އިންޓަ އަށް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު އެބައޮތް: މަންޗިނީ

މިލާން (ޖޫން 1) – އިޓާލިއަން ލީގު ކާމިޔާބުކުރުމުގައި ޔުވެންޓަސް އަށް އެޑްވާންޓޭޖް އެބައޮތް އެކަމަކު އިންޓަ މިލާނަށް އަދިވެސް ފުރުސަތު އެބައޮތް ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު އަދި އިޓަލީ ގައުމީ ޓީމުގެ މިހާރުގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނެފި އެވެ.


ޔުވެންޓަސް އަށް ކުރިން ލީގު ކާމިޔާބުކޮށްދީފައިވާ ކޯޗު އެންޓޯނިއޯ ކޮންޓޭއާ އެކު އިންޓަ ސީޒަނުގެ ފުރަތަމަ ބައިގައި ތާވަލުގެ އެއް ވަނައިގައި ވެސް އޮތެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން މާޗު މަހު އިޓަލީ ލީގު މެދުކަނޑާލިއިރު އެ ޓީމު އޮތީ ތިން ވަނައިގަ އެވެ. ޔުވެންޓަސް އެއް ވަނައިގައި އޮތީ 63 ޕޮއިންޓާ އެކު އެވެ. ތާވަލުގެ ދެ ވަނައިގައި އޮތީ 62 ޕޮއިންޓާ އެކު ލާޒިއޯ އެވެ. އިންޓަ ތިން ވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެން، 54 ޕޮއިންޓާ އެކު އެވެ.

އެކަމަކު މަންޗިނީ ވަނީ ޖަރުމަން ލީގު އަލުން ފަށައިގެން ފެންނަމުންދާ ތަފާތު ނަތީޖާތަކަށް (ރަށުން ބޭރުގައި ހައިރާންކުރުވަނިވި ނަތީޖާތަކެއް ނެރުން) ބަލައި އިޓަލީގައި ވެސް އެފަދަ ގޮތެއް ވެދާނެ ކަމަށް ލަފާކޮށްފަ އެވެ. އެގޮތުން މަންޗިނީ ގަބޫލުކުރާ ގޮތުގައި އިޓަލީގައި ވެސް އެފަދަ ގޮތެއް ވެދާނެ ކަމަށެވެ. އަދި އޭގެ ސަބަބުން އިންޓަ އަލުން ލީގުގެ ރޭހަށް ވަދެފާނެ އެވެ. އެއީ އަލުން ފަށަނީ ސަޕޯޓަރުން ނުވައްދާ ކަމަށްވާތީ، އިދިކޮޅު ޓީމުގެ ދަނޑުގައި ކުޅެން ޖެހުނަސް އޭގެ ފައިދާއެއް ނުނެގޭނެތީ ކަމަށް ބެލެވެ އެވެ.

"ލާޒިއޯ އާއި ޔުވެންޓަސް (ލީގު) ނިމެންދެން ހިފާނެ (ތަށްޓަށް). އެކަމަކު ޖަރުމަން ލީގު ފަށައިގެން ފެންނަނީ، އަމިއްލަ ދަނޑުގައި ކުޅުމުގެ ފައިދާ ގެއްލިފައިވާތަން. އަހަރެން ގަބޫލުކުރާ ގޮތުގައި އިންޓަ އަށް އަށް އަދިވެސް ފުރުސަތުތައް އެބައޮތް. އަހަރެން ދެކޭ ގޮތުގައި ހައިރާންކުރުވަނިވި ކަންކަން ފެނިދާނެ،" މި މަހު 20 ގައި ފަށަން ހަމަޖެހިފައިވާ ލީގާ ބެހޭގޮތުން މަންޗިނީ ބުންޏެވެ.

އެކަމަކު އޭނާ ބުނި ގޮތުގައި ޔުވެންޓަސްގައި ބޮޑު ސްކޮޑެއް އޮތުމުން، އެ ޓީމަށް އެޑްވާންޓޭޖް އޮންނާނެ ކަމަށެވެ. އަދި އޭނާ ދެކޭ ގޮތުގައި ލީގު އަލުން ފަށައިގެން ކުޅޭއިރު ކުދިކުދި މައްސަލަތައް ވެސް ދިމާވާނެ އެވެ.

"ހުރިހާ ކޯޗުންނަށް ވެސް ކުދިކުދި މައްސަލަތައް ދިމާވާނެ. ކުޅުންތެރިން އެއައީ ގޭގައި ދެ މަސް ދުވަހު ތަމްރީން ހަދާފައި. ވާދަވެރި މެޗުތަކެއް ނެތި، ކުއްލިއަކަށް ކުޅެން ޖެހުން ފަސޭހައެއް ނުވާނެ. މެޗުތަކުގެ ޓެމްޕޯ މާ ބޮޑަށް ވެސް ދަށްވާނެ. ޖަރުމަން ލީގުގައި ވެސް ނެތް،" އޭނާ ބުންޏެވެ.