ބަޔާން ކުޅުންތެރިން ރޭގެ މެޗުގައި ފަހު ވަގުތު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
14 ޖޫން 2020 - 09:21
މިއުނިކް (ޖޫން 14) - ޖަރުމަނު ލީގުގައި ރޭ ފަހު ވަގުތު ބޮރޫޝިއާ މުންޗެންގްލަޑްބަކް އަތުން 2-1 އިން ހޯދި މޮޅާ އެކު ލީގު ޗެމްޕިއަންކަން ހޯދުމާ ފިޔަވަޅަކާ ގާތަށް ބަޔާން މިއުނިކް އިން ޖެހިލައިފި އެވެ.
ޖެހިޖެހިގެން އަށް ވަނަ ފަހަރަށް ލީގު ތަށި އުފުލާލަން ބަޔާނަށް މިހާރު ބޭނުންވަނީ އެންމެ މޮޅެކެވެ. އަންނަ އަންގާރަ ދުވަހުގެރޭ ވާޑާ ބްރެމެން ބަލިކޮށް ބަޔާނަށް ލީގު ކަށަވަރުކުރެވޭނެ އެވެ. ރޭގެ މޮޅާ އެކު ބަޔާން ވަނީ ތިން އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޖެހިޖެހިގެން 13 މެޗުން މޮޅު ހަމަކޮށްފަ އެވެ.
ލީގުގެ އެއް ވަނައިގައި ބަޔާން އޮތީ 31 މެޗުން 73 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޑޯޓްމަންޑް ވަނީ ރޭ ރަށުން ބޭރުގައި ފަހު ވަގުތުގައި އާލިން ހާލަންޑް ޖެހި ގޯލުން 1-0 އިން ޑަސެލްޑޯފް ބަލިކޮށްފަ އެވެ. ޑޯޓްމަންޑަށް 31 މެޗުން ލިބިފައިވަނީ 66 ޕޮއިންޓެވެ.
ބަޔާން ދަނޑުގައި ރޭ ކުޅުނު މެޗުގެ 26 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ޒުވާން ކުޅުންތެރިޔާ ޔޯޝުއާ ޒާކްޒީ އެވެ. އޭގެ 11 މިނިޓް ފަހުން މުންޗެންގްލަޑްބަކް އެއްވަރުކުރި އެވެ. މި ލަނޑަކީ ބަޔާނަށް ކުޅޭ ފްރާންސްގެ ފުލްބެކް ބެންޖަމިން ޕަވާޑް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ބަޔާނަށް މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ލެއޯން ގޮރެޓްޒްކާ އެވެ.
ރޭފެ މެޗަށް ފަހު ބަޔާން ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ. އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނީ މިއީ ވަރަށް އުނދަގުލުން ހޯދުނު މޮޅެއް ކަމަށާއިި ކުޅުންތެރިންގެ އުފާފާޅުކުރުމުގެ ސަބަބަކީ އެއީ ކަމަށެވެ.
"މިއީ ވަރަށް މުހިއްމު ތިން ޕޮއިންޓް. އަހަރެމެންނަށް ވަރަށް ބުރަ މަސައްކަތުން މި މެޗުން މޮޅުވެވުނީ. ކޮންފިޑެންސް ރަނގަޅުވަމުން އަންނަ ވަރަށް ކުޅުން އަދިވެސް ރަނގަޅުކުރެވޭނެ. ޗެމްޕިއަންކަން ކަށަވަކުރާނީ ފުރިހަމަ ކުޅުމެއް ދައްކައިގެން،" ފްލިކް ބުންޏެވެ.
ބަޔާން މޮޅުކޮށްދިން ލަނޑު ޖެހި ގޮރެޓްޒްކާ ބުނީ ހުރިހާ ކުޅުންތެރިންގެ އަމާޒަކީ އަންގާރަ ދުވަހު ލީގު ޗެމްޕިއަންކަން ޔަގީންކުރުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy