ބަޔާން މިއުނިކުން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި

ލިސްބަން (އޮގަސްޓް 23) – ފްރާންސްގެ ޕީއެސްޖީ 1-0 އިން ބަލިކޮށް ޖަރުމަނުގެ ބަޔާން މިއުނިކުން ޗެމްޕިއަންސް ލީގުގެ ތަށި ހަ ވަނަ ފަހަރަށް އުފުލާލައިފި އެވެ.


މި ތަށްޓާ އެކު ބަޔާން މި ވަނީ މި ސީޒަނުގައި 'ޓްރެބަލް" އެއް ހާސިލްކުރުމުގެ ޝަރަފް ހޯދައިފަ އެވެ. އެއީ ޖަރުމަން ލީގާއި ޖަރުމަން ކަޕް ވެސް ކާމިޔާބުކޮށްގެންނެވެ. އެ ޓީމުން ވަނީ 2013 ގައި ވެސް އެ ޝަރަފް ހޯދައިފަ އެވެ.

އަނެއްކޮޅުން އެ ޓީމުން މުބާރާތުގައި ކުޅުނު 11 މެޗު ވެސް ކާމިޔާބުކުރުމާ އެކު ވެފައިވަނީ މުބާރާތުގެ ތާރީހުގައި ހުރިހާ މެޗަކުން މޮޅުވެ ތަށި ހޯދި ފުރަތަމަ ޓީމަށެވެ.

އެޓޭކިން ވިސްނުމުގެ ދެ ޓީމުން މިރޭގެ ފައިނަލް މެޗު ކުޅުނީ، އިދިކޮޅު ޓީމަށް ހުސް ޖާގައެއް ނުދީ ވިސްނުންތެރިކަމާ އެކު އެވެ. ޖުމްލަކޮށް ބަލާއިރު ބަޔާނަށް ހައްގު ކާމިޔާބެއް ނަމަވެސް ޕީއެސްޖީ އަށް ވެސް ފުރުސަތުތަކެއް ލިބުނެވެ.

ފުރަތަމަ ހާފުގައި ބަޔާނުގެ ރޮބަޓް ލެވޮންޑޮސްކީ އަށް ވަރަށް ދެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. އޭގެ ފަހުން ޕީއެސްޖީގެ ނޭމާ އާއި ކީލިއަން އެމްބާޕޭ އަށް ވެސް ލިބުނު ފުރުސަތު ލިބި ބޭނުމެއް ނުކުރެވުނެވެ. ހާއްސަކޮށް ބަޔާނުގެ ޑޭވިޑް އަލަބާ ހަދިޔާކުރި ބޯޅައަކުން އެމްބާޕޭ އަށް ލިބުނު ހުސް ފުރުސަތު ފާހަގަކުރެވެ އެވެ. އޭނާ އެ ބޯޅަ ފޮނުވާލީ ބަޔާނުގެ ގޯލްކީޕަރު މެނުއަލް ނޯޔާއާ ދިމާލަށެވެ.

މެޗުގެ ހަމައެކަނި ގޯލް ދެ ވަނަ ހާފުގައި، 59 ވަނަ މިނެޓުގައި ބަޔާނަށް ކާމިޔާބުކޮށްދިނީ ޕީއެސްޖީ ނިސްބަތްވާ ސިޓީ ކަމަށްވާ ޕެރިހަށް އުފަން އަދި ޕީއެސްޖީގެ އެކަޑަމީން ތައާރަފްވި ކިންގްސްލީ ކޯމަން އެވެ. ޖޯޝުއާ ކިމިޗް ނެގި ހުރަސް އޭނާ ބޮލުން ވައްދާލީ ގޯލުގެ ތިރީ ކަނަށެވެ.

މި ނާކާމިޔާބީއާ އެކު، ގަތަރުގެ ގަތަރު ސްޕޯޓްސް އިން ހިންގާ ޕީއެސްޖީ އަށް މިވަނީ ޔޫރަޕުގެ ޗެމްޕިއަންކަން ހޯދުމުގެ އިންތިޒާރު އަނެއްކާ ވެސް ދިގުލައިފަ އެވެ. އަދި 1993 ވަނަ އަހަރު އޮލިމްޕިކް މާސޭ އިން މުބާރާތް ކާމިޔާބުކުރި ފަހުން ފްރާންސަށް ޔޫރަޕުގެ ތަށި ގެންދަން ލިބުނު ފުރުސަތު ވެސް ގެއްލުނީ އެވެ.

ގަތަރު ސްޕޯޓްސް އިން 2011 އިން ފެށިގެން ޕީއެސްޖީ އަށް ބޮޑު ހަރަދެއްކުރުމުގެ އެންމެ ބޮޑު އެއް އަމާޒަކީ ޔޫރަޕުގެ ތަށި ހޯދުމެވެ. މިރޭ ބަލިވިއިރު ފޯވާޑް ލައިން ބެލެހެއްޓި ނޭމާ އާއި އެމްބާޕޭ ގަތުމަށް ޕީއެސްޖީން 2017 ގައި 474 މިލިއަން ޑޮލަރު ހޭދަކުރި އެވެ.

އަނެއްކޮޅުން މުބާރާތް ހަ ވަނަ ފަހަރަށް ކާމިޔާބުކުރުމާ އެކު ބަޔާނަށް މިވަނީ މުބާރާތުގެ ތިން ވަނަ އަށް އެންމެ ކާމިޔާބު ޓީމުގެ ޝަރަފް ލިބިފަ އެވެ. ތަށީގެ އަދަދަށް ބަލާއިރު އެ ޓީމާއި ލިވަޕޫލް އޮތީ އެއްވަރެއްގަ އެވެ. ބަޔާނަށް ކުރި ލިބެނީ ރަނަރަޕްގެ އަދަދުންނެވެ. ބަޔާންގެ އަތުގައި ރަނަރަޕް ފަސް މެޑަލް އޮތްއިރު ލިވަޕޫލް އަތުގައި އޮތީ ތިން މެޑެއްޔެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ 13 ފަހަރު ތަށި ހޯދާފައިވާ ރެއާލް މެޑްރިޑެވެ. ދެންމެ އެންމ ތަށި ގިނައީ ހަތް ފަހަރުގެ ޗެމްޕިއަން އޭސީ މިލާނުގެ އަތުގަ އެވެ.

މި ކާމިޔާބީ އެންމެ ހާއްސަވާނެ އެކަކަކީ ބަޔާނުގެ ކޯޗު ހަންސީ ފްލިކެވެ. ބަޔާނުގެ ނިކޯ ކޮވަޗްގެ އެސިސްޓަންޓެއްގެ ގޮތުން މި ސީޒަނުގައި އެ ޓީމާ ގުޅުނު ފްލިކަށް ހެޑްކޯޗުކަން ލިބުނީ ނޮވެމްބަރު މަހު ކޮވަޗް ވަކިކުރުމުން ވަގުތީ ގޮތުންނެވެ. ފަހުން ދާއިމީ ކުރީ އެވެ.