އާސެނަލްގެ ފޭސްބުކް ޕޯސްޓަށް މޮރީނިއޯ ރައްދުދީފި

ލަންޑަން (ޖުލައި 6) - ޝެފީލްޑް ޔުނައިޓެޑް އަތުން ޓޮޓެންހަމް ބަލިވުމުން އެކަމާ ގުޅުވައިގެން އާސެނަލުން ކުރި ފޭސްބުކް ޕޯސްޓަކަށް ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ރައްދުދީފި އެވެ.


މިދިޔަ ބުރާސްފަތި ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި ޝެފީލްޑްގެ ދަނޑު ބްރަމަލް ލޭންގައި އެ ޓީމުން ވަނީ ޓޮޓެންހަމް 3-1 އިން ބަލިކޮށްފަ އެވެ. އޭގެ ދެތިން ދުވަހެއް ކުރިން އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި އާސެނަލުން ވަނީ ބްރަމަލް ލޭންގައި 2-1 އިން ޝެފީލްޑް ބަލިކޮށްފަ އެވެ.

ޓޮޓެންހަމާއި އާސެނަލަކީ ނޯތު ލަންޑަންގެ ވާދަވެރިންނެވެ. ޓޮޓެންހަމް ބަލިވުމާ އެކު އާސެނަލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި ވަނީ ޓޮޓެންހަމަށް ރައްދުވާ ގޮތަށް ޕޯސްޓެއްކޮށްފަ އެވެ. އާސެނަލުން ޝެފީލްޑް ބަލިކުރި މެޗުގެ އުސްއަލިތަކާ އެކު ވީޑިއޯ އެއް ޕޯސްޓުކުރަމުން ޖަހާފައިވަނީ "ޝެފީލްޑް ޔުނައިޓެޑް ބްރަމަލް ލޭންގައި ބަލިކުރުމަކީ ފަސޭހަކަމެއް ނޫން" ކަމަށެވެ.

ޖެހިޖެހިގެން ތިން މެޗުން ހޯދި މޮޅާ އެކު އާސެނަލް ވަނީ ލީގު ތާވަލުގައި ޓޮޓެންހަމަށް ވުރެން ހަތަރު ޕޮއިންޓް ކުރިއަށް ޖެހިލައިފަ އެވެ. ހަތް ވަނައިގައި އޮތް އާސެނަލަށް 33 މެޗުން 49 ޕޮއިންޓް ލިބިފައިވާއިރު، ޓޮޓެންހަމް 10 ވަނައިގައި އޮތީ 32 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ. މިރޭ އެވަޓަން އަތުން މޮޅުވެގެން ޓޮޓެންހަމަށް އަށް ވަނަ އަށް އެރޭނެ އެވެ.

މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޮރީނިއޯ ބުނީ އާސެނަލުން ޓޮޓެންހަމަށް މަލާމަތްކުރުމަކީ މި ވަގުތު ކުރެވޭނެ ކަމެއް ކަމަށް ނުދެކޭ ކަމަށް ބުނެފަ އެވެ.

"އަހަރެން ދެކޭގޮތުގައި އެ މީހުން ތާވަލުގެ އެއް ވަނައިގައި އޮތްނަމަ ނޫނީ ގަދަ ހަތަރެއްގައި ހަމަޖެހިލައިގެން އޮތްނަމަ އެހެން ޓީމު އޮތް ހާލަތަށް ބަލައި މަޖަލެއް ނުކުރާނެ. އެހެން މީހުންގެ މައްސަލަތަކުގެ އުފާކުރާނީ އާންމުކޮށް އެ މައްސަލަތަކުގެ ތެރޭގައި ތިބި މީހުން،" އާސެނަލަށް ރައްދުކޮށް މޮރީނިއޯ ބުންޏެވެ.

ޓޮޓެންހަމް މިހާރު އޮތް ހާލަތަށް މަލާމާތެއް ކުރުމުގެ ހައްގު އާސެނަލަށް އޮތްކަމަށް ނުދެކޭ ކަމަށާއި އެ ދެ ކްލަބް ވެސް އޮތީ ދާދި އެއް ހަމައެއްގައި ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ.

"އެހެން ކްލަބަކާ ގުޅުވައިގެން ޕޯސްޓެއް ނޫނީ ޓްވީޓެއްކުރުން އެއީ އަހަރެން ޝައުގުވެރިވާ ކަމެއް ނޫން. އަހަރެން މި ދައްކަނީ ރަނގަޅު ވާހަކައެއް ނޫނީ ގޯސް ވާހަކައެއް ކަމަށް ވެސް ވެދާނެ. އެކަމަކު އެކަން ކުރި މީހަކަށް އެއީ ރަނގަޅުކަމެއް ކަމަށް ފެނުނީ. އަހަރެންގެ ނަޒަރުގައި އެއީ އާޓެޓާ ކުރި ކަމެއް ނޫން. ޝާކާ ނޫނީ އެހެން އާސެނަލް ކެޕްޓަނެއް ކުރި ކަމެއް ވެސް ނޫން. އެކަން ކުރީ މިދިޔަ ތިން މަހު ގޭގައި މަސައްކަތްކުރަން ހުރި މީހެއް. ގޭގައި އެއްވެސް މައްސަލައެއް ވެސް ނެތް މީހެއް،" މޮރީނިއޯ ބުންޏެވެ.

ބާވީސް އަހަރު ވަންދެން އާސެނަލަށް ވުރެން ފަަހަތުން ލީގު ނިންމި ޓޮޓެންހަމް ވަނީ މިދިޔަ ތިން ސީޒަނުގައި ލީގުގެ މަގާމުތަކަށް ބަލާއިރު އާސެނަލް ފަހަތަށް ޖައްސާލައިފަ އެވެ. މޮރީނިއޯ ބުނީ ޓޮޓެންހަމްގެ އެންމެ ބޮޑު ވާދަވެރިންނަކީ އާސެނަލް ކަމަށްވިޔަސް ހަމައެކަނި މަގުސަދަކީ އެ ޓީމަށް ވުރެން ކުރީގައި އޮވެގެން ލީގު ނިންމާލުން ކަމަށް ނުހަދާނެ ކަމަށެވެ.

"ބޭނުންވަނީ ނޯތު ލަންޑަނުގެ ޗެމްޕިއަނުންނަށް ވާކަށެއް ނޫން. އެ އަށް ވުރެން ބޮޑެތި އުއްމީދުތަކެއް ހުންނަންވާނެ." މޮރީނިއޯ ބުންޏެވެ.

ޓޮޓެންހަމާއި އާސެނަލް މި ފަހަރު ލީގުގައި ކުޅޭ ދެ ވަނަ މެޗު އޮންނާނީ މި މަހު 12 ވަނަ ދުވަހު އެވެ. މޮރީނިއޯ ބުނީ ޓޮޓެންހަމްގެ ކޮންމެ ކުޅުންތެރިއެއް އަދި ކޮންމެ ސަޕޯޓަރެއް ގޮތަށް އޭނާ ވެސް މި މެޗަށް އިންތިޒާރުކުރަމުން އަންނަ ކަމަށެވެ.