ރޮނާލްޑޯ ނެތި ރެއާލް ވަރުގަދަވީ ޓީމެއްގެ ގޮތުގައި: މޮޑްރިޗް

މެޑްރިޑް (ޖުލައި 23) - މީގެ ދެ އަހަރު ކުރިން ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލް މެޑްރިޑް ދޫކޮށްލުމާ އެކު މިހާތަނަށް އެ ޓީމު ވަރުގަދަވެ ކުރިއަރާފައި އޮތީ ޓީމެއްގެ ގޮތުގައި ކަމަށް އެ ޓީމުގެ މިޑްފީލްޑަރު ލޫކަ މޮޑްރިޗް ބުނެފި އެވެ.


ރެއާލަށް ޖެހިޖެހިގެން ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމަށް ފަހު ޖުމްލަ 117 މިލިއަން ޔޫރޯގެ އަގަކަށް ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލުވީ 2018 ވަނަ އަހަރުގެ ޖުލައި މަހުގަ އެވެ. ރޮނާލްޑޯ ނުލައި ރެއާލުން ކުރިމަތިލި ފުރަތަމަ ސީޒަނުގައި މިދިޔަ އަހަރު އެ ޓީމަށް ތިން ކޯޗަކު އިރުޝާދުދިނެވެ. އެންމެ ފުރަތަމަ ހުރި ހޫލެން ލޮޕެޓެގީ މަގާމުން ދުރުކޮށް ފަހުން އެ ޓީމު ކޯޗަކަށް ހަމަޖެއްސި ސަންޓިއާގޯ ސޮލާރީ އަށް ވެސް މަގާމުގައި ހިފެހެއްޓޭގޮތްނުވި އެވެ. ރެއާލުން އެންމެ ފަހުން އަލުން ޒިނެދިން ޒިދާން ގެންނަން ނިންމީ މިދިޔަ އަހަރުގެ މާޗް މަހުގަ އެވެ.

މި ސީޒަނުގައި ރެއާލުން ވަނީ ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އަދި ޗެމްޕިއަންސް ލީގުގައި ވެސް އެ ޓީމު އެބައޮތެވެ.

ފްރާންސް ފުޓްބޯލް އިން ދޭ ބެލޮންޑިއޯ އެވޯޑް 2018 ވަނަ އަހަރު ހޯދި މޮޑްރިޗް ބުނީ ރޮނާލްޑޯ ފަދަ ހުނަރުވެރި ކުޅުންތެރިއަކު ނެތްތަން ކޮންމެ ޓީމަކުން ވެސް ދައްކާނެ ކަމަށާއި އެއަށް ތައްޔާރުވެ ޓީމު ރަނގަޅު ކުރުމުގެ ޒިންމާ ހުރިހާ ކުޅުންތެރިންނަށް ވެސް އޮންނާނެ ކަމަށެވެ.

"މި ވަގުތަށް ބަލާއިރު މާ ބޮޑަށް ސަމާލުކަމެއް ދޭން ޖެހޭ ކަމެއް ނޫން އެއީ. އަހަރެމެން އެންމެނަށް ވެސް އެނގޭ ރޮނާލްޑޯ އަކީ ކުރިން ރެއާލަށް ކިހާ މުހިއްމު ކުޅުންތެރިއެއްކަން. އެ ފަދަ ކުޅުންތެރިއަކު ނެތުމުން އެއީ އަހަރެމެންނަށް ލިބޭ ހިތްހަމަ ޖެހުމެކޭ ނުބުނެވޭނެ. އެއީ އޭނަ ހުރެފިނަމަ ޓީމަށް އިތުރު ފުރިހަމަކަމެއް އާދޭ،" އުމުރުން 34 އަހަރުގެ މޮޑްރިޗް ބުންޏެވެ.

"ރޮނާލްޑޯ ދިޔަ ފަހުން ވަކި ވަކި ކުޅުންތެރިންނަށް ވުރެން ރެއާލް ވަރުގަދަވީ ޓީމެއްގެ ގޮތުގައި. އެއީ ޓީމަށް ވެސް ކުރިއަށްދާން ފަސޭހަވިކަމެއް. އެއީ ވަކި ކުޅުންތެރިއަކު ގެނެސްގެން ރޮނާލްޑޯ ނެތްތަން ފޫބެއްދޭނެ ކަމަށް ގަބޫލުނުކުރެެވޭތީ ޓީމެއްގެ ގޮތުގައި ކުރިއަށްދިއުން ޓީމަށް ރަނގަޅުވާނެތީ،"

މޮޑްރިޗް ބުނީ ލީގު ނިމުމާ އެކު ރެއާލަށް މި ސީޒަން ނިމުނީ ކަމަށް ނުދެކޭ ކަމަށާއި ޗެމްޕިއަންސް ލީގުގެ ކާމިޔާބަށް ވެސް އެ ޓީމުން އުއްމީދުކުރާ ކަމަށެވެ. ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރެއާލް ދަނޑުގައި މެންޗެސްޓާ ސިޓީ ވަނީ 2-1 އިން މޮޅުވެފަ އެވެ. ސިޓީ ދަނޑުގައި ކުޅޭ ދެ ވަނަ ލެގު އޮންނާނީ އަންނަ މަހު ހަތް ވަނަ ދުވަހު އެވެ.