ޒިދާނަކީ މޮޅު ކުޅުންތެރިއެއް އަދި މޮޅު ކޯޗެއް: ގާޑިއޯލާ

މެންޗެސްޓާ (އޮގަސްޓް 1) - ފުޓްބޯޅަ ކެރިއަރަށް ބަލާއިރު ޒިނެދިން ޒިދާނަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި އަދި ކޯޗިން ކެރިއަރުގެ މިހާތަނަށް ބެލިޔަސް އޭނާ އަކީ މޮޅު ކޯޗެއް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.


މި މަހު ހަތް ވަނަ ދުވަހު ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި ކުޅޭ މެޗުގެ ކުރިން ސިޓީގެ މީޑިއާ އަށް ވާހަކަ ދައްކަމުން ގާޑިއޯލާ ވަނީ ޒިދާނަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.

"އަހަރެން ވަރަށް ޝައުގުވެރިވޭ އަބަދުވެސް ޒިދާނަށް. އަދި އަހަރެން ވަރަށް ބަލައިގަންނަން އޭނާ (ޒިދާން) ކުރާ މަސައްކަތް. ރަނގަޅު ވަގުތާއި ގޯސް ވަގުތުގައި ވެސް އޭނަ އެބަހުރި ވަރަށް އުނދަގޫވިޔަސް އެ ނިންމަން ޖެހޭ ގޮތަށް ކަންކަން ނިންމާފައި،" ގާޑިއޯލާ ބުންޏެވެ. "ކުޅުންތެރިއެއްގެ ގޮތުގައި ވެސް ޒިދާނަކީ އެ ފަދަ ދެ ވަނައެއް ނެތް މޮޅު ކުޅުންތެރިއެއް. ކޯޗެއްގެ ގޮތުގައި ވެސް އޭނާ އެހާމެ މޮޅު،"

ސްޕެއިނާއި ފްރާންސްގެ މެޗެއްގެ ތެރެއިން: ޒިދާން (ކ) އާއި ގާޑިއޯލާ.

ކުޅުންތެރިއެއްގެ ގޮތުގައި ޒިދާނާ ދެކޮޅަށް ނުކުތީ ގައުމީ ޓީމުގައި ވިޔަސް އެ މެޗުގައި ވެސް ޒިދާންގެ ހުނަރު ވަރަށް ރަނގަޅަށް ފެނިގެންދިޔަ ކަމަށް ގާޑިއޯލާ ބުންޏެވެ. ޗެމްޕިއަންސް ލީގުގެ ދެ ވަަނަ ބުރުގެ ފުރަތަމަ ލެގުގައި ރެއާލް ދަނޑުގައި ސިޓީ 2-1 އިން މޮޅުވި ނަމަވެސް ހަމައެކަނި އެ މެޗަށް ބަލައިގެން ޒިދާންގެ ކޯޗިން ކެރިއަރާ މެދު ވާހަކަ ދެއްކުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ގާޑިއޯލާ ގަބޫލުކުރެ އެވެ.

"ޖެހިޖެހިގެން ތިން އަހަރު ޗެމްޕިއަންސް ލީގު ހޯދުމަކީ ވާނެ ކަމެއް ނޫން. ޒިދާން އެކަން ކޮށްފި. ދެން ބަލަމާ ބާސެލޯނާ އަތުން ދެ ފަހަރު ލީގު އަތުލުމަކީ ވެސް ވާނެ ކަމެއް ނޫން. އެހެން މި ބުނީ ބާސެލޯނާ އަކީ މިިދިޔަ 10 ވަރަކަށް އަހަރު އެ ލީގު ޑޮމިނޭޓްކުރި ޓީމަށްވީމާ. ޒިދާން މިވަނީ އެ އުނދަގޫ ދެ ކަންތައް ވެސް ހާސިލްކޮށްފައި. އެއީ އޭނަގެ ކޯޗިންގެ ފެންވަރަކީ،" ގާޑިއޯލާ ބުންޏެވެ.

އޭނާ ބުނީ ދެ ވަނަ ލެގަށް ކުރިމަތިލާއިރު ސިޓީ އަށް އެޑްވާްންޓޭޖް އޮތް ނަމަވެސް އޭގެ ބޭނުން ގޯސް ގޮތަކަށް ނުހިފާނެ ކަމަށެވެ. އަދި އެހެން ކޮންމެ މެޗަކަށް ވެސް ނުކުމެ ސިޓީން ބޭނުންވާ އެ ޓީމުގެ ގޭމް ކުޅެން ކަމަށް ގާޑިއޯލާ ބުންޏެވެ.