ބާސެލޯނާ އަށް ނޭމާ 8 މިލިއަން ޑޮލަރު ދޭން ޖެހިއްޖެ

ބާސެލޯނާ (ޖޫން 20) - ނޭމާ ކޯޓަށް ހުށަހެޅި މައްސަލަ އޭނާއާ ދެކޮޅަށް ނިމި ބާސެލޯނާ އަށް 8 މިލިއަން ޑޮލަރު ދޭން ޖެހިއްޖެ އެވެ.


މީގެ ތިން އަހަރު ކުރިން 2017 ވަނަ އަހަރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 245 މިލިއަން ޑޮލަރަށް ނޭމާ ޕީއެސްޖީ އަށް ބަދަލުވި ފަހުން އޭނާއާ އާއި ބާސެލޯނާގެ މެނޭޖްމަންޓާ ގިނަ މައްސަލަތަކެއް ޖެހުނެވެ. އެ ދުވަސް ވަރު ނޭމާ ވަނީ ބާސެލޯނާ އިން އޭނާ އަށް ލިބެން ޖެހޭ ބޯނަހެއް ނުލިބޭތީ އެ މައްސަލަ ކޯޓަށް ހުށަހަޅައިފަ އެވެ.

ނޭމާ ކޯޓަށް މައްސަލަ ހުށަހެޅީ ބޯނަހުގެ ގޮތުގައި ބާކީ ލިބެންޖެހޭ 31 މިލިއަން ޑޮލަރު ހޯދުމަށެވެ. އެކަމަކު އިއްޔެ ސްޕެއިނުގެ ކޯޓުން މައްސަލަ ބެލުމަށް ފަހު ނިންމީ ކޮންޓްރެކްޓުގައިވާ ބޯނަސް ލިބޭ އުސޫލާ ނޭމާ ހިލާފުވެފައިވާ ކަމަށާއި މި މައްސަލަ ކޯޓަށް ހުށަހަޅައި ކޮންޓްރެކްޓާ ހިލާފުވުމުގެ ބަދަލެއްގެ ގޮތުން ބާސެލޯނާ އަށް 8 މިލިއަން ޑޮލަރު ދައްކަން ނޭމާ ޖެހޭނެ ކަމަށެވެ. މި މައްސަލަ އެޕީލްކުރަން ނޭމާ އަށް ފަސް ދުވަސް އެބައޮތެވެ.

ސަންޓޯސް ދޫކޮށް 2013 ވަނަ އަހަރު ބާސެލޯނާ އަށް ބަދަލުވި ނޭމާ ވަނީ 2016 ވަނަ އަހަރު ބާސެލޯނާއާ އެކު އިތުރު ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ ކޮންޓްރެކްޓްގައިވާ ގޮތުން އެއްބަސްވުން އާ ކުރުމުގެ ބޯނަހެއްގެ ގޮތުން ނޭމާ އަށް 46 މިލިއަން ޑޮލަރު ދޭން ވަނީ އެއްބަސްވެފަ އެވެ. އޭގެ ތެރެއިން 15 މިލިއަން ޑޮލަރަކީ ފުރަތަމަ ދޭން ޖެހޭ ޕޭމަންޓެވެ.

ނޭމާ އަށް ބާކީ ދޭން ޖެހޭ 31 މިލިއަން ޑޮލަރުގެ ޕޭމަންޓް ނުދޭން ބާސެލޯނާ އިން ނިންމީ ނޭމާގެ އެއްބަސްވުން އާ ކުރި ފުރަތަމަ އަހަރު ވެސް ރަނގަޅަށް ނުނިމެނީސް ކްލަބް ބަދަލުކުރުމުންނެވެ. އެ މައްސަލައިގައި ހިޔާލު ތަފާތުވެ ނޭމާ ނިންމީ މައްސަލަ ކޯޓުގައި ކުރިއަށްގެންދާށެވެ. ބާސެލޯނާ އިން ފަހުން ކޯޓުގައި އެދުނީ ބޯނަހުގެ ގޮތުގައި ނޭމާ އަށް އެ ކްލަބުން ދީފައިވާ 15 މިލިއަން ޑޮލަރުގެ އިތުރުން ލިބުނު ގެއްލުމުގެ ބަދަލުގައި 8 މިލިއަން ޑޮލަރު ހޯދާށެވެ. ކޯޓުން އިއްޔެ ނޭމާ އަށް އެންގީ ހަމައެކަނި ބަދަލުގައި ދޭން ޖެހޭ ބައި ދައްކާށެވެ.

ޕީއެސްޖީގައި ނޭމާ ބޭނުންވާ ވަރުގެ އެކަށީގެންވާ ކުރިއެރުމެއް ނުލިބޭތީ އަލުން ބާސެލޯނާ އަށް ބަދަލުވާން ނޭމާ އަންނަނީ މަސައްކަތްކުރަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން ކުރިއަށް އޮތް ޓްރާންސްފާ މާކެޓްގައި ބާސެލޯނާ އިން ނޭމާ އަށް ބިޑްކުރާނެ އެވެ.