ރޭގެ މެޗުގެ ތެރެއިން ބަޔާނުގެ މުލާ (ކ) ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ
24 މެއި 2020 - 13:56
މިއުނިކް (މެއި 24) - ޖަރުމަނު ލީގުގައި ރަށުންބޭރުގައި ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ވަރުގަދަ މެޗަކަށް ނުކުތުމުގެ ކުރިން ލީގުގައި ރޭ ކުޅުނު މެޗުން އެއް ވަނައިގައި އޮތް ބަޔާން މިއުނިކް މުހިއްމު މޮޅެއް ހޯދައިފި އެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުން 5-2 އިން އެއިންޓްރަކްޓް ފްރޭންކްފާޓް ބަލިކޮށް ބަޔާން ވަނީ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑު ދަމަހައްޓައިފަ އެވެ. ބަޔާނަށް 27 މެޗުން 61 ޕޮއިންޓް ހަމަކުރެވުނުއިރު، އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް ޑޯޓްމަންޑް ވަނީ 57 ޕޮއިންޓް ހޯދައިފަ އެވެ. ރޭ ރަށުން ބޭރުގައި 2-0 އިން ވުލްފްސްބާގް ބަލިކުރި ޑޯޓްމަންޑް ދެން ކުޅޭ މެޗުގައި އަންގާރަ ދުވަހު އަމިއްލަ ދަނޑުގައި ބަޔާނާ ބައްދަލުކުރާނެ އެވެ. މިއީ ލީގު ރޭހުގައި މި ދެ ޓީމަށް ވެސް މުހިއްމު މެޗެކެވެ.
ބަޔާނުން ޖެހިޖެހިގެން އަށް ވަނަ އަހަރު ލީގު ހޯދަން ކުރާ މަސައްކަތުގައި ޑޯޓްމަންޑް މެޗަކީ ވަރަށް މުހިއްމު ރޯލެއް ކުޅޭނެ މެޗެއް ކަމަށް ބަޔާނުގެ ތަޖުރިބާކާރު ކުޅުންތެރިޔާ ތޯމަސް މުލާ ދެކެ އެވެ.
"ސަޕޯޓަރުން ނުލައި މި ކަހަލަ މެޗަކަށް ނުކުންނައިރު ތައްޔާރުވާނެ ހާއްސަ ގޮތެއް ނޭނގޭ. އެކަމަކު ޔަގީނުން ވެސް މިއީ މި ފަހަރު ލީގުގައި އަހަރަމެންނަށް އެންމެ މުހިއްމު މެޗު. މި މެޗު ކޮންމެ ދަނޑެއްގައި ކުޅުނަސް ވަރަށް ހާއްސަ. ސަޕޯޓަރުން ނެތަސް ދެ ޓީމު ވެސް ނުކުންނާނީ ވަރަށް ޖޯޝުގައި،" މުލާ ބުންޏެވެ.
ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު އަލުން ލީގު ފެށި ފަހުން ބަޔާން ފުރަތަމަ މެޗު ކުޅުނީ ރަށުން ބޭރުގަ އެވެ. ރޭގެ މެޗަކީ ފާއިތުވި ދެ މަހެއްހާ ދުވަސް ތެރޭ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ. ލެއޯން ގޮރެޓްޒްކާ އާއި މުލާ އަދި ރޮބަޓް ލެވަންޑޯސްކީގެ ގޯލުތަކުން ބަޔާން ތިން ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް ފްރެންކްފާޓުން ވަނީ ތިން މިނިޓް ތެރޭ ދެ ގޯލު ޖަހައިފަ އެވެ. މި ދެ ގޯލު ވެސް ޖެހީ މާޓިން ހިންޓެރެގާ އެވެ. ފްރެންކްފާޓުން އެއްވަރުކުރަން ކުރި މަސައްކަތް ކާމިޔާބުނުވި އެވެ. ބަޔާނުން ވަނީ އިތުރު ދެ ގޯލު ޖަހައި ތިން ޕޮއިންޓް ކަށަވަރުކޮށްފަ އެވެ. މި ދެ ގޯލު ޖެހީ އަލްފަންސޯ ޑޭވިސްގެ އިތުރުން ހިންޓެރެގާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ޑޯޓްމަންޑް ރޭ ކުޅުނު މެޗުގައި ވުލްފްސްބާގް ކޮޅަށް އެ ޓީމުގެ ގޯލުތައް ކާމިޔާބުކޮށްދިނީ އަޝްރަފް ހަކީމީ އާއި ރަފައެލް ގަރޭރޯ އެވެ.
ކޮވިޑް-19 އަށް ޔޫރަޕްގެ ފުޓްބޯޅަ މެދުކެނޑުމަށް ފަހު އެންމެ އަވަހަށް ފެށުނު ބޮޑު ލީގަކީ ޖަރުމަނު ލީގެވެ. ސަލާމަތީ ގޮތުން ޖަރުމަނު ލީގުގައި އަޅާ ފިޔަވަޅުތައް އެހެން ގައުމުތަކުން އަންނަނީ ބަލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy