31 ޖުލައި 2020 - 08:53
ޒިއުރިކް (ޖުލައި 31) - ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ގުޅޭ މައްސަލައެއް ސްވިޒަލެންޑްގެ ޕްރޮސެކިއުޓަރުން ބަލަން ފަށައިފި އެވެ.
ސްވިޒަލެންޑްގެ ވަކީލެއް ކަމަށްވާ ސްޓެފަން ކެލާ ވިދާޅުވީ އެ ގައުމުގެ އެޓާނީ ޖެނެރަލް މައިކަލް ލޯބާއާ އެކު އިންފަންޓީނޯ ބޭއްވި ބައްދަލުވުންތަކުކާ ބާރާއި ނުފޫޒު ބޭނުންކޮށްގެން ގިނަ ކަންތައްތައްކެއް ކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެކަމާ ގުޅިގެން ތަހުގީގުކުރަންޖެހޭ މައްސަލަތަކެއް ބަލަން ފަށާފައިވާ ކަމަށެވެ.
"ބަަލަމުން މިދާ މައްސަލައަކީ ޕަބްލިކް އޮފީހެއް ނަހަމަ ގޮތުގައި ބޭނުންކުރުމާއި ސިއްރިއްޔާތުގައި އޮފީހުގައި އެ ފަދަ ބައްދަލުވުމެއް ބޭއްވުމާއި ގާނޫނާ ހިލާފަށް ކުރެވޭ ކަންތައްތަކެއް ހިންގުމުގެ އިތުރުން އެ ފަދަ އަމަލުތަކެއް ހިންގާ ބަޔަކަށް ވާގިވެރިވާފަދަ ގޮތަަކަށް އަމަލުކުރުން،" ކެލާގެ ތަހުގީގާ ގުޅޭގޮތުން ސްވިޒަލެންޑުގެ ޕްރޮސެކިއުޓަރުން އާންމުކޮށްފައިވާ ބަޔާނުގައިވެ އެވެ.
މިކަމާ ގުޅިގެން އިންފަންޓީނޯ ވިދާޅުވީ ލޯބާއާ އެކު ބައްދަލުވުންތަކެއް ކުރިއަށްދިޔަ ކަމަށާއި އެކަމަކު އޭގެން އެއްވެސް ބައްދަލުވުމެއްގައި ގާނޫނަކާ ހިލާފުވާފަދަ ކަންތައްތަކެއް ކޮށްފައިނުވާނެ ކަމަށެވެ.
"ސްވިޒަލެންޑުގެ އެޓާނީ ޖެނެރަލްއާ ބައްދަލުކުރުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން. އަދި ގާނޫނީ ގޮތުން އެއްވެސް ހުރަހެއް އޮތް ކަމެއް ވެސް ނޫން. އެއީ އެއްވެސް ގަވާއިދަކާ ހިލާފަށް ކުރި ކަމެއް ވެސް ނޫން. މީގައި އަނެއްކޮޅުން ބަލާއިރު ފީފާގެ ކަންތައްތައް އުސޫލުގެ ތެރެއިން ރަނގަޅަށް ހިންގަން ކުރާ މަސައްކަތުގައި ސްވިޒަލެންޑްގެ އެޓާނީ ޖެނެރަލްއާ ބައްދަލުކުރުމަކީ ފީފާގައި އަދާކުރަން ޖެހޭ ޒިންމާގެ ގޮތުން ކުރަން ވެސް ޖެހޭ ކަމެއް،" އިންފަންޓީނޯ ވިދާޅުވި އެވެ.
ފުޓްބޯޅައިގެ މައި އިދާރާ ފީފާއާ ގުޅޭގޮތުން ކުރެވޭ އެކި ތުހުމަތުތަކުގެ ތަހުގީގު ޓީމުން ލޯބާ ވަނީ ފާއިތުވި ހަފްތާގައި އިސްތިއުފާދީފަ އެވެ. ލޯބާ އިސްތިއުފާ ދިނީ އޭނާ އާއި އިންފަންޓީނޯއާ ދެމެދު ގާތްގުޅުމެއް އޮތްކަމުގެ ތުހުމަތުކުރެވި އޭނާގެ ނުފޫޒު ވެސް ލޯބާ އަށް ފޯރާ ކަމަށް ވާހަކަ ދެކެވެނިކޮށެވެ. ސްވިޒަލެންޑްގެ ޕްރޮސެކިއުޓަރުން މިކުރާ ތުހުމަތުތަކަށް ލޯބާ ވެސް އިންކާރުކުރައްވަ އެވެ. ލޯބާ ވިދާޅުވީ އިންފަންޓީނޯއާ އެކު ބޭއްވީ ސައްހަ ބައްދަލުވުންތަކެއް ކަމަށާއި އުސޫލުން ބޭރުން އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ.
ފީފާގެ ކޮރަޕްޝަނުގެ މައްސަލަ 2015 ވަނަ އަހަރު އެންމެ ފުރަތަމަ ބޮޑުވެގެންދިޔަ ދުވަސްވަރު ވެސް އިންފަންޓީނޯ އާއި ލޯބާއާ ވަކިން ބައްދަލުކުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އޭރުގެ ފީފާގެ އޮފިޝަލުންގެ ތަހުގީގުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ލޯބާ އެވެ. އަދި އިންފަންޓީނޯގެ ޒަމާންވީ އެކުވެރިޔާ އަދި ސްވިޒަލެންޑްގެ ވަކީލެއް ކަމަށްވާ ރިނާލްޑޯ އާނޯލްޑް އެވެ.
ފުޓްބޯޅައިގެ ސިއްރު މައުލޫމާތުތައް ލީކުކޮށްލާ "ފުޓްބޯލް ލީކްސް" އިން މީގެ ކުރިން ވަނީ އިންފަންޓީނޯ އާއި ލޯބާ އަދި އާނޯލްޑް އެކުގައި ބާއްވާ ބައްދަލުވުންތަކެއްގެ ވާހަކަ ލީކުކޮށްލައިފަ އެވެ. އެއީ 2016 އާއި 2017 ވަނަ އަހަރު ބޭއްވި ބައްދަލުވުންތަކެކެވެ. އެ މައުލޫމާތުތަކުގައިވަނީ ތެދު ވާހަކަތަކެއް ކަމަށް ބުނެ ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ވިދާޅުވީ އޭނާ މަގާމުން ވަކިވާން ޖެހުނީ އިންފަންޓީނޯ އަޑީގައި ހުރެގެން ރޭވި ނުބައި ރޭވުންތަކެއްގެ ސަބަބުން ކަމަށެވެ. އިންފަންޓީނޯ ފީފާގެ ރައީސް ކަމަށް ފުރަތަމަ އިންތިހާބުވީ 2016 ވަނަ އަހަރު އެވެ.
ބްލެޓާގެ އެ ތުހުމަތުތަކަށް އިންފަންޓީނޯ އިންކާރު ކުރައްވައި ވިދާޅުވީ ފީފާ އަކީ ކުރިއާ އަޅާބަލާއިރު މިހާރު ގިނަ ބަޔެއްގެ އިތުބާރު ލިބިފައިވާތަނެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަކީމް
31 July 2020
ސަހަލު އެކަކުވެސް ނެތް ... ހުސް ޕޮލިޓިކްސް.
ނިބޫ
31 July 2020
ލިބަރަލް ފިކުރުގެ އުދަގޫ ވަރަށް ބޮޑު ވެއްޖެ އެވެ