ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

ކުޅުންތެރިންނަށް ގެއްލުމެއް ވިޔަ ނުދޭނަން: ކްލޮޕް

ލިވަޕޫލް (މެއި 21) - ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު އަލުން އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް ފަށަން މަސައްކަތްކުރަމުން އަންނައިރު، ގަސްދުގައި އެނގިހުރެ ކުޅުންތެރިން ނުރައްކަލުގެ ތެރެއަށް ދޫކޮށްނުލާނެ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ޕްރިމިއާ ލީގުގެ ކްލަބްތަކުގެ ވޯޓުން ފާސްކޮށް ކުޅުންތެރިން ކުދި ގްރޫޕްތަކެއް ގޮތަށް ޕްރެކްޓިސް ކުރުމުގެ ފުރުސަތު ވަނީ ދީފަ އެވެ. ޕްރެކްޓިސް ފެށުމުގެ ކުރިން ޕްރިމިއާ ލީގުގެ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް-19 އަށް ޓެސްޓްކުރިއިރު ހަ ޕޮޒިޓިވް ކޭސް އެއް ވަނީ ފެނިފަ އެވެ. އަންނަ މަހު ލީގު ފަށަން މަސައްކަތްކުރަމުން އަންނައިރު، ބައެއް ކުޅުންތެރިން އަންނަނީ ފުޓްބޯޅަ ފަށަން އަދި މާ އަވަސް ކަމަށް ބުނަމުންނެވެ. އަދި ޓްރެއިނިން އަށް ނުކުންނަން ވެސް ބައެއް ކުޅުންތެރިން ދެކޮޅު ހަދަ އެވެ.

މާޗް މަހު ލީގު މެދުކަނޑާލިއިރު އެއް ވަނައިގައި ލިވަޕޫލް އޮތީ 25 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ތިރީސް އަހަރަށް ފަހު ލީގު ޗެމްޕިއަންކަން ހޯދަން ލިވަޕޫލަށް ދެން ބޭނުންވަނީ ދެ މޮޅެވެ. ލިވަޕޫލުން ޕްރެކްޓިސްތައް ފަށާފައިވާއިރު، އެ ޓީމުގެ ކޯޗު ކްލޮޕް ބުނީ މިއީ އުނދަގޫ ވަގުތެއް ކަމަށާއި ކުރިއަށް ދެވޭނީ ކުޅުންތެރިންގެ އެއްބާރުލުމާ އެކު ކަމަށެވެ.

"އަހަރެމެން ބޭނުންކަމެއް ހާސިލްކުރަން ގަސްދުގައި ކުޅުންތެރިން ނުރައްކަލުގެ ތެރެއަށް ނުލާނަން. ތެދެއް އަހަރެމެން ފުޓްބޯޅަ ދެކެ ލޯބިވޭ. އެއީ އަހަރެމެންގެ ވަޒީފާ. އެކަމަކު މިއީ އަހަރެމެންގެ ފުރާނަ ނޫނީ އެހެން މީހުންގެ ފުރާނަ އަށް ވުރެން މުހިއްމު ކަމެއް ނޫން،" ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ކްލޮޕް ބުންޏެވެ. "ޔަގީންކޮށް ބުނަން އެނގޭ ކަމަކީ ލިވަޕޫލްގައި އެއްވެސް ކުޅުންތެރިޔަކަށް މަޖުބޫރުކަމެއް ނޯންނާނެ،"

ޔޫރަޕްގެ ގައުމުތަކުގައި އަންނަނީ ފުޓްބޯޅަ ސީޒަން ކެންސަލްކުރަމުންނެވެ. ބައެއް ގައުމުތަކުގައި އެއް ވަނައިގައި އޮތް ޓީމަށް ޗެމްޕިއަންކަން ދިނުމަށް ފަހު ވަނީ ލީގު އަވަހަށް ނިންމާލައިފަ އެވެ. ކްލޮޕްގެ ނަޒަރުގައި މި ސީޒަނުގައި އޭނާގެ ޓީމަށް ލީގު ނުލިބިއްޖެނަމަ އެއީ ބޭއިންސާފެކެވެ.

ޕްރިމިއާ ލީގު ކެންސަލްކޮށްލުމުގެ ވިސްނުން މިހާރު ދޫކޮށްލާފައިވާއިރު، އަންނަ މަހު ފަށަން އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އަލުން ލީގު ފެށުމުގައި ކާމިޔާބު ހޯދީ ޖަރުމަނުންނެވެ. މިދިޔަ ހަފްތާ ބަންދުގައި ޖަރުމަނު ލީގު ވަނީ ފަށައިފަ އެވެ.

"އަހަރެމެން ފަށާނެ ދުވަހެއް ޔަގީންކޮށެއް އަދި ނޭނގޭ. އެކަމަކު ޔަގީންކޮށް އެނގޭ ކަމަކީ މިއަދު ޕްރެކްޓިސް ފަށާފައި މާދަމާ މެޗުތައް ކުޅެވޭނެ ހާލަތެއް ނޫން މިއީ. އަހަރެމެން އެބަޖެހޭ މެޗު ފިޓްވެސް ވާން. އަނެއްކޮޅުން ސިއްހީ މާހިރުން ދޭ ލަފާ ވެސް އަޑު އަހަން ޖެހޭ،" ކްލޮޕް ބުންޏެވެ.

އިނގިރޭސި އެފްއޭ އާއި ޕްރިމިއާ ލީގު އަދި އިނގިރޭސި ސަރުކާރުން އެންމެ ފަހުން ބޭއްވި މަޝްވަރާތަކުގައި އެއްނަސްވެވުނީ އަންނަ މަހު މެދުތެރޭގައި އަލުން ލީގު ފަށާގޮތަށެވެ. ސީދާ ތާރީހެއް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭގައި ފައިނަލްކުރާނެ އެވެ.

0 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454