ފެނާންޑޭސްގެ ޕެނަލްޓީން ޔުނައިޓެޑް ސަލާމަތްވެއްޖެ

ލަންޑަން (ޖޫން 20) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރޫނޯ ފެނާންޑޭސް ފަހު ވަގުތު ވައްދާލި ޕެނަލްޓީން 1-1 އިން ޓޮޓެންހަމް ހޮޓްސްޕާސްއާ އެއްވަރުކޮށް މެންޗެސްޓާ ޔުނައިޓެޑް ބަލިނުވެ ސަލާމަތްވެއްޖެ އެވެ.


މިއީ ގަދަ ހަތަރެއްގެ ރޭހުގައި މި ދެ ޓީމަށް ވެސް މުހިއްމު މެޗެކެވެ. އެކަމަކު ރޭގެ ނަތީޖާ ނުކުތް ގޮތުން ދެ ޓީމުގެ ތެރެއިން ޕޮއިންޓަކުން ފަރުޖައްސައިލެވެން އޮތީ ޔުނައިޓެޑަށެވެ. ޔުނައިޓެޑް ލީގުގެ ފަސް ވަނައިގައި އޮތީ 30 މެޗުން 46 ޕޮއިންޓާ އެކު އެވެ. އަށް ވަނައިގައި ޓޮޓެންހަމް އޮތީ 30 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެ.

ޓޮޓެންހަމްގެ ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން ފުރަތަމަ ލީޑުނަގަން ރަނުގެ ފުރުސަތެއް ލިބުނީ ޔުނައިޓެޑްގެ މާކަސް ރެޝްފޯޑް އަށެވެ. އޭރިއާ ތެރެއިން ރެޝްފޯޑް ޖެހި ބޯޅަ ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރީސް ވަނީ މަތަކޮށްފަ އެވެ. ކޮވިޑް-19 އަށް ފަހު އަލުން މެޗުތައް ފަށައިގެން ކޮންމެ ހާފެއްގެ މެދުތެރެއިން ވޯޓާ ބްރޭކެއް ދެ އެވެ. ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދިން ބްރޭކަށް ފަހު ޓޮޓެންހަމުން ވަނީ ކުޅުން ރަނގަޅުކޮށް ލީޑުނަގައިފަ އެވެ. މެޗުގެ 27 ވަނަ މިނިޓްގައި ސްޓީވެން ބާގްވެއިން މި ގޯލު ޖެހީ ޔުނައިޓެޑްގެ ޑިފެންސްލައިނުގެ ތެރެއިން ބޯޅަ ހިފައިގެން ގޮހެވެ.

ދެ ވަނަ ހާފުގައި ޔުނައިޓެޑުން ކުރިއަށް ޖެހިގެން ނަތީޖާ ހަމަހަމަކުރަން ގިނަ މަސައްކަތްތަކެއް ކުރި އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ޕައުލް ޕޮގްބާ ވެސް ވަނީ ކުޅެން އަރުވައިފަ އެވެ. ފެނާންޑޭސް އެއްވަރުކޮށްދިނީ މެޗު ނިމެން ނުވަ މިނިޓަށް ވެފައި ހުއްޓައި ޕޮގްބާ ހޯދައިދިން ޕެނަލްޓީއަކުންވެ. މިއީ ޔުނައިޓެޑަށް ކުޅެދިން ހަ މެޗުގެ ތެރެއިން ފެނާންޑޭސް ޖެހި ތިން ވަނަ ގޯލެވެ.

ޓޮޓެންހަމްގެ ޑަޔާ (ކ) ކައިރިން ޔުނައިޓެޑްގެ ޕޮގްބާ ބޯޅަ ހިފައިގެންދަނީ. -- ފޮޓޯ: އޭއެފްޕީ

މެޗުގެ ފަހު ވަގުތުގައި ފެނާންޑޭސް އަށް ފައުލުކުރި ކަމަށް ބަލައި ރެފްރީ ޖޯން މޮސް އިތުރު ޕެނަލްޓީ އެއް ޔުނައިޓެޑަށް ދިނެވެ. އެ ވަގުތު ޓޮޓެންހަމްގެ ބެންޗުން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރި އެވެ. ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އެހީގައި ބަލައި ފަހުން އެ ޕެނަލްޓީ ނުދޭން ނިންމި އެވެ.

މެޗަށް ފަހު މޮރީނިއޯ ވަނީ ރޭގެ މެޗުގެ ރެފްރީ މޮސް އަށް ނުސީދާ ގޮތަކަށް ފާޑުކިޔައިފަ އެވެ.

"އަހަރެންގެ ނަޒަރުގައި ރެފްރީ ޖޮނަތަން މޮސް ވެސް އޭނާގެ ވަޒީފާ ވީ އެންމެ ރަނގަޅަށް ކުރެވޭތޯ މަސައްކަތްކުރި. އަހަރެންގެ ނަޒަރުގައި ވީއޭއާރް އިން ދެއްކީ އަދި ތަފާތު މަންޒަރެއް،" މޮރީނިއޯ ބުންޏެވެ.

އޭނާ ބުނީ ޔުނައިޓެޑްގެ ބެންޗުގައި ފެންވަރު ރަނގަޅު އެޓޭކިން ކުޅުންތެރިން ތިބުމުގެ ފައިދާ އެ ޓީމުން ނެގި ކަމަށާއި ފަހު 15 މިނިޓްގައި ޑެލޭ އަލީ އާއި ލޫކަސް މޯރާ ފަދަ ކުޅުންތެރިއަކު ބޭނުންކުރެވޭ ގޮތް ވި ނަމަ ތަފާތެއް ފެނުނިސް ކަމަށެވެ. އަލީ ސަސްޕެންޝަނުގައި ހުރިއިރު، މޯރާ ހުރީ އަނިޔާގަ އެވެ.

ޑިސެމްބަރު މަހަށް ފަހު ފުރަތަމަ ފަހަރަށް ޔުނައިޓެޑްގެ މެޗެއްގައި ރޭ ޕޮގްބާ ކުޅުނުއިރު، މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނީ ބެންޗުން އަރައި ޕޮގްބާ ދެއްކި ކުޅުމަށް ތައުރީފުކޮށްފަ އެވެ. އަދި ކުރިއަށް ހުރި މެޗުތަކުގައި ޕޮގްބާ ވަރަށް ބޮޑަށް ބޭނުންކުރާނެ ކަމުގެ އިޝާރާތެއް ސޯލްޝެއާ ދިނެވެ.

ލީގުގައި ރޭ ނޯވިޗް ސިޓީ ދަނޑުގައި ކުޅުނު މެޗުން ސައުތެމްޓަން ވަނީ 3-0 އިން މޮޅުވެފަ އެވެ.