ގާޑިއޯލާ އަށް ހާއްސަ ސަމާލުކަމެއް ނުދޭނަން: މޮރީނިއޯ

މެންޗެސްޓާ (ޖޫން 1) - އަންނަ ސީޒަނުގައި ވާދަވެރި މެންޗެސްޓާ ސިޓީގެ ކޯޗުކަމުގައި ޖޯސެޕް ގާޑިއޯލާ ހުރި ނަމަވެސް އޭނާ އަށް ހާއްސަ ސަމާލުކަމެއް ނުދޭނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.


މީގެ ކުރިން ގާޑިއޯލާ އާއި މޮރީނިއޯގެ ވާދަވެރިކަން ވަނީ ފެނިގެން ގޮސްފަ އެވެ. އެއީ މޮރީނިއޯ ރެއާލް މެޑްރިޑްގެ ކޯޗުކަމުގައި އަދި ގާޑިއޯލާ ބާސެލޯނާއާ ހާވާލުވެ ހުރިއިރު އެވެ. އަންނަ ސީޒަނުގައި މޮރީނިއޯ އާއި ގާޑިއޯލާ ފުރަތަމަ ފަހަރަށް އިނގިރޭސި ލީގުގައި ކުރިމަތިލާއިރު، މޮރީނިއޯ ބުނީ މި މެޗަށް މާ ބޮޑު ސަމާލުކަމެއް ނުދޭނެ ކަމަށެވެ.

"ކުރިން ވެދިޔަ ކަމެއް ހަނދާން ނައްތާލަން އެބަޖެހޭ. ކުރިން އަހަރެމެން މަސައްކަތްކުރި ލީގު ޗެމްޕިއަންކަން ހޯދާނީ މެޑްރިޑް ނޫނީ ބާސެލޯނާ. އެހެންވުމުން ދެ މީހުންނަށް އެންމެންގެ ލޯ އަމާޒުވެފައިވަނީ. އެއީ ދެ ކޯޗުންގެ ވާދަވެރިކަމެއް ނޫން ދެ ކްލަބްގެ ވާދަވެރިކަން،" މޮރީނިއޯ ބުންޏެވެ.

މޮރިނިއޯ ބާސެލޯނާގެ އެސިސްޓަންޓް ކޯޗަކަށް ހުރިއިރު އެ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ގާޑިއޯލާއާ އެކު.-- ފޮޓޯ: މާކާ މީޑީއާ

"ޕްރިމިއާ ލީގު ހުރިހާ ގޮތަކުން ވެސް ތަފާތު"

މޮރީނިއޯ ބުނީ ވަކި ޓީމަކަށް ސަމާލުވެގެން ކުޅެންވެއްޖެނަމަ ޕްރިމިއާ ލީގުގައި ކާމިޔާބު ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.

"ޕްރިމިއާ ލީގުގައި އަހަރެން ގާޑިއޯލާ އާއި ސިޓީ އަށް ސަމާލުވެގެން އުޅެފިނަމަ ހުރިހާ ގެއްލުމެއް ލިބޭނީ އަހަންނަށް. އެއީ ހަމައެކަނި އެއް ޓީމަކަށް ސަމާލުވެގެން ކުޅެވޭ ވަރުގެ ލީގެއް ނޫން މިއީ. އެއީ ވާދަވެރިކަން ބޮޑުވީމަ. އެއް ފެންވަރެއްގެ ގިނަ ޓީމުތަކެއް ޕްރިމިއާ ލީގުގައި އޮތީ،" މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހަފްތާގަ އެވެ. އޭނާ ބުނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ކުޅުންތެރިންނަށް ފާރަލަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ޒްލަޓަން އިބްރަހިމޮވިޗް ހިމެނޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.