ނޫސްވެރިޔާ ޖަމާލް ހާޝުގުޖީ (ކ) އާއި ވަލީ އަހުދު މުހައްމަދު ބިން ސަލްމާން.-- ފޮޓޯ: އޭއެފްޕީ
29 އެޕްރީލް 2020 - 13:58
އިސްތަންބޫލް (އޭޕްރީލް 29) - އިންގްލެންޑުގެ ނިއުކާސަލް ޔުނައިޓެޑް، ސައުދީ އަރަބިއްޔާ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ހިއްސާ އޮތް ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް، މީގެ ދޮޅު އަހަރު ކުރިން މަރާލި ނޫސްވެރިޔާ ޖަމާލް ހާޝުގުޖީގެ އަންހެނުން ތެދުވެއްޖެ އެވެ.
ނިއުކާސަލް ގަންނަން ހުށަހެޅީ އަމަންޑާ ސްޓަވިލީސްގެ ޕީސީޕީ ކެޕިޓަލް ޕާޓްނާސްގެ ފަރާތުންނެވެ. އަމަންޑާއާ އެކު ނިއުކާސަލްގެ މި ޑީލް ކުރިއަށް ގޮސްފިނަމަ އެ ކްލަބްގައި ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ 80 ޕަސެންޓް ހިއްސާ އޮންނާނެ އެވެ. މުހައްމަދު ބިން ސަލްމާން މި ޑީލަށް އިންވެސްޓްކުރަނީ ސައުދީ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) މެދުވެރިކޮށެވެ. ބާކީ 20 ޕަސެންޓް ބެހިފައި އޮތީ އަމަންޑާ އާއި ރިއުބެން ބްރަދާސްގެ ތެރެއިން ކޮންމެ ބަޔަކަށް 10 ޕަސެންޓް ލިބޭ ގޮތަށެވެ.
މި ޑީލާ ދެކޮޅަށް މީގެ ކުރިން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ އެމްނެސްޓީ އިންޓަނޭޝަަނަލް އިން ވެސް ވަނީ އަޑުއުފުލައިފަ އެވެ.
ސައުދީ ސަރުކާރަށް ފާޑުކިޔަމުން ދިޔަ ވޮޝިންޓަން ޕޯސްޓުގެ ކޮލަމިސްޓް ޚާޝުގްޖީ ތުރުކީގެ އިސްތަންބޫލުގައި ހުންނަ ކޮންސިއުލާގައި 2018 ވަނަ އަހަރު އޮކްޓޫބަރު މަހުގެ ދެ ވަނަ ދުވަހު މަރާލީ، ފަނަރަ މީހުންގެ މައްޗަށް އެކުލެވޭ ސައުދީގެ ސިއްރު ފުލުހުންގެ އެޖެންޓުންގެ ބައެކެވެ. އޭގެ ތެރޭ ހިމެނޭ ފަސް މީހަކަށް މިދިޔަ ޑިސެމްބަރު މަހު ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ.
ޚާޝުގްޖީގެ މަރާ، ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ ގުޅުން އެބައޮތް ކަމަށް އދ.ގެ ތަހުގީގު ރިޕޯޓްގައި ބުނެފައިވެ އެވެ. އެކަން ސީއައިއޭ އިން ވެސް ޔަގީންކުރެ އެވެ. އެހެން ނަމަވެސް މުހައްމަދު ބިން ސަލްމާން ވަނީ މިހާތަނަށް އެ ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ.
ހާޝުގުޖީގެ ލޯބިވެރިޔާ ތުރުކީ އަށް އުފަން ޝެންގިޒް ވަކީލުން ވަނީ ނިއުކާސަލް ގަންނަން މުހައްމަދު ބިން ސަލްމާން ކުރައްވަމުން އަންނަ މަސައްކަތް ފުރިހަމަނުކޮށްދޭން އެދި ޕްރިމިއާ ލީގުގެ ޗީފް އެގްޒެކްޓިވް ރިޗަޑް މާސްޓާސް އަށް ސިޓީއެއް ފޮނުވައިފަ އެވެ.
"ހާޝުގުޖީގެ މަރާލުން ފަދަ އިންސާނިއްޔަތާ ހިލާފު އެ ފަދަ އަމަލެއްގައި ބައިވެރިވި ފަރާތަކަށް ޕްރިމިއާ ލީގާއި އިނގިރޭސި ފުޓްބޯޅައިން ފުރުސަތު ދިނުމަކީ ކުރެވޭނެ ވަރަށް ބޮޑު ގޯސްކަމެއް. މިއީ ވަކި ބަޔަކު ވަކި މަގުސަދެއްގައި ކުރަމުން އަންނަ ކަންތައްތަކެއް ފޮރުވުމަށް އެހެން ދިމާލަކަށް މިސްރާބު އަނބުރާލަން ކުރެވޭ ކަމެއް. މިއީ ސައުދީން ހިންގަމުން އަންނަ އިންސާނިއްޔަތާ ހިލާފު އަމަލުތަކެއް ކުޅިވަރުގެ ތެރެއިން ފޮރުވަން ހިންގޭ އަމަލެއް. މި ފަދަ ކަމަކަށް އިނގިރޭސި ފުޓްބޯޅައިން ފުރުސަތު ނުދޭން ގޮވާލަން،" ޝެންގިޒްގެ ވަކީލުންގެ ޓީމުން ފޮނުވި ސިޓީގައިވެ އެވެ.
ނިއުކާސަލް ޑީލުގެ ފުރިހަމަ ވިޔަ ނުދޭން އެކި ފަރާތްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި ގަލްފް ސަރަހައްދަށް ނިސްބަތްވާ އެކި މަހުޖަނުން ވެސް ހިމެނެ އެވެ. ނިއުކާސަލް ޑީލުގައި ފޮރުވިފައިވާ ބޮޑު އެޖެންޑާއެއް އޮތްކަމަށް ބުނެ އެކި ފަރާތްތަކުން ވަނީ އެކަން އިނގިރޭސި ސަރުކާރުގެ ސަމާލުކަމަށް ވެސް ގެނެސްފަ އެވެ. އިނގިރޭސި ކަލްޗާ ސެކްރެޓަރީ އޮލިވާ ޑޯޑެން ވިދާޅުވީ މިއީ އިނގިރޭސި ސަރުކާރަށް ވުރެން ޕްރިމިއާ ލީގުން ބަލަންޖެހޭ ކަންތައްތައް ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy