ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ފަހު ވަގުތު ޕެނަލްޓީއަކުން ލިވަޕޫލް ސަލާމަތްވެ، ޕޮއިންޓަކުން ފުއްދާލައިފި އެވެ. 

ނިއުކާސަލްގައި ކުޅުނު މެޗު 2-2 ން ހަމަހަމަވީ، މެޗުގެ އިތުރު ވަގުތުގެ ނުވަނަ މިނެޓްގައި ޑޮމިނިކް ސޮބޮސްލާއި ޖެހި ޕެނަލްޓީންނެވެ. އެ ލަނޑުން ބަލިނުވެ ސަލާމަތްވިޔަސް، "މިއީ އެއްގޮތަކަށް ވެސް ބޭނުންވި ނަތީޖާއެއް ނޫން" ކަމަށް ލިވަޕޫލްގެ ކޯޗު އެންޑޯނީ އިރައޯލާ ބުންޏެވެ. 

"އަހަރެމެން މާކުރިން ލަނޑުޖަހަންޖެހޭ ވަރަށް މަސައްކަތްކުރިން،" އޭނާ ބުންޏެވެ.

"ފަހު ވަގުތު ގޯލެއް ޖެހީމަ އުފާވެރި އިހްސާސެއް ކުރެވިދާނެ. (އެކަމަކު) ދެކެން. މެޗުގެ ކުރިން ފަހަރެއްގައި މި ނަތީޖާ ބަލައިނުގަނެވުނީސް."

އޭނާ ބުނީ އޭގެ ކުރިން ލަނޑު ޖެހޭނެ މިންވަރަށް، ލިވަޕޫލްގެ ޓީމުން މަސައްކަތް ކުރި ކަމަށެވެ. ކުރިން ނަތީޖާ ހަމަހަމަ ކުރެވުނުނަމަ، ތަފާތު ނަތީޖާއެއް ވެސް ލިބުމުގެ ފުރުސަތު އޮތް ކަމަށް އިރައޯލާ ބުންޏެވެ. 

ލިވަޕޫލްގެ ޑޮމިނިކް ސޮބޮސްލާއި ޕެނަލްޓީ ސްޕޮޓުން ޓީމުގެ ދެވަނަ ގޯލް ޖަހަނީ. ފޮޓޯ: ޕޯލް އެލިސް | އޭއެފްޕީ
ލިވަޕޫލްގެ ޑޮމިނިކް ސޮބޮސްލާއި ޕެނަލްޓީ ސްޕޮޓުން ޓީމުގެ ދެވަނަ ގޯލް ޖަހަނީ. ފޮޓޯ: ޕޯލް އެލިސް | އޭއެފްޕީ

"އެކަމަކު އެ ގޯލް ޖަހަން ބޭނުންވި ވަރަށްވުރެ ބޮޑަށް ފުރުސަތު ތަނަވަސްކުރެވިއްޖެ ކަމަށް ދެކެން. އަދި ކުޑަކޮށް އަވަހަށް ގޯލް ޖެހުނު ނަމަ މެޗުގެ ހަގީގީ ނަތީޖާ ފެންނާނީ ފަހަރެއްގައި އަހަރެމެންނަށް ފައިދާވާ ގޮތަށް،" މި ސީޒަނުގައި ލިވަޕޫލާ ހަވާލުވި ކޯޗު ބުންޏެވެ. 

އެ ޕެނަލްޓީއާ މެދު ނިއުކާސަލްގެ ކޯޗު މަތިއަސް ޔައިސްލީ އެއްބަހެއް ނުވެ އެވެ. ޕްރިމިއާ ލީގުގައި މުޅިން އަލަށް މަސައްކަތް ކުރާ ކޯޗު ބުނީ އެއީ ސޮފްޓް ޗާޖެއް ކަމަށެވެ. 

ލިވަޕޫލްގެ ވިކްޓާ މުނޯޒް، ނިއުކާސަލްގެ ޕެނަލްޓީ އޭރިއާއަށް ވަނުމުން، އެ ޓީމުގެ ލުއިސް ހޯލް އޭނާގެ ކަކުލާއި ފަލަމަސްގަނޑު ބޭނުންކޮށްގެން ސްޕެއިންގެ ފޯވާޑް، މޮނޯޒަށް ހުރަސްއަޅައިފަ އެވެ. މުނޯޒު އޭރިއާތެރެއަށް ވައްޓާލާފަ އެވެ.ވެއްޓުމުން. ޕެނަލްޓީއަށް ރެފްރީ އިޝާރާތުން ދެއްކި އެވެ. ވީއޭއާރުން ވެސް އެކަން ބެލި އެވެ. 

ނިއުކާސަލްގެ ލުއިސް ހޯލް، ލިވަޕޫލްގެ ވިކްޓޯ މުނިއޯޒަށް ފައުލްކުރި ވަގުތު، މިއީ ޕެނަލްޓީ ދިން ހާލަތު --- ފޮޓޯ: ޖޯޖް ވުޑް | ގެޓީ އިމޭޖަސް
ނިއުކާސަލްގެ ލުއިސް ހޯލް، ލިވަޕޫލްގެ ވިކްޓޯ މުނިއޯޒަށް ފައުލްކުރި ވަގުތު، މިއީ ޕެނަލްޓީ ދިން ހާލަތު --- ފޮޓޯ: ޖޯޖް ވުޑް | ގެޓީ އިމޭޖަސް

"ޕެނަލްޓީއަކީ ސޮފްޓް ނިންމުމެއް ކަމަށް އަހަރެން ދެކެނީ. މިކަހަލަ ޕެނަލްޓީތައް ދޭން ފަށައިފިއްޔާ ވަރަށް ގިނަ ޕެނަލްޓީ ފެންނަން ފަށާނެ،" ޔައިސްލީ ބުންޏެވެ.

މެޗުގައި ފުރަތަމަ ލީޑް ނެގީ ނިއުކސާލުންނެވެ. ފަސްވަނަ މިނެޓްގައި އެންތޮނީ އެލަންގާ ލަނޑު ޖަހައި ލިޑް ނަގައިދިނެވެ. ދެވަނަ ހާފު ފެށިގެން 10 ވަނަ މިނެޓްގައި ކޯޑީ ގަކްޕޯ ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. އެކަމަކު އޭގެ ދެ މިނެޓް ފަހުން ޖޯ ވިލޮކް ނިއުކާސަލަށް ލިޑް ނަގައިދިނެވެ. 

ތިން ޕޮއިންޓާ އެކު މެޗު ނިންމާލުމުގެ ފުރުސަތެއް ނިއުކާސަލަށް ނުލިބުނެވެ. 

"ދެ ޕޮއިންޓް ގެއްލުނީމަ ބަލައިގަންނަށް ފަސޭހައެއް ނޫން،" ޔައިސްލީ ބުންޏެވެ.