27 ޖުލައި 2020 - 08:35
ލަންޑަން (ޖުލައި 27) – މި ސީޒަނުގެ ޕްރިމިއާ ލީގުގެ ފަހު މެޗުތަކަށް ފަހު ރޭ، ޗެމްޕިއަން ލިވަޕޫލާއި ރަނަރަޕް މެންޗެސްޓާ ސިޓީއާ އެކު، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އިންގްލެންޑުން ވާދަކުރާނެ އަނެއް ދެ ޓީމަކަށް މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ހޮވިިއްޖެ އެވެ.
ޔުނައިޓެޑުން އެ ފުރުސަތު ހޯދީ، ގަދަ ހަތަރަކަށް ވާދަކުރަމުން އައި ލެސްޓާ ސިޓީ 2-0 އިން ބަލިކޮށް، 66 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ތިން ވަނަ މަގާމް ކަށަވަރުކޮށްގެންނެވެ. އަދި ޗެލްސީ ޖާގަ ހޯދީ ވުލްސް 2-0 އިން ބަލިކޮށް 66 ޕޮއިންޓް ހަމަކޮށް ހަތަރު ވަނަ ހޯޯދައިގެންނެވެ.
ލެސްޓާ 62 ޕޮއިންޓާ އެކު ފަސް ވަނަ އަށް ދިއުމުން އެ ޓީމަށް ފުރުސަތު ލިބުނީ ޔުރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުންނެވެ. މުޅި ސީޒަނުގައި ކަހަލަ ގޮތަކަށް ގަދަ ހަތަރެއްގެ ތެރޭ އޮވެ އަދި އަހަރު ފެށިއިރު ޔުނައިޓެޑަށް ވުރެ 14 ޕޮއިންޓް ކުރީގައި އޮވެމެ، ފަހު މެޗުން މޮޅެއް ނުލިބުމުން ގަދަ ހަތަރަކުން ކެޓުމަކީ ލެސްޓަގެ ކޯޗު ބްރެންޑަން ރޮޖާސް އަށް ބޮޑު ނާކާމިޔާބެކެވެ.
އެއްވަރުކޮށްލައިގެން ވެސް ގަދަ ހަތަރެއް ލިބެން އޮތް ޔުނައިޓެޑް ރަށުން ބޭރުގައި ލެސްޓާ އަތުން މޮޅުވިއިރު އެ ޓީމުގެ ފުރަތަމަ ގޯލް 71 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޖެހީ ބްރުނޯ ފެނާންޑޭޒް އެވެ. އަދި ދެ ވަނަ ގޯލް އިތުރު ވަގުތުގެ ތެރޭ ޖެހީ ޖެސޭ ލިންގާޑެވެ. މިއީ މި ސީޒަނުގައި އޭނާގެ ފުރަތަމަ ގޯލެވެ.
މެންޗެސްޓާ ޔުނައިޓެޑުގެ ބްރުނޯ ފެނާންޑޭޒް (ކ) އަތުން ބޯޅަ ހޯދަން ލެސްޓާގެ ޖޭމްސް ޖަސްޓިން މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ
ޗެލްސީ އަމިއްލަ ދަނޑުގައި ވުލްސް އަތުން މޮޅުވިއިރު ގޯލްތައް ޖަހައިދިނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭ މޭސަން މައުންޓާއި އޮލިވާ ޖިރޫ އެވެ. ޖިރޫގެ ލަނޑު ޖަހަން އެސިސްޓްކޮށްދިނީ މައުންޓެވެ.
ރޭ ކްރިސްޓަލް ޕެލަސްއާ 1-1 އިން އެއްވަރުވި ޓޮޓެންހަމް ހޮޓްސްޕާސް ހަ ވަނަ އަށް ގޮސް، 59 ޕޮއިންޓާ އެކު އެ ޓީމަށް ފުރުސަތު ލިބުނީ ޔުރޮޕާ ލީގުގެ ސެކަންޑް ކޮލިފައިން ބުރުންނެވެ. އެ އަދަދަށް ޕޮއިންޓް އެއްކޮށްގެން ލަނޑުގެ ތަފާތުން ވުލްސް ހަތް ވަނައިގައި ލީގު ނިންމާލި ނަމަވެސް އެ ޓީމަށް އަދިވެސް ޔޫރަޕުގެ ފުރުސަތު އެބައޮތެވެ.
ފުރަތަމަ ގޮތަކީ ޔުރޮޕާ ލީގު ކާމިޔާބުކޮށްގެން ޗެމްޕިއަންސް ލީގަށް ދިއުމެވެ. ދެ ވަނަ ގޮތަކީ އަންނަ ހޮނިހިރު ދުވަހު އެފްއޭ ކަޕުގެ ފައިނަލުން އާސެނަލް އަތުން ޗެލްސީ މޮޅުވުމެވެ. އެއީ ޗެލްސީން ޔޫރަޕުގެ ޖާގައެއް ކަށަވަރުކޮށްފައިވާތީވެ އެފްއޭ ކަޕް ޗެމްޕިއަނުންނަށްދޭ ޔުރޮޕާ ލީގުގެ ޖާގަ، ދެން ލިބޭނީ ހަތް ވަނަ ޓީމަށް ކަމަށްވާތީވެ އެވެ. އެކަމަކު އެ ހާލަތުގައި، ޗެލްސީގެ ގްރޫޕް ސްޓޭޖް ޖާގަ، ހަ ވަނަ ހޯދި ޓޮޓެންހަމަށް ލިބި ވުލްސް އަށް ފުރުސަތު ލިބޭނީ ކޮލިފައިން ބުރުންނެވެ.
1 - ލިވަޕޫލް: 99 ޕޮއިންޓް
2 - މެންޗެސްޓާ ސިޓީ: 81 ޕޮއިންޓް
3 - މެންޗެސްޓާ ޔުނައިޓެޑް: 66 ޕޮއިންޓް
4 - ޗެލްސީ: 66 ޕޮއިންޓް
5 - ލެސްޓާ ސިޓީ: 62 ޕޮއިންޓް
6 - ޓޮޓެންހަމް ހޮޓްސްޕާސް: 59 ޕޮއިންޓް
އާސެނަލް ރޭ ވަޓްފޯޑް އަތުން 3-2 އިން މޮޅުވެ ލީގު ނިންމާލީ 56 ޕޮއިންޓާ އެކު އަށް ވަނައިގަ އެވެ. އެފްއޭ ކަޕް ޗެމްޕިއަންކަން ހޯދައިގެން އެ ޓީމަށް ޔުރޮޕާ ލީގުން ފުރުސަތު އޮންނާނެ އެވެ.
ޗެމްޕިއަން ލިވަޕޫލް ރޭ ވަނީ ނިއުކާސަލް ޔުނައިޓެޑް އަތުން 3-1 އިން މޮޅުވެފަ އެވެ. މެޗުގެ ފުރަތަމަ މިނެޓުގައި ނިއުކާސަލްގެ ޑްވައިޓް ގޭލް ލީޑު ނަގާފައިވަނިކޮށް ލިވަޕޫލް ފަހަތުން އަރައި މޮޅުވީ ވާޖިން ވެން ޑައިކާއި ޑިވޮކް އޮރީގީ އަދި ސަޑިއޯ މާނޭ ޖެހި ގޯލްތަކުންނެވެ. މި މޮޅާ އެކު ލިވަޕޫލް ވަނީ ލީގުގައި 99 ޕޮއިންޓް ހަމަކޮށްފަ އެވެ. ލިވަޕޫލަކީ 2017/2018 ގައި 100 ޕޮއިންޓް ހޯދި ސިޓީ ފިޔަވައި، އިނގިރޭސި ލީގުގެ ތާރީހުގައި އެންމެ ގިނަ ޕޮއިންޓް ހޯދި ޓީމެވެ.
މެންޗެސްޓާ ސިޓީ ރޭ ކުޅުނު މެޗުން، ތާވަލުގެ އެންމެ ފުލަށް ގޮސް ރެލިގޭޓްވެފައިވާ ނޯވިޗް ސިޓީ އަތުން މޮޅުވީ 5-0 އިންނެވެ. ކެވިން ޑި ބްރެނާ ދެ ގޯލް ޖެހިއިރު އަނެއް ތިން ގޯލް ކާމިޔާބުކުރީ ގެބްރިއަލް ޖީސުސް އާއި ރަހީމް ސްޓާލިން އަދި ރިޔާޒް މާރޭޒެވެ. މި ގޯލްތަކާ އެކު ސިޓީ ވަނީ ލީގުގައި 102 ގޯލް ހަމަކޮށްފަ އެވެ. އަދި ރޭ ޑި ބްރޭނާ ވަނީ، އެއް ސީޒަނެއްގައި 20 ގޯލް ޖަހަން އެސިސްޓް ކޮށްދީގެން އާސެނަލްގެ ކުރީގެ ފޯވާޑް ތިއެރީ އޮންރީ ހަދާފައިވާ ރެކޯޑާ އެއްވަރުކޮށްފަ އެވެ.
މެންޗެސްޓާ ސިޓީގެ ކެވިން ޑި ބްރޭނާ (ކ) އަށް އެ ޓީމުގެ ރަހީމް ސްޓާލިން މަރުހަބާ ކިޔަނީ. --ފޮޓޯ: އޭއެފްޕީ
އެވަޓަން އަތުން 3-1 އިން މޮޅުވި ނަމަވެސް ބޯންމައުތު ވަނީ ތާވަލުގެ 18 ވަނަ އަށް ވެއްޓި ރެލިގޭޓްވެފަ އެވެ. ކާމިޔާބު ކޯޗު ކާލޯ އަންޗެލޮޓީގެ އެވަޓަން ލީގު ނިންމާލީ 12 ވަނައިގަ އެވެ. ރޭ ވެސްޓް ހޭމް ޔުނައިޓެޑް އަތުން އެސްޓަން ވިލާ ބަލިވި ނަމަ ވިލާ ރެލިގޭޓްވެ ބޯންމައުތު ސަލާމަތްވީހެވެ. އެކަމަކު ވެސްޓް ހޭމް އާއި ވިލާގެ މެޗު 1-1 އިން އެއްވަރުވީ އެވެ. ދެން ރެލިގޭޓްވީ ރޭ އާސެނަލް އަތުން 3-2 އިން ބަލިވެ، 19 ވަނަ އަށް ދިޔަ ވަޓްފޯޑެވެ.
ޕިއެރޭ އެމެރިކް އޯބަޔަމަންގެ ދެ ގޯލާއި ކިއެރަން ޓިއޭނީގެ ގޯލާ އެކު އާސެނަލް ރަނގަޅު ލީޑެއްގައި އޮއްވާ ވަޓްފޯޑުން ޓްރޯއީ ޑީނޭ އާއި ޑެނީ ވެލްބެކްގެ ލަނޑުން އާސެނަލް ހާސްކޮށްލި ނަމަވެސް އެ ޓީމަށް މަދުވެގެން ޕޮއިންޓެއް ހޯދޭ ގޮތެއް ވެސް ނުވި އެވެ.
ޕްރިމިއާ ލީގުގައި އެންމެ ގިނަ ގޯލް ޖަހައިގެން ރަންބޫޓު ކާމިޔާބުކުރީ 23 ގޯލާ އެކު ލެސްޓާގެ ޖެމީ ވާޑީ އެވެ. އޭނާއާ ވާދަކުރި އާސެނަލްގެ އޯބަމަޔަން އާއި ސައުތުހެމްޓަންގެ ޑެނީ އިންގްސް ޖަހާފައިވަނީ 22 ގޯލެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުލޭ
27 July 2020
ޔުނައިޓެޑަށް ރޭގަ ދިނީ 100 ގެ ޕެނަލްޓީއެއް. އެއްވެސް ސުވާލެއް ނެތް. ކީޕަރު ދިން ހަދިޔާ އަކީ ޔުނައިޓެޑަށް ދިން ޔަގީންކަމެއް. ބައްޕަގެ ހަނދާނުގައި.
ހަގީގަތްް
27 July 2020
މަރުހަބާ އާރސެނަލް. 4ސެނަލުން 8ސެނަލަށް... މިއީ ހަގީގީ ކުރިއެރުމަކީ..
ރަދީފްއޮފިޝިއަލް
27 July 2020
ބޮޑާވެ ކިބުރުވެރިނުވުމަށް ނަސޭހަތްތެރިވަން.
ހަގީގަތްްް
27 July 2020
އިރު އިރުކޮޅުން ސްޕަރސް އާ ދިމާކުރަނީ ހިތްތިރިކަމުންތޭ؟
ރަދީފްއޮފިޝިއަލް
28 July 2020
އޭއި މިހިރަ @ހަގީގަތް ކޮހ.ކަލޭ ލިޔާ ގޮތަށް ކުޑަކުދިން އަތިރިމަތީގަ ޒުވާބުކުރާ ސްޓައިލަށް އަހަރެން ކޮމެންޓެއް ނުކުރަން.ހަގީގީ މަގާމޭ ކިޔާ އިރު ކަލޭގެ ލަދު ކޮބާ؟؟
ލެއްގި ކޮމިޝަނަރ
27 July 2020
ލެސްޓާ ކީޕަރު ބައްޕައަށްދިން ހަދިޔާއަކާ، ރެފްރީ ރާނީއަށްދިން ހަދިޔާއަކުން މެންޗެސްޓާ ޔުނައިޓެޑް ޗެމްޕިއަންސް ލީގަށް ކޮލިފައިންވެއްޖެ. ސުރުހީ މިގޮތަށް ޖަހާލިނަމަ ސަޅިވީސް. ރާނީ ޔުނައިޓެޑްގެ ހުރިހާ ސަޕޯޓަރުންނަށް މަރުހަބާ
އާއިޝަތު ރަދީފާ
27 July 2020
ރަތް ކާރޑު ދިން ފައުލް ފެނުނުނަމަ ތިޔަހެން ނުބުނީސް.
ރޮނާ7
27 July 2020
ނުރޮއި ކިޔާބަލަ ތި ކިޔާ އެއްޗެއް.
ނުލެއްގި ކޮމިޝަނަރ
27 July 2020
ލިބެންޖެހޭ ކިތަންމެ އެއްޗެއް ނުލިބި ދިޔަ ތިމާމެން ސަޕޯރޓް ކުރާކުލަބް މޮޅުވާހަކަ ދައްކަބަލަ ޔުނައިޓެޑްއާ އަޅާގަނެގެން ތި ވެއްޓެނީއެއްނު ނިކަން ހަރުތަނެއްގަ ހިފޭތޯބަލާބަ.ހަޖަމް ކޮއްލާ ބަލިވިޔަސް މޮޅުވިޔަސް އަހަރުމެން އަބަދުވެސް ޔުނައިޓެޑް ?
ޕެނަލްޓީ
27 July 2020
14 ޕެނަލްޓީ ދީގެން ގަދަ 4 އަށް ޕްރޮ މޯޓް ކޮށްދިނީނު.
ހަގީގަތްް
27 July 2020
ޕެނަލްޓީ ދެނީ ދޭން ޖެހުނީމަ. ހަމަ ހުރެފަކާއެއް ނޫން
2ބާރީ
27 July 2020
ޕެނަލްޓީ އެއީ ފުޓުބޯޅާގަ ހުއްދަ އެއްޗެއް. ކޮބައި މައްސަލަ އަކީ.
ޕެނަލް ބޯރޑް
28 July 2020
ޕެނަލްޓީ ވެސް ޖެހުނީ ޔުނައިޓެޑް އަށޭ! ތިމާނެންގެ ޓީމްގެ ވާހަކަ ދައްކަބަލަ އަހަރުމެންވެސް ނުދައްކަމޭ އެހެން ޓީމްތަކުގެ ވާހަކަ. މިފަހަރުދެން ހުރިހާކުދިން ހިތް ހަމަޖައްސާލާ އަންނަ ފަހަރަކުން ރަނގަޅު ކޮއްލާނީ ދޯ ?