ލަންޑަން (މެއި 23) - އިންގްލެންޑުގެ ނިއުކާސަލް ޔުނައިޓެޑް، ސައުދީ އަރަބިއްޔާ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ހިއްސާ އޮތް ކުންފުންޏަކަށް ވިއްކާލި ޑީލް ނިމުމާ އެކު ސައުދީން އިތުރު ފުޓްބޯޅަ ކްލަބްތަކެއް ގަތުމުގެ މަސައްކަތްތަށް ފަށާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އަމަންޑާ ސްޓަވިލީސްގެ ޕީސީޕީ ކެޕިޓަލް ޕާޓްނާސްގެ މެދުވެރިކޮށް މުހައްމަދު ބިން ސަލްމާން ނިއުކާސަލް ގަންނަން ހަރަދުކުރަނީ ސައުދީ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިންނެވެ. މައިކް އެޝްލީގެ ސްޕޯޓްސް ޑައިރެކްޓުން ނިއުކާސަލް ވިއްކާލި ޑީލް ޕްރިމިއާ ލީގުން މިހާރު ވަނީ އެޕްރޫވްކޮށްފަ އެވެ. އަދި ރަސްމީކޮށް އަންނަ މަހު އެއް ވަނަ ދުވަހު އެ ކަން އިއުލާންކުރާނެ އެވެ. އެޝްލީ، 2007 ވަނަ އަހަރު 134 މިލިއަން ޕައުންޑަށް ގަތް ނިއުކާސަލް ވިއްކާލީ 300 މިލިއަން ޕައުންޑަށެވެ.
ރިޕޯޓްތައް ބުނާގޮތުން ކުރިއަށް އޮތްތަނުގައި ސަލްމާންގެ ހިއްސާގެ ގޮތުގައި ނިއުކާސަލްގައި އޮންނާނީ 80 ޕަސެންޓް އެވެ. ބާކީ 20 ޕަސެންޓް ހިއްސާކުރަނީ އަމަންޑާ އާއި ރިއުބެން ބްރަދާސްގެ ތެރެއިން ކޮންމެ ބަޔަކަށް 10 ޕަސެންޓް ލިބޭ ގޮތަށެވެ.
ޕްރިމިއާ ލީގުން ނިއުކާސަލްގެ މި ޑީލް ރަޖިސްޓްރީކޮށްދީފައިމިވަނީ އެކަން ނުކޮށްދޭން ގިނަ ފަރާތްތަކުން ގޮވާލައިފައި ވަނިކޮށެވެ. އެ ގޮތުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ އެމްނެސްޓީ އިންޓަނޭޝަަނަލާއި މީގެ ދޮޅު އަހަރު ކުރިން މަރާލި ނޫސްވެރިޔާ ޖަމާލް ހާޝުގުޖީގެ އަންހެނުން ވެސް ވަނީ މިއީ ސައުދީން ވަކި އެޖެންޑާއެއް ހާސިލްކުރަން ކުރާ ކަމެއް ކަމަށް ބުނެފަ އެވެ. ފުޓްބޯޅައިގެ ތެރެއަށް ވަދެ ސައުދީން ފޮރުވަން މަސައްކަތްކުރަނީ އެ ގައުމުން ހިންގާ ލާއިންސާނީ އަމަލުތައް ކަމަށް އެމްނެސްޓީން ބުނެ އެވެ.
ޔުއޭއީގެ ސަރުކާރު ހިއްސާވާ ގޮތަށް އޮތް ސިޓީ ފުޓްބޯލް ގްރޫޕުން ވެސް އަންނަނީ ދުނިޔޭގެ އެކި ގައުމުތަކުން ފުޓްބޯޅަ ކްލަބްތައް ގަންނަމުންނެވެ. އެންމެ ފުރަތަަމަ ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީ ގަތުމަށް ފަހު އެ ފަހުން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އިތުރު ހަތް ޓީމު ގަނެފަ އެވެ.
ސައުދީގެ ޝާހީ އާއިލާގެ ފަރާތުން އަމީރު ވަލީދު ބިން ތަލާލް، ފްރާންސްގެ ކްލަބެއް ކަމަށްވާ މާސޭ ގަންނަން އަންނަނީ މަޝްވަރާކުރަމުންނެވެ. މި ޑީލަށް ވެސް ހަރަދުކުރާނީ ސައުދީގެ ޕީއައިއެފް އިންނެވެ. މިއީ ސައުދީގެ ވިޝަން 2030 ޕްރޮޖެކްޓްގެ ތެރެއިން ކުރެވޭ މަސައްކަތެވެ. މި ޕްރޮޖެކްޓްގެ ތެރެއިން ކުރިއަށް އޮތްތަނުގައި ސްޕެއިނާއި ޕޯޗުގަލް، ސްވިޒަލެންޑާއި އަދި ބެލްޖިއަމްގެ ޓީމުތައް ގަންނާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.