އެތުލެޓިކޯގެ މެޑްރިޑުގެ ގައިޓަން އާއި ހުއަންފްރެން އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
16 އޮކްޓޯބަރ 2016 - 08:49
މެޑްރިޑް (އޮކްޓޯބަރު 16) - ޔަނިޗް ކަރަސްކޯގެ ހެޓްރިކާ އެކު ގްރަނަޑާ އަތުން 7-1 އިން މޮޅުވެ ސްޕެނިޝް ލީގުގެ އެއް ވަނަ މަގާމަށް އެތުލެޓިކޯ މެޑްރިޑް އަލުން އަރައިފި އެވެ.
އެ ޓީމު 18 ޕޮއިންޓް ހަމަކޮށް ލަނޑުގެ ތަފާތުން އެއް ވަނަ އަށް އެރިއިރު ވާދަވެރި ރެއާލް މެޑްރިޑް ވަނީ ރެއާލް ބެޓިސް އަތުން 6-1 އިން މޮޅުވެ 18 ޕޮއިންޓް ހަމަކޮށް އެތުލެޓިކޯ އަށް ޕްރެޝަރު ބޮޑުކޮށްފަ އެވެ. ސަތާރަ ޕޮއިންޓާ އެކު ސެވިއްޔާ ތިން ވަނައިގައި އޮތްއިރު ރޭ ޑިޕޯޓިވޯ ލަ ކޮރޫނާ އަތުން 4-0 އިން މޮޅުވި ބާސެލޯނާ އޮތީ 16 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ.
ރަފީނިއާގެ ދެ ލަނޑާއި ލުއިސް ސުއަރޭޒްގެ ލަނޑުން ބާސެލޯނާ ކުރީގައި އޮއްވާ އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖަހައިދިނީ އަނިޔާއަށް ފަހު ރޭ ކުޅެން ނުކުތް ލިއޮނަލް މެސީ އެވެ. އޭނާ ދެ ވަނަ ހާފުގެ ކުރީކޮޅު ކުޅެން ނުކުތްއިރު މިނެޓެއްގެ ތެރޭގައި އޭނާ ވަނީ ލަނޑު ޖަހައިފަ އެވެ.
ގިނަ މެޗުތަކެއް އެއްވަރުވެ ޕްރެޝަރަށް ގޮސްފައިވާ ރެއާލުން ރޭ ތަފާތު ބޮޑު މޮޅެއް ހޯދިއިރު ކްރިސްޓިއާނޯ ރޮނާލްޑޯ ލަނޑެއް ޖެހި އެވެ. އަނެއް ފަސް ލަނޑުގެ ތެރެއިން އިސްކޯ ދެ ލަނޑު ޖެހިއިރު އަނެއް ތިން ލަނޑު ކާމިޔާބުކުރީ ރަފައެލް ވަރާން އާއި ކަރިމް ބެންޒެމާ އަދި މާސެލޯ އެވެ.
ރޭ އެތުލެޓިކޯ ބޮޑު ތަފާތަކުން މޮޅުވީ ގްރަނަޑާ އިން ލީޑު ނަގާފައިވަނިކޮށް ފަހަތުން އަރަ އެވެ. ކަރަސްކޯ ތިން ލަނޑު ޖެހިއިރު ގައިޓާން ދެ ލަނޑު ވައްދާލި އެވެ. އަނެއް ދެ ލަނޑު ކާމިޔާބުކުރީ ޓިއާގޯ އަދި އެންހެލް ކޮރެއާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
16 October 2016
މަރުހަބާ ބާސާ.އެތުލެޓިކޯ އަދި ރެއާލް.