ލިވަޕޫލަށް ލީގު ޗެމްޕިއަންކަން ހައްގު: ގާޑިއޯލާ

މެންޗެސްޓާ (ޖޫން 26) - މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައި ލިވަޕޫލުން ހާސިލްކުރީ އެ ޓީމަށް ހައްގު ކާމިޔާބީއެއް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.


ތިރީސް އަހަރަށް ފަހު ލިވަޕޫލަށް ލީގު ޗެމްޕިއަންކަން ލިބުނީ ރޭ ސިޓީ ކުޅުނު މެޗުން ޗެލްސީ އަތުން 2-1 އިން ބަލިވުމުންނެވެ. މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ގާޑިއޯލާ އަންނަނީ ލީގުގެ ރޭހުގައި ލިވަޕޫލް އަތުލެވޭނެ އެހެން ޓީމެއް މި ސީޒަނުގައި ނެތް ކަމަށް ބުނަމުންނެވެ. ބާކީ ހަތް މެޗު އޮއްވައި ލިވަޕޫލުން ލީގު ޔަގީންކުރުމާ އެކީ އެ ޓީމު ވެފައިވަނީ ލީގުގެ ތާރީހުގައި އެންމެ އަވަހަށް ލީގު ކަށަވަރުކުރި ޓީމަށެވެ.

"ލިވަޕޫލަށް ހުރިހާ ގޮތަކުން ބެލިޔަސް ލީގު ހައްގު. މިއީ އެ މީހުން ހުރިހާ މެޗެއްގައި ކުރި މަސައްކަތުގެ ހައްގު އިނާމު. ފަހަރެއްގައި ވެދާނެ ލީގު ހޯދަން ބޭނުންވެފައި ހުރި ވަރުން ލިވަޕޫލް ކުރި މަސައްކަތް ސިޓީ އަށް ނުކުރެވުނީ ކަމަށް. އަހަރެން ލިވަޕޫލަށް މަރުހަބާ ކިޔަން،" މިދިޔަ ދެ އަހަރު ސިޓީ އަށް ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން ގާޑިއޯލާ ބުންޏެވެ.

ލިވަޕޫލުން ލީގު ކަށަވަރުކުރީ މި ސީޒަނުގައި މިހާތަނަށް ކުޅުނު 31 މެޗުގެ ތެރެއިން 28 މެޗުން މޮޅުވެގެންނެވެ. ދެ މެޗުން އެއްވަރުވިއިރު ބަލިވީ އެންމެ މެޗަކުންނެވެ. ސިޓީ ކުޅުނު 31 މެޗުގެ ތެރެއިން 20 މެޗުން މޮޅުވިއިރު، އަށް މެޗުން ވަނީ ބަލިވެފަ އެވެ. އަދި ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ. ގާޑިއޯލާ ބުނީ ލީގުގެ ފަރަގު މިހާ ބޮޑުވީ ކުރީކޮޅުގައި ހެދުނު ގޯސްތަކެއްގެ ސަބަބުން ކަމަށެވެ.

"ލިވަޕޫލުން އެއް ފެންވަރެއްގައި ދެމެހެއްޓި. ކޮންމެ މެޗެއް ކުޅުނީ އެ މީހުންގެ ފަހު ފުރުސަތު ގޮތަށް ވިސްނައިގެން މޮޅުވާން. އަހަރެމެން އަތުން ސީޒަނުގެ ކުރީކޮޅުގައި ޕޮއިންޓުތަކެއް ގެއްލުނު. ލިވަޕޫލް އަތުން ޕޮއިންޓެއް ގެއްލުނަނުދޭން އެ ޓީމުން ކުރި މަސައްކަތް ފެނުނު. މިއީ މިހާރު ފެންނަން އެ އޮތް ފަރަގު އަންނަން ދިމާވި ސަބަބަކީ،" ގާޑިއޯލާ ބުންޏެވެ.

އަންނަ ސީޒަނުގައި ސިޓީން ލިވަޕޫލާ ހަމަކުރަން ބޭނުންނަމަ މިހާރުން ފެށިގެން ފަރުވާތެރިކަމާ އެކު މަސައްކަތް ފަށަން ޖެހޭ ކަމަށް ގާޑިއޯލާ ގަބޫލުކުރެ އެވެ.

"ދެ އަހަރު ކުރިން އަހަރެމެން އޮތީ ލިވަޕޫލަށް ވުރެން 25 ޕޮއިންޓް ކުރީގައި. މިހާރު އެ މީހުން އެ އޮތީ އަހަރެމެން ފަަހަނައަޅައި ގޮސް ހަމަ އެ ވަރުގެ ލީޑެއްގައި. އަހަރެމެން އަންނަ ސީޒަނަށް ވިސްނާއިރު ބަލަންވީ މި ސީޒަނުގައި މިހެދުނު ގޯސްތައް އަންނަ ސީޒަނުގައި ތަކުރާރުވިޔަ ނުދޭން،" ގާޑިއޯލާ ބުންޏެވެ.

ލީގުގައި ދެން ސިޓީ އަށް އޮތް މެޗަކީ އަންނަ ބުދަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗެވެ.