ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން ނިއުކާސަލް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
15 އެޕްރީލް 2020 - 12:47
ލަންޑަން (އޭޕްރީލް 15) - އިނގިރޭސި ފުޓްބޯޅައިގެ މަޝްހޫރު ކްލަބެއް ކަމަށްވާ ނިއުކާސަލް ޔުނައިޓެޑް، ސައުދީ އަރަބިއްޔާގެ ހިއްސާ ބޮޑު ކުންފުންޏަކަށް ވިއްކާލަން އެ ކްލަބްގެ މިހާރުގެ މެނޭޖްމަންޓުން މަސައްކަތް ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަ ޖެނުއަރީ މަހު ވެސް ސައުދީގެ ބަޔަކު އިސްވެ، ނިއުކާސަލް ގަންނަން ކުރި މަސައްކަތް ކާމިޔާބުނުވި އެވެ. އެކަމަކު މި ފަހަރު ސައުދީގެ އިންވެސްޓަރުންގެ ބޮޑު ހިއްސާއަކާ އެކު ނިއުކާސަލް ގަންނަން ހުށަހެޅީ އަމަންޑާ ސްޓަވިލީސްގެ ޕީސީޕީ ކެޕިޓަލް ޕާޓްނާސްގެ ފަރާތުންނެވެ. ޕީސީޕީއާ އެކު ނިއުކާސަލްގެ ވެރިޔާ އެޝްލީ ވަނީ މަޝްވަރާތަށް ފަށައިފަ އެވެ.
ފާއިތުވި 13 އަހަރު ނިއުކާސަލްގެ ވެރިޔަކަށް ހުރި މައިކް އެޝްލީ އަށް ގިނަ ޕްރެޝަރުތަކެއް ކުރިމަތިވި ނަމަވެސް އެ ކްލަބް ވިއްކާލަން އޭނާ ވަނީ އެކި ފަހަރުމަތިން ދެކޮޅު ހަދައިފަ އެވެ. އެކަމަކު ދާދި ފަހުން ސައުދީ ވިޔަފާރިވެރިންގެ ބަޔެއްގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުންޏެއް ވަނީ ނިއުކާސަލް ގަތުމަށްޓަކައި އިނގިރޭސި ރެގިއުލޭޓާސް އޮފް ކޮމްޕެނީސްގައި ރަޖިސްޓްރީވުމަށް ލިޔެކިއުންތައް ހުށަހަޅައިފަ އެވެ.
މިކަމާ ބެހޭގޮތުން ނިއުކާސަލް އާއި ސްޓަވީލީސް އިން މީޑިއާގައި އަދި ވާހަކަ ދައްކާފައިނުވި ނަމަވެސް މަޝްވަރާކުރާ ޑީލްގެ އަގަކީ 300 މިލިއަން ޕައުންޑަށެވެ. ޖެނުއަރީ މަހު ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ހިއްސާއާ އެކު ނިއުކާސަލް ގަންނަން 340 މިލިއަން ޕައުންޑްގެ ބިޑެއް ކުރި ނަމަވެސް އޭރު އޭޝްލީ ނިއުކާސަލް ވިއްކާލަން ބޭނުމެއްނުވި އެވެ.
އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ނިއުކާސަލްގެ ވެރިންނާއި ޑިރެކްޓަރުންގެ ލިސްޓަށް ބަދަލުތަކެއް އަންނާނެކަން އިނގިރޭސި އެފްއޭ އަށް ވެސް ވަނީ އަންގައިފަ އެވެ. އެކަމަކު ރަސްމީކޮށް އިނގިރޭސި އެފްއޭ އިން ވެސް އެކަން އާންމުކޮށްފައެއް ނުވެ އެވެ.
ހަލުވިކަމާ އެކު ދުނިޔޭގައި ފެތުރޭ ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އިނގިރޭސި ފުޓްބޯޅަ ސީޒަން ވެސް އޮތީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފަ އެެވެ. މި ވަގުތު ކްލަބަށް ލިބެމުންދާ މާލީ ގެއްލުންތަކުގެ ސަބަބުން ނިއުކާސަލުން ވަނީ ކްލަބްގެ ބައެއް ސްޓާފުންނަށް މުސާރަ ދޭން ސަރުކާރުގެ ސްކީމުގައި ބައިވެރިވެފަ އެވެ. މިކަމުގެ ސަބަބުން ވެސް ނިއުކާސަލްގެ ވެރިޔާ އެޝްލީ އަށް ވަނީ ޕްރެޝަރުތަކެއް ކުރިމަތިވެފަ އެވެ. ރިޕޯޓްތައް ބުނާގޮތުން އެޝްލީ މި ވަގުތު ނިއުކާސަލް ވިއްކާލަނީ ކުރިއަށް އޮތްތަނުގައި ކްލަބްގައި ހުރެގެން ލިބިދާނެ ގެއްލުންތަކުން ވިޔަފާރި ސަލާމަތްކުރުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިކޮނޯމިކް ވައިރަސް
15 April 2020
މިވައިރަހުގެ އަސަރު އެއްމެ ބޮޑަށް ފެންނާނީ ދުނިޔޭގެ އިގްތިސާދުން. އަދި މިއީ ކުރިއަށް ހުރި ކަންކަމުގެ ކުޑަ މިސާލެއް. ދުނިޔޭގެ ބޮޑިތި މަހުޖަނުން އަދި ފައިސާހުރި ގައުމުތަކުން އެހެން މީހުންނާ ފަރަގު ވަރަށް ބޮޑުކޮށްލާނެ މިފަހަރު. އެތައް ކުދި ވިޔަފާރިތަކެއް ބަނގުރޫޓުވެ ކެޕިޓަލް ހުރި ބޮޑު މަހުޖަނުން ކުޑަ އަގުގަ ވިޔަފާރިތައް ޓޭކްއޯވާ ކުރާނެ.