ލިވަޕޫލްގެ މެޗެއްގެ ތެރެއިން ކޯޗު ކްލޮޕް.-- ފޮޓޯ: އޭއެފްޕީ
21 ޖޫން 2020 - 10:12
ލިވަޕޫލް (ޖޫން 21) - ކޮވިޑް-19 ފެތުރޭތީ އިނގިރޭސި ޕްރިމިއާ ލީގު އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބަލައި ލީގު ކެންސަލްކުރަން އުޅޭ ވާހަކަތައް މީޑިއާގައި ދައްކަމުން ދިޔަ ދުވަސްވަރު އޭނާ އަށް ގޯސް އަސަރުތަކެއް ކުރި ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
ލިވަޕޫލް މި ވަގުތު ލީގުގެ އެއް ވަނައިގައި ބޮޑު ލީޑަކާ އެކު އޮތްއިރު، ޗެމްޕިއަންކަން ހޯދަން އެ ޓީމަށް ބޭނުންވަނީ ދެ މޮޅެވެ. ކޮވިޑް-19 ގެ ހާލަތުން އަރައިގަނެވޭނެ ދުވަހެއް ނޭނގި ލީގު ކެންސަލްކުރަން ޖެހޭނީ ޗެމްޕިއަނެއް ކަނޑަނާޅައި ކަމަށް ޕްރިމިއާ ލީގުގެ ބައެއް ކްލަބްތަކުގެ އޮފިޝަލުން ވެސް ވަނީ ބުނެފަ އެވެ. އަދި ނެދަލެންޑްސްގެ ލީގު ގޮތަށް ޕްރިމިއާ ލީގު ވެސް މެދުކަނޑާލިއިރު އޮތް ހިސާބުން ހުއްޓާލަން ގޮވާލާ އަޑުތައް ގަދަވި އެވެ.
"އަހަރެން ވަރަށް ފިކުރުކުރިން އަދި އަހަންނަށް އަސަރު ވެސް ކުރި ޗެމްޕިއަނެއް ކަނޑަނާޅައި ލީގު ކެންސަލްކުރަން ގިނަ ބަޔަކު ގޮވާލީމާ. ފިޒިކަލީ ބެލި ކަމުގައި ވިޔަސް އެއީ ބަލައިގަންނަން އަހަންނަށް ވަރަށް އުނދަގޫ ކަމަކަށް ވާނެ. އެއީ އަހަރެމެން މިހާ މަސައްކަތްކޮށްފައި މިއީ އެއްވެސް ކަމަކަށް ނުވެދާނެތީ އެ އޮތް ބިރުވެރިކަމެއް،" ކްލޮޕް ބުންޏެވެ.
"އެކަމަކު އަލުން ފުޓްބޯޅަ އެނބުރި އަންނާނެ ކަމުގެ ޔަގީންކަން ލިބުމާ އެކީ އެ ހިސާބުން އެއީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް."
ލިވަޕޫލަށް މި ފަހަރުގެ ޗެމްޕިއަންކަން ހާއްސަވަނީ މިއީ 30 އަހަރަށް ފަހު އެ ޓީމަށް ލީގުގެ ތަށި އުފުލާލަން ލިބޭ ފުރަތަމަ އަހަރުކަމަށް ވުމުންނެވެ. ކްލޮޕް ބުނީ ކޮންމެ ވިސްނުމެއްގައި ބެލި ކަމުގައި ވިޔަސް ލިވަޕޫލަށް މި ކާމިޔާބީ ހައްގުކަން ގިނަ ބަޔަކު ގަބޫލުކުރާނެ ކަމަށެވެ.
ލީގުގައި މިހާތަނަށް ކުޅުނު 29 މެޗުގެ ތެރެއިން ލިވަޕޫލް ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. ލީގު މެދުކަނޑާލިއިރު ވެސް ލިވަޕޫލް އޮތީ ވަރަށް ރަނގަޅު ފޯމެއްގަ އެވެ. ކްލޮޕް ބުނީ އަލުން ފަށާއިރު އެ ކުޅުން ފެންނަން ވަގުތު ނަގާނެ ކަމަށެވެ.
"ފުޓްބޯޅަ ކުޅުމަކީ ބައިސްކަލު ދުއްވުން ކަހަލަ ކަމެއް ނޫން. އެގާރަ ކުޅުންތެރިން އެކުގައި ޓީމެއްގެ ގޮތަށް ކުރާ މަސައްކަތެއް. އެ ހުރި ހިސާބުން އަލުން ފަށަން ފަސޭހަނުވާނެ. އަހަރެންގެ އުއްމީދަކީ އަހަރެމެން 100 ޕަސެންޓް ދެއްކުން. އެކަމަކު ނުވަ ވަރަކަށް ހަފްތާގެ ފުރިހަމަ ޓްރެއިނިން އެއް ނެތުމަކީ ވަރަށް ބޮޑު ހުސްކަމެއް. މިއީ ކުޅުންތެރިންގެ ކުޅުމަށް ވަރަށް އަސަރުކުރާނެ ކަމެއް. މިދިޔަ ދުވަސްތަކުގެ ޓްރެއިނިންގައި ވަރަށް މަސައްކަތްކުރެވިއްޖެ،" ކްލޮޕް ބުންޏެވެ.
ކޮވިޑް-19ގެ މެދުކެނޑުމަށް ފަހު ލިވަޕޫލް ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ އެ ޓީމާ އެއް ސަރަހައްދަކަށް ނިސްބަތްވާ އެވަޓަންއާ ދެކޮޅަށެވެ. ކްލޮޕް ބުނީ މިއީ އާންމުކޮށް ސަޕޯޓަރުން ދަނޑަށް ވަދެ ވަރަށް ޝައުގުވެރިކަމާ އެކު ވާދަވެރިކަމުގެ ރޫހެއްގައި ބަލާ މެޗެއް ކަމަށްވާއިރު ސަޕޯޓަރުން ނެތި މި ފަދަ މެޗަކަށް ނުކުމެ ކުޅެން ކުޅުންތެރިންނަށް ވެސް އުނދަގޫތަކެއް ހުންނާނެ ކަމަށެވެ.
އެވަޓަން އަށް އަނިޔާގެ މައްސަލަތަކެއް ކުރިމަތިވެފައިވީ ނަމަވެސް ލިވަޕޫލްގައި ޓީމުގެ ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް މެޗަށް ފިޓެވެ. އެންމެ ފަހުން އެކުވެރިކަމުގެ މެޗުގައި ނުފެނުނު މުހައްމަދު ސަލާހާއި އެންޑްރޫ ރޮބަޓްސަން ވެސް މިރޭގެ މެޗުގެ ސްކޮޑުގައި ހިމެނެ އެވެ.
އެވަޓަންގެ ގުޑިސަން ޕާކުގައި މިރޭ ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 23:00 ޖަހާއިރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯޑް
21 June 2020
އެއްމެ ފަހުން ވެސް މެންޔޫ ސަލާމަތް ކޮށްދިނީ ރެފްރީ ގޯސް ފެނަލުޓީއެއް ދީފަ.
ޔުނައިޓެޑް ރެފްރީ
23 June 2020
ޝެފީލްޑް ޔުނައިޓެޑުން އެސްޓަންވިލާ ކޮޅަށް ލީގު ފެށި ދުވަހު ޖެހި ގޯލް، ގޯލެއް ކަމަށް ނުބެލީ ކޮން ބައެއްގެ ފައިދާ އަށް ކަންވެސް ޔުނައިޓެޑް އަށް ހަމަނޭނގޭބާ ؟ ޔުނައިޓެޑް
އާރީ
21 June 2020
މަވެސް ދެރަވި
ޔުނައިޓެޑްފޭންސް
21 June 2020
ވީއޭއާރް އަދި ރެފުރީ ކުޅޭ ކްލަބު ބަލިވާނެގޮތެއް ނޯންނާނެ.
މާއެނގޭ
21 June 2020
ތިބުނާ ޓީމުތަކުގެ ތެރޭގައި އެންމެ ކުރީގައި ހިމެނޭނީ މަންޗެސްޓާ ޔުނައިޓެޑް ކަމާއި މެދު އެއްވެސް މީހަކު ދެބަހެއް ނުވާނެ........
ރަދީފްްް
21 June 2020
ޔުނައިޓެޑަށް ނުހައްގުން އެއްވެސް ފައިދާއެއް ލިބިފައެއް ނެތް، އެކަމަކު ލިވަރޕޫލް އެހެންތަ؟