13 އޯގަސްޓް 2020 - 12:08
މިއުނިކް (އޮގަސްޓް 13) - ބަޔާން މިއުނިކަށް ކުޅެމުން އަންނަ ސްޕެއިނުގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ ހޯދުމުގެ މަސައްކަތް މެންޗެސްޓާ ސިޓީން ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ކުރިން ބާސެލޯނާ އަށް ކުޅުނު އުމުރުން 29 އަހަރުގެ ތިއާގޯ ގެނައުމުގެ ރޭހުގެ އެންމެ ކުރީގައި އުޅެނީ ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލް އެވެ. ތިއާގޯ ގެންނަން ކުރިން ޕީއެސްޖީން ވެސް ޝައުގުވެރިވި އެވެ. އެކަމަކު ތިއާގޯގެ ވިސްނުން ހުރީ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕްއާ އެކު މަސައްކަތްކުރަން ކަމަށްވުމުން ޕީއެސްޖީން ފަހަތަށް ޖެހުނީ އެވެ.
ބަޔާނުން އެންމެ ފުރަތަމަ ތިއާގޯ ވިއްކާލަން ކީ އަގަކީ 40 މިލިއަން ޔޫރޯ އެވެ. އެކަމަކު ތިއާގޯގެ ކޮންޓްރެކްޓްގައި ބާކީ އޮތީ އެންމެ އަހަރަކަށްވާތީ އާއި އޭނާގެ އުމުރަށް ބެލުމަށް ފަހު ލިވަޕޫލުން އެ ވަރުގެެ އަގެއް ދޭން ދެކޮޅު ހަދާތީ ބަޔާނުން ފަހުން ނިންމީ އަގު ކުޑަކުރާށެވެ. ތިއާގޯގެ އޭޖެންޓްގެ ޕްރެޝަރާ ވެސް އެކު ބަޔާނުން މިހާރު އޭނާ ވިއްކާލަން ކަނޑައަޅާފައިވަނީ އަގަކީ 25 މިލިއަން ޔޫރޯ އެވެ.
ރިޕޯޓްތައް ބުނާގޮތުން ލިވަޕޫލުން ތިއާގޯ ގެނައުމުގެ މަސައްކަތުގައި ދެން ކުރިއަށްދާނީ ބަޔާންގެ ޗެމްޕިއަންސް ލީގު މެޗުތައް ނިމުމުންނެވެ. ލިވަޕޫލުން ތިއާގޯ ގެންނައިރު ދެން ވިސްނާ އަނެއް ކަމަކީ އެ ޓީމަށް ކުޅޭ ނެދަލެންޑްސްގެ މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް ކޮންޓްރެކްޓް އާ ކުރުން ލަސްވާތީ އޭނާގެ ކުރިމަގާ މެދު ގޮތެއް ނިންމުމެވެ. އަންނަ ސީޒަނުގެ ނިޔަލަށް ވައިނަލްޑަމް ލިވަޕޫލްގެ ކޮންޓްރެކްޓްގައި ހުރިއިރު އެއްބަސްވުން އާ ކުރުމުގެ މަޝްވަރާގައި ކުރިއަށް ނުދެވި އޮތީ ވައިނަލްޑަމްގެ ބައެއް ހުށަހެޅުންތަކަށް ލިވަޕޫލުން އެއްބަސްނުވާތީ އެވެ. ނެދަލެންޑްސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ވައިނަލްޑަމް ބޭނުންވަނީ ސީޒަނެއްގައި ވަކި އަދަދަކަށް މެޗު ކުޅޭ ގޮތަށް ކޮންޓްރެކްޓްގައި ހިމަނާށެވެ. އެކަމަކު ލިވަޕޫލުން އެ ގޮތަށް އެއްބަހެއް ނުވެ އެވެ. ވައިނަލްޑަމްގެ ކޮންޓްރެކްޓް ކަންތަކުގައި ކޮންމެ ގޮތެއް ވިޔަސް ލިވަޕޫލްގެ ވިސްނުމަކީ މިހާރު ބަޔާނުން ކިޔާ އަގުގައި ތިއާގޯ ލިބޭނަމަ އޭނާ ގަތުމަށެވެ.
ސިޓީން ތިއާގޯ ގަތުމުގެ ރޭހަށް ވަންނަން ނިންމީ އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާގެ އެދުމަށެވެ. ގާޑިއޯލާ ވަނީ ތިއާގޯއާ އެކު ބާސެލޯނާގެ އިތުރުން ބަޔާންގައި ވެސް މަސައްކަތްކޮށްފަ އެވެ. ތިއާގޯ ގެންނަން ސިޓީން ބޭނުންވާ އެންމެ ބޮޑު ސަބަބަކީ ލާޒިއޯ އަށް ބަދަލުވާ ސިޓީގެ ޑޭވިޑް ސިލްވާ ނެތްތަން ފޫބެއްދުމަށެވެ. އަދި ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން އަންނަނީ ސިޓީގެ ބެނާޑޯ ސިލްވާ ހޯދަން ވެސް މަސައްކަތްކުރަމުންނެވެ. އެ ދެ ކުޅުންތެރިން ސިޓީ ދޫކޮށްލައިފި ނަމަ އެ މަގާމަށް ގާޑިއޯލާ އެންމެ ބޭނުންވަނީ ތިއާގޯ އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ލިވަޕޫލުން ބޮޑު އަގުގައި ކުޅުންތެރިން ގަންނާނީ ކްލަބްގެ މާލީ ހާލަތާއި އާމްދަނީ އަަށް ބެލުމަށް ފަހު ކުރިމަގުގައި ކަންތައްތައް ވާނެ ގޮތުގެ ކޮންމެވެސް ވަރެއްގެ ސާފު މަންޒަރެއް ފެނުމުން ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ވަނީ ބުނެފަ އެވެ. ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމުން ލިވަޕޫލަށް ވަނީ 175 މިލިއަން ޕައުންޑް ލިބިފަ އެވެ. މިއާ އެކު ލިވަޕޫލުން ޓްރާންސްފާ މާކެޓްގައި ކުރިއަށްވުރެން ހަރަކާތްތެރިވާނެ ކަމަށް ބެލެވެ އެވެ. ތިއާގޯގެ އިތުރުން ލިވަޕޫލުން ފާރަލަމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ލީޑްސް ޔުނައިޓެޑަށް މިދިޔަ ސީޒަނުގައި ކުޅުނު ޒުވާން ޑިފެންޑަރު ބެން ވައިޓް އާއި ވަޓްފޯޑްގެ އިސްމާއިލް ސާ ހިމެނެ އެވެ. ލިވަޕޫލުން ވަނީ އޮލިމްޕިއާކޯސްގެ ވާތު ބެކް ކޮސްޓަސް ޓިމިސްކަސްގެ ސޮއި ހޯދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy