގައި ބްރޯކަރެއްގެ ގޮތުގައި އިނގިރޭސި ސަރުކާރުގެ ތެރެއިން ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ނިންމުމުގައި އެންމެ އިސްކޮށް އުޅުނީ އަމަންޑާ އެވެ. އެ ފަހަރު ވެސް އޭނާ ވަނީ ސިޓީގެ ވެރިޔާ މަންސޫރު އަތުން މާލީ ބޮޑެތި މަންފާތަކެއް ހޯދައިފަ އެވެ.

ނިއުކާސަލްގެ ސަޕޯޓަރުން އަންނަނީ މިހާރުގެ މެނޭޖްމަންޓާ ދެކޮޅަށް ގިނަ ހަރަކާތްތަކެއް ހިންގަމުން. -- ފޮޓޯ: އޭއެފްޕީ

ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އިސްނެންގެވުމާ އެކު މީގެ ކުރިން ވެސް އިނގިރޭސި ކްލަބެއް ގަންނަން މަސައްކަތްކުރެވުނެވެ. އެކަމަކު އެ ފަހަރު މެންޗެސްޓާ ޔުނައިޓެޑް ގަންނަން ކުރި މަސައްކަތުގައި އެއްވެސް ކުރިއެރުމެއް ނުލިބި ޖެހުނީ މަސައްކަތް ހުއްޓާލާށެވެ. އޭރު ޔުނައިޓެޑް ގަންނަން ކުރިމަތިވި އަނެއް ގޮންޖެހުމަކީ ތުރުކީގައި ހުންނަ ސައުދީގެ ކޮންސިއުލާގެ ތެރޭގައި ވަރަށް އަނިޔާވެރިކޮށް ނޫސްވެރިޔާ ޖަމާލް ހާޝިގުޖީ މަރާލުމުގެ ފަހަތުގައި ޝާހީ އާއިލާއާ ގުޅުވައިގެން ކުރެވުނު ތުހުމަތުތަކެވެ. އެ ފަހަރު ހާލަތުގެ ގޮތުން އުނދަގޫތަކެއް ހުރި ނަމަވެސް މި ފަހަރު ނިއުކާސަލް ގަތުމަށް ކުރާ މަސައްކަތް މިހާރު އޮތީ ގާތްގަނޑަކަށް ހުރިހާ ކަމެއް ނިމިފަ އެވެ. ކޮވިޑް-19 ގެ މި އުނދަގޫ ދަނޑިވަޅުގައި ނިއުކާސަލް އަށް ވެސް އޮތީ މާލީ ގޮތުން ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވެފަ އެވެ.

ނިއުކާސަލް ގަތުމުގައި ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ބޭނުންފުޅު ކުރައްވަނީ ސައުދީ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) ގެ އެހީ އެވެ. އެ ފަންޑުގައި މިހާރު ވެސް 260 ބިލިއަން ޕައުންޑް އެބަހުއްޓެވެ. މި ޑީލާ އެކު ނިއުކާސަލްގެ ފައިނޭންޝިއަލް ބެކިންގައި މި ވަރުގެ މިލްކިއްޔާތެއް ހުރުމާ އެކު އެ ޓީމު ވެގެންދާނީ އެ ގޮތަށް ފައިސާގެ ނުފޫޒަށް ބަލާއިރު ޕްރިމިއާ ލީގުގެ އެންމެ ވަރުގަދަ ބާރަށެވެ. މި ވަގުތު އެންމެ ނުފޫޒުގަދަ ފައިނޭންޝިއަލް ބެކިން އެއްގައި އޮތީ ސިޓީ އެވެ. ސިޓީގެ ވެރިޔާ ޝެއިހް މަންސޫރުގެ މިލްކިއްޔާތުގައި ހުރީ 23.3 ބިލިއަން ޕައުންޑެވެ. ދެން އެންމެ ވަރުގަދަ ބެކިންއެއް އޮތީ ޗެލްސީގެ ވެރިޔާ ރަޝިއާގެ ރޯމަން އަބްރަމޮވިޗް އަތުގަ އެވެ. އެއީ 9.6 ބިލިއަން ޕައުންޑެވެ.

ނިއުކާސަލް ޑީލުގައި ފޮރުވިފައިވާ މަގުސަދުތަކެއް އެބަހުރި: އެމްނެސްޓީ

ޔޫރަޕްގެ ފުޓްބޯޅައިގައި މި ވަގުތު އެންމެ ފައިސާގެ ނުފޫޒު ބޮޑު ދެ ކްލަބް އޮތީ އަރަބި މަހުޖަނުންނާއި އެ ފަރާތްތަކަށް ނިސްބަތްވާ ގައުުމުތަކާ ވެސް ގުޅިފަ އެވެ. ސިޓީ އޮތީ ޔުއޭއީއާ ގުޅިފަ އެވެ. ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގައި އޮތީ ގަތަރުގެ ނުފޫޒެވެ. ޕީއެސްޖީ އާއި ސިޓީ އަކީ ދެ ގައުމަކުން ހަރަދުކުރާ ޓީމުތަކުގެ ގޮތުގައި ލޭބަލްކޮށް އެ ޓީމުތަކަށް ކުރާ ހަރަދުތައް ތަހުގީގުކުރަން ގޮވާލާ ފުޓްބޯޅައިގެ އެޑްމިނިސްޓްރޭޓަރުން މަދެއް ނޫނެވެ.

ނުފޫޒުގަދަ ޓީމުތަކުގެ މި ލިސްޓުގެ ތެރެއަށް ސައުދީން ވަންނަން ކުރަމުން އަންނަ މަސައްކަތް ނިއުކާސަލްގެ ޑީލާ އެކު ކުރިއަށްދާނެ އެވެ.

ސައުދީގެ "ވިޝަން 2030" ޕްރޮޖެކްޓަށް މިހާރު އެންމެ ބޮޑަށް ބޭނުންވެފައިވާ ކުޅިވަރުގެ ދާއިރާ އިން ބޭނުންވާ މަގުބޫލުކަމެވެ. އެކަމަށް މަސައްކަތްކުރުމުގެ ގޮތުން އެކި ކަންތައްތައް އަންނަނީ ކުރެވެމުންނެވެ. އެ "ވިޝަން 2030" އަށް އަމާޒުކޮށް ޔޫރަޕްގެ އެކި ގައުމުތަކުގެ ސުޕަ ކަޕް އަންނަނީ ސައުދީގައި ކުޅޭ ގޮތް ހަމަޖައްސަމުންނެވެ. މިހާތަނަށް އިޓަލީ އާއި ސްޕެއިނުން ވަނީ ސައުދީގައި ސުޕަ ކަޕް ކުޅެފަ އެވެ. ކުރިއަށް އޮތްތަނުގައި އެކި ޑީލްތަކާ އެކު އެ މުބާރާތްތައް ސައުދީގައި ކުރިއަށްދާނެ އެވެ. މީގެ އިތުރުން ބޮކްސިން އާއި ގޮލްފް، ޓެނިސްގެ އިތުރުން ފޯމިއުލާ ވަން ގްރޭންޑް ޕްރީގެ އިވެންޓްތަކަށް މަރުހަބާ ކިޔަން ސައުދީން އަންނަނީ ތައްޔާރުވަމުންނެވެ. އެ ލިސްޓަށް ދެން އިތުރުކުރަން ސައުދީން އަމާޒުހިފީ ދުނިޔޭގެ އެންމެ ވިޔަފާރި ރަނގަޅު ފުޓްބޯޅަ ލީގެވެ. އެއީ އިނގިރޭސި ޕްރިމިއާ ލީގެވެ. އެ ލީގުގެ ފައިސާގެ ކޮންޓްރޯލް ނަގަން ކްލަބެއް ގަންނަން މާ ކުރިން އޮތީ އަމާޒުހިފައިފަ އެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްގެ އިންގްލެންޑުގެ ކެމްޕެއިންތަކުގެ އެންމެ އިސްފަރާތް ކަމަށްވާ ފެލިކްސް ޔަކެންސް ބުނީ އިނގިރޭސި މަގުބޫލު ކްލަބެއް ހޯދުމަކީ ސައުދީން ދުރާލާ ރާވައިގެން ކުރާ ކަމެއް ކަމަށާއި މިކަން ހިނގާނެކަން ކުރިން ވެސް ބެލެވިފައިވާ ކަމަށެވެ.

ނިއުކާސަލްގެ ވެރިޔާ މައިކް އެޝްލީ (ކ) އާއި ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން.

"ދުނިޔެ މި އޮތީ ވައިރަހެއްގެ (ކޮވިޑް-19) ގެ ވަބާ އިން ސަލާމަތްނުވެފައި. މި ވަގުތު ހުރިހާ ސަމާލުކަމެއް މި އޮތީ އެކަމަށް ހުއްޓިފައި. ކޮންމެ ގޮތެއް ވިޔަސް ގިނަ ބަޔެއްގެ ސަމާލުކަން ނުލިބި މި ޑީލް ކުރިއަށް ގޮސްފާނެ. މީގެން ލިބޭނެ މަންފާ އޮތީ ސައުދީ އަށް. އެއީ އެ މީހުންގެ ވިޔަފާރި އާއި ހިއުމަން ރައިޓްސްއާ ދެކޮޅަށް އެ މީހުންނާ ބައިވެރިވެގެން ހިންގާ ލާއިންސާނީ ކަންތައްތައް ފޮރުވޭނެ ގޮތެއް ލިބުން،" ފެލިކްސް ބުންޏެވެ.

"ކުރާ ކަމަކީ އިޝްތިހާރުކުރުން ދުނިޔޭގެ ކުރިމަތީގައި ކޮންމެ ބަޔެއްގެ ވެސް އަމިއްލަ ސަލާމަތްކަން ހޯދުން. މި ވަގުތަށް ބަލާއިރު އެންމެ ގޯސް ކަންތައްތަކެއް ކުރެވޭ މީހުން ވެސް ބަލަނީ އެންމެ ފަސޭހަ ގޮތަކަށް ހާއްސަކޮށް މަގުބޫލުކަން ލިބިފައިވާ ކުޅިވަރެއްގެ، މިސާލަކަށް ފުޓްބޯޅައިގެ ތެރެއިން ނިވާފަތްގަނޑެއް ހޯދުން."

ފެލިކްސް ތުހުމަތުކުރާ ގޮތުގައި ނިއުކާސަލް ގަތުމުގެ ފަހަތުގައި ވެސް ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ހާއްސަ އެޖެންޑާއެއް އޮންނާނެ ކަމަށާއި އެކަމަކު އޭގެ ކަންތައްތަކަކީ ދުރު ވިސްނައިގެން ކުރެވޭ ކަންތައްތަކެއް ކަމަށެވެ. އަދި މީގެ ތެރޭގައި ފޮރުވިފައިވާ ކަންތައްތައް އެނގޭނީ ދުވަސްތައް ހިނގަމުންދާ ވަރަކުން ކަމަށެވެ.

ފާއިތުވި އަހަރުތަކުގައި އިނގިރޭސި ފުޓްބޯޅައިގެ މަގުބޫލުކަން އަހަރަކަށް ވުރެ އަހަރެއް ބޮޑުވަމުން އަންނަ އެންމެ ބޮޑު އެއް ސަބަބަކީ އެ ލީގުގެ ކްލަބްތަށް ގަތުމަށް ގައުމުން ބޭރުގެ އިންވެސްޓަރުންނަށް ހުޅުވިފައިވާ ދޮރެވެ. އިނގިރޭސި ގަދަ ބާރުތަކެއްގެ ގޮތުގައި އޮންނަ ކްލަބްތަކުގެ ލިސްޓު މިހާރު އިތުރުވަމުން އަންނަނީ ވެސް އެ ސަބަބާ ހެދި އެވެ. ނިއުކާސަލް ފަދަ ސަޕޯޓަރުންގެ ގޮތުން މުއްސަނދި ކްލަބެއްގެ ފަހަތަށް ފައިސާގެ ބޮޑު ނުފޫޒެއް ވަނުމަކީ އިނގިރޭސި ފުޓްބޯޅައިގެ ތަޖުރިބާކާރުން ދެކޭގޮތުގައި ކުރިއަށް އޮތް އަހަރުތަކުގައި އެ ގައުމުގެ ފުޓްބޯޅައިގައި އާ ބާރެއްގެ ފެށުމެވެ. ސައުދީއާ އެކުވެ، ނިއުކާސަލް އަށް މި އަންނަ ބަދަލާ އެކު އެ ކްލަބްގެ އަޑުތައް އިނގިރޭސި ފުޓްބޯޅައިގައި ގަދަވާނެ ކަމަށް ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

0 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 77%
icon sad icon sad 0%
icon angry icon angry 23%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454