އާސެނަލްއާ ދެކޮޅަށް ލިވަޕޫލަށް ލިބެންޖެހޭ "ހައްގު" ޕެނަލްޓީއެއް ނުލިބުމަކީ ލަދުވެތިވާންޖެހޭ ކަމެއް ކަމަށް އެ ޓީމުގެ ކޯޗު އެންޑޯނީ އިރައޯލާ ބުނެފި އެވެ. 

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ބްރެޑްލީ ބާކޯލާ ނަގައިދިން ހުރަހަކަށް އެލެކްސެންޑާ އީސާކް އަރަން އުޅުމުގެ ތެރޭގައި، އާސެނަލްގެ ޔޫރިއަން ޓިމްބާ ވަނީ އޭނާގެ ފަހަތުން ހިފަހައްޓައި ވައްޓާލަން މަސައްކަތްކޮށްފަ އެވެ.ނަމަވެސް ސްވިޑެންގެ ފޯވާޑް އީސާކް ނުވެއްޓި ކުޅެން މަސައްކަތް ކުރި އެވެ. ރެފްރީ ވެސް އަދި ވީއޭއާރް ވެސް އެކަމަކަށް އަޅައެއް ނުލި އެވެ. 

އިރައޯލާ ބުނީ އެއީ ހައްގު ފައުލެއް ކަމަށެވެ. ނަމަވެސް އިސާކް ތެދުވެރިވުމުން އެކަމަށް އެއްވެސް އިނާޔަތެއް ނުލިބުނު ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ އެކަމަށް ރެފްރީ އަޅާނުލުމަކީ ލަދުވެތި ކަމެއް ކަމަށެވެ. 

"މިފަދަ ސުވާލެއް ކުރަންޖެހުމަކީ ވެސް ލަދުވެތި ކަމެއް. ނަމަވެސް ތެދުތެދަށް ބުނާނަމަ އާނ، ދެން ކުޅުންތެރިން ގާތު ބުނަންޖެހޭނީ ދަނޑުމައްޗަށް ވެއްޓޭށޭ. އެހެން ނޫނީ އެ މީހުން (ރެފްރީން) އެ ނިންމުމެއް ނުނިންމާނެ،" މެޗަށް ފަހު އިރައޯލާ ބުންޏެވެ. 

"ހަމައެކަނި އޭނާ ޑައިވް ނުކުރުމުން ނުވަތަ ދަނޑުމައްޗަށް ނުވެއްޓުމަކީ ސަބަބަކަށް ވެގެން ނުވާނެ. ނަމަވެސް ޔަގީނުން ވެސް އެއީ ޕެނަލްޓީއެއް."

ކައި ހަވާޓްޒް ޖެހި ލަނޑުން އާސެނަލް ކުރިހޯދާފައިވަނިކޮށް، މެޗުގެ ނަތީޖާ ހަމަހަމަކުރަން ލިވަޕޫލުން ބުރަ މަސައްކަތެއް ކުރި އެވެ. ފްލޯރިއަން ވާޓްޒް ފޮނުވާލި ހިލޭޖެހުން ގޯލުގެ ހުރަސްދަނޑިއަށް ވެސް އަމާޒުވި އެވެ. އެކަމަކު އެއްވެސް ހަމަލާއެއް ގޯލާ ސީދާ ކުރެވޭ ގޮތެއް ނުވެ އެވެ. 

"އަހަރެމެންނަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު. ގޯލުގެ ހުރަސް ދަނޑީގައި ވެސް ޖެހުނު، ނަމަވެސް ނިންމާނުލެވުނީ. ޔަގީނުން ވެސް އަހަރެމެންނަށް ލަނޑެއް ހައްގު،" އިރާއޯލާ ބުންޏެވެ.

"ނަތީޖާ 1-0 އިން ފަހަތުގައި އޮއްވައި ކުޅުންތެރިން ދެއްކި ހިތްވަރަށް އަހަރެން ސާބަސް ދެން... ސީޒަންގެ އަދި މިއީ ފެށުން. ނޮވެމްބަރު މަސް އެކަނި މިއައީ."