ބާސެލޯނާގެ ޕްރެޒެންޓޭޝަނެއްގެ ތެރެއިން މެސީ.-- ފޮޓޯ: އޭއެފްޕީ
28 މެއި 2020 - 12:55
ބާސެލޯނާ (މެއި 28) - ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލާފައިވާ ސްޕެނިޝް ލީގު (ލަލީގާ) އަންނަ މަހު ފެށުމަކީ ހިތްހަަމަޖެހުމެއް ކަމަށާއި އެކަމަކު ސަޕޯޓަރުން ނުލައި މެޗުތައް ކުޅެން ޖެހުމަކީ އުނދަގޫވާނެ ކަމެއް ކަމަށް ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.
ސްޕެއިން ސަރުކާރުގެ ހުއްދަ ލިބުމާ އެކު ސަޕޯޓަރުން ނުވައްދައި ލަލީގާގެ މެޗުތައް ފަށަން މަސައްކަތް ކުރަނީ އަންނަ މަހުގެ 11 ވަނަ ދުވަހުގަ އެވެ. އޭގެ ތައްޔާރީތައް ކުރިއަށްދާ ކަމަށް ލީގުގެ ބޯޑުން ވަނީ ބުނެފަ އެވެ. މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ސްޕެއިނުގެ ކްލަބްތަކުން ވަނީ ސީޒަން އަލުން ފަށަން ޕްރެކްޓިސްތައް ފަށައިފަ އެވެ. ބާސެލޯނާގެ އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް މެސީ ވެސް އަންނަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.
އެޑިޑާސްގެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި މެސީ ގެއްލިގެންދިޔަ ވަގުތުތަކުގެ ވާހަކަ ދެއްކެން ނެތް ކަމަށާއި މިހާރު ފޯކަސް އަކީ ކުރިމަތީގައި އޮތް ކަންތައްތައް ކަމަށެވެ.
"ކޮންމެ ދުވަހަކު ޓްރެއިނިން އަށް ގޮސް ޓީމުގެ އެހެން ކުޅުންތެރިންނާ ބައްދަލުވެވޭތީ އެއީ ހިތްހަމަ ޖެހުމެއް. މެޗުތައް އަލުން ފަށާތީވެސް ވަރަށް ހިތްހަމަ ޖެހޭ. އެކަމަކު ސަޕޯޓަރުން ނުލައި މެޗުތައް ކުޅެން ހިތްހަމައެއްނުޖެހޭ. އެކަން ކުރަން ފަސޭހައެއް ވެސް ނުވާނެ. އެކަމަކު މި ހާލަތުގައި އުނދަގޫ ކަންތައްތައް ވެސް ކުރަން އެބަޖެހޭ،" މެސީ ބުންޏެވެ.
ބާސެލޯނާގެ ޓްރެއިނިންގެ ތެރެއިން މެސީ ބޯޅަ ހިފައިގެން. -- ފޮޓޯ: އޭއެފްޕީ
"ވަރަށް ގިނަ ޗެލެންޖްތަކެއް އެބަހުރި. މިއީ އާ ފެށުމަކަށްވާނީ. މެޗަކަށް ތައްޔާރުވާއިރު ސަޕޯޓަރުން ކުރިމަތީގައި ކުޅެގެން ލިބޭ ހިތްހަމަޖެހުމެއް ނުލިބޭނެކަން އެނގިހުރެ ކުޅެންޖެހޭތީ ކުރެވެނީ ފޫހި އިހުސާސެއް އަނެއްކޮޅުން އާ ހާލަތުގައި ތަޖުރިބާ އަށް ވެސް މެޗެއް ކުޅެލަން ވަރަށް ބޭނުން."
ބާސެލޯނާއާ އެކު މި ފަހަރުގެ ސީޒަނުގައި ކާމިޔާބު ހޯދަން އަމާޒުހިފުމުގެ އިތުރުން މެސީ ދެން އެންމެ ބޭނުންވެގެން ހުރި ކަމަކީ އާޖެންޓީނާ އާއި ކޮލަމްބިއާގައި މި އަހަރު ޖޫން މަހު ފަށަން ތާވަލުކުރި ކޮޕާ އެމެރިކާގައި ރަނގަޅު ކާމިޔާބެއް ހޯދުމަށެވެ. އެކަމަކު ކޮވިޑް-19ގެ ސަބަބުން އެ މުބާރާތް ވެސް ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ.
"ކޮޕާ އެމެރިކާ ފަސްކުރުމަކީ ވެސް ލިބުނު މާޔޫސްކަމެއް. އެކަމަކު އެ މުބާރާތް ފަސްކުރަންޖެހޭކަން ގަބޫލުކުރަން. ދެރަވި ސަބަބަކީ މި އަހަރު އަހަރެން ވަރަށް އިންތިޒާރުކޮށްގެން ވަރަށް ތައްޔާރުވާން ވިސްނި މުބާރާތެއް އެއީ. އަމިއްލަ ގައުމުގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެލަން ވަރަށް ކެތްމަދުވެފައި ހުރެވުނީ،" މެސީ ބުންޏެވެ.
ގައުމީ ޓީމާ އެކު މެސީ އަށް ރަނގަަޅު ކާމިޔާބެއް ނުހޯދޭތީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެ އެވެ. އެ ފަދަ ނުރަނގަޅު ގިނަ ޕްރެޝަރުތަކާ ހެދި މެސީ ވަނީ މީގެ ކުރިން ގައުމީ ޓީމުން ބްރޭކްތަކެއް ވެސް ނަގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަަދީފްް
30 May 2020
ސަޕޯރޓަރުން ވައްދައިގެންވެސް 3 ލަނޑުގެ ތަފާތު ޗޮކުން ދުއްވާލަނީ. ސަޕޯރޓަރުނެ ނެތި މިކަހަލަ ލަދުވެތިކަމުންވެސް ސަލާމަތްވާނެ ނޫންތޭ؟
ގފދދސޔުި8ިި7ު
30 May 2020
އޯކޭ ބޮސް
ގާކޮށި ހުސޭނު
28 May 2020
ދެން ނުކުޅެ ބަލަ