ޗެމްޕިއަންސް ލީގުގައި ސްޕެއިނުގެ ބާސެލޯނާ އާއި ޖަރުމަނުގެ ޑޯޓްމަންޑް ކުޅުނު މެޗުގެ ތެރެއިން
01 މެއި 2020 - 13:49
މެޑްރިޑް (މެއި 1) - މެދުކަނޑާލާފައިވާ ޖަރުމަނާއި ސްޕެއިންގެ ފުޓްބޯޅަ ލީގު އަލުން ފެށުމުގެ ގޮތުން އެ ގައުމުގެ ފުޓްބޯޅަ ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ކޮވިޑް-19ގެ ސަބަބުން މިދިޔަ މާޗް މަހު ޔޫރަޕްގެ ގައުމުތަކެއްގެ ފުޓްބޯޅަ ސީޒަންތައް ވަނީ މެދުކަނޑާލައިފަ އެވެ. ބައެއް ގައުމުތަކަށް އަލުން ސީޒަން ފެށޭނެ ގޮތެއް ނެތުމުން ސީޒަން ވަނީ ކެންސަލްކޮށްފަ އެވެ. އޭގެ ތެރޭގައި ނެދަލެންޑްސް އާއި ފްރާންސްގެ އިތުރުން ބެލްޖިއަމް ހިމެނެ އެވެ. އެހެން ނަމަވެސް އެހެން ގައުމުތަކުން އަންނަނީ ސީޒަން ކެންސަލްކޮށްފިނަމަ ޓީމުތަކަށް ލިބޭނެ މާލީ ގެއްލުންތަކުން ސަލާމަތްވުމުގެ ގޮތުން އަލުން ސީޒަން ފަށަން ކުރެވޭނެ ހުރިހާ މަސައްކަތެއް ކުރަމުންނެވެ. އެ ގޮތުން އެ މަސައްކަތް އެންމެ ވަރުގަދަ އަށް ކުރާ ގައުމުތަކުގެ ތެރޭގައި ޖަރުމަނާއި ސްޕެއިން ހިމެނެ އެވެ.
ރިޕޯޓްތައް ބުނާގޮތުން ސްޕެނިޝް ލީގު ހިންގާ އެލްއެފްޕީގެ ރައީސް ހަވިއޭ ޓެބާސް ވަނީ ދާދި ފަހުން ކްލަބްތަކާ އެކު ބޭއްވި ވީޑިއޯ ކޮންފަރެންސެއްގައި ވީ އެންމެ އަވަހަށް ފުޓްބޯޅަ ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓްކުރާން އެދިފަ އެވެ. އެ އެންގުމާ އެއްގޮތަށް ގިނަ ކްލަބްތަކުން އަންނަނީ ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފަ އެވެ. އޭގެ ތެރޭގައި އެންމެ ގިނައިން ކޮވިޑް-19 ޕޮޒިޓިވް ކޭސް ފެނުނު ކްލަބް ވެލެންސިއާ ވެސް ހިމެނެ އެވެ.
ސްޕެނިޝް ލީގުގެ ވިސްނުމަކީ ކުރިއަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި ލަސްވެގެން ހުރިހާ ކުޅުންތެރިންނެއް ކޮވިޑަށް ޓެސްޓްކޮށް މި މަހު 18 ވަނަ ދުވަހު ޓީމުތަކުގެ ޕްރެކްޓިސް ފަށައި އަންނަ މަހު މެޗުތައް ފެށޭނެ ހާލަތަށް ދިއުމަށެވެ.
މި މަހު ނުވަ ވަނަ ދުވަހު ޖަރުމަނު ލީގު ފަށަން މަސައްކަތް ކުރި ނަމަވެސް އެ ތާރީހުގައި ނުފެށޭނެކަން މިހާރު ވަނީ ގާތްގަނޑަކަށް ޔަގީންވެފަ އެވެ. އެކަމަކު ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ގަބޫލުކުރާގޮތުގައި ހުރިހާ ކްލަބަކުން ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ފަހު އަލުން ފުޓްބޯޅަ ސީޒަން ފަށަން ސަރުކާރުން ދެކޮޅު ނުހަދާނެ އެވެ. އެ ގޮތުން މިހާރު ގިނަ ކްލަބްތަކުން ވަނީ ކޮވިޑް-19 އަށް ކުޅުންތެރިން ޓެސްޓް ކުރަން ފަށައިފަ އެވެ.
ޖަރުމަނަކީ ކޮވިޑް-19 އަށް ޔޫރަޕުން އެންމެ ވަރުގަދަ އަށް ފިޔަވަޅު އެޅި އެއް ގައުމެވެ. އެ ގައުމުގައި ބަލި ޕީކަށް ނުގޮސް ކޮންޓްރޯލްކުރެވުމާ އެކު މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ފިޒިކަލް ޑިސްޓެންސިން ގައިޑްލައިންތަކާ އެއްގޮތަށް ފުޓްބޯޅަ ޓީމުތަކުން ވަނީ ޕްރެކްޓިސް ފަށައިފަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގު ވެސް ޖޫން މަހު ފަށަން އަމާޒުހިފާއިވާއިރު، އެކަން ކުރުމުގެ ކުރިން ކުޅުންތެރިން ޕްރެކްޓިހަށް ނެރޭނީ ކޮވިޑް-19 އަށް ޓެސްޓްކޮށްފަ އެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި މަހު މެދުތެރޭގައި އިނގިރޭސި ކްލަބްތަކުން ޕްރެކްޓިސް ފަށަން އަންނަނީ މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy