މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ މެޗެއްގެ ތެރެއިން މެސީ (ކ) އާއި ކްލޮޕް ބައްދާލައިގެން.-- ފޮޓޯ: އޭއެފްޕީ
24 އޯގަސްޓް 2020 - 11:29
ބާސެލޯނާ (އޮގަސްޓް 24) - ބާސެލޯނާއާ ކޯޗަކަށް ގެންނަން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕާ މަޝްވަރާކުރި ކަމަށް، އަންނަ އަހަރު ބާއްވާ ބާސެލޯނާގެ އިންތިހާބުގައި ވާދަކުރައްވާ ޖޯޑީ ފާރޭ ވިދާޅުވެއްޖެ އެވެ.
އެންމެ ފަހުން ބޭއްވުނު ބާސެލޯނާގެ ބޯޑު ބައްދަލުވުމުގައި އެ ކްލަބްގެ އިންތިހާބު ބާއްވަން ކަނޑައަޅާފައިވާ ތާރީހަކީ އަންނަ އަހަރު މާޗް މަހު 15 ވަނަ ދުވަހު އެވެ. އިންތިހާބުގައި ވާދަކުރެއްވުމުގެ ގޮތުން ރަސްމީކޮށް ކެމްޕެއިން ކުރަމުން އަންނަނީ މިހާރުގެ ރައީސް ޖޯސެފް ބާޓޮމެއު އާއި ވިކްޓަ ފޮންޓްގެ އިތުރުން ޖޯޑީ އެވެ. އިންތިހާބުގައި ދެން ވާދަކުރަނީ ކުރީގެ ރައީސް ޔޮއާން ލަޕޯޓާ، ކުރީގެ ނައިބު ރައީސް އެމިލީ ރޮސާޑް އަދި އޮގަސްޓީ ބެނެޑީޓޯ އެވެ.
ބާސެލޯނާގެ ރައީސަކަށް އަންނަން އެކި މީހުން އަންނަނީ މީޑިއާގައި ކެމްޕެއިންތައް ބާއްވަމުންނެވެ. އެގޮތުން ޖޯޑީ ވެސް އަންނަނީ ބާސެލޯނާގެ އެކި މީޑިއާތަކުގެ ޕްރޮގްރާމްތަކުގައި ބައިވެރިވަމުންނެވެ.
މި އަހަރު ޖެނުއަރީ މަހު ބާސެލޯނާގެ ކޯޗަކަށް ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ގެނައި ކީކޭ ސެޓިއެން ވަނީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ނާކާމިޔާބީ އަށް ފަހު މަގާމުން ދުރުކޮށްފަ އެވެ. ސެޓިއެން ވަކިކޮށް ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ބާސެލޯނާ އިން ގެނައީ ނެދަލެންޑްސް ގައުމީ ކޯޗަކަށް ހުރި ބާސެލޯނާގެ ކުރީގެ ކުޅުންތެރިޔާ ރޮނާލްޑް ކޫމަން އެވެ.
ސްޕެއިނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޖޯޑީ ވިދާޅުވީ ބާސެލޯނާގެ ރައީސަކަށް އޭނާ ހޮވިއްޖެނަމަ އެ މަގާމަށް ބޭނުންވަނީ ދުރު މުސްތަގުބަލަކަށް ޓީމު ބައްޓަންކުރެވޭނެ ފެންވަރުގެ މޮޅު ކޯޗެއް ކަމަށާއި އޭނާގެ ނަޒަރުގައި އެކަން ކުރެވޭނެ އެންމެ ގާބިލު މީހަކީ ކްލޮޕް ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ޖޯޑީ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އޭއެފްޕީ
"ކޫމަން ރަނގަޅު މަސައްކަތްތަކެއް ކޮށްފިއްޔާ އޭނާ ބަހައްޓާނަން. އެކަމަކު އަހަރެން ބޭނުންވާ މިސްރާބަށް މި ކްލަބް ގެންދެވޭނެ ކޯޗަކަށް ހުރީ ކްލޮޮޕް. އަހަރެން ވާނީ އޭނައާ ވާހަކަތަކެއް ދައްކާފައި. އެއީ އަހަރެންގެ ޕްލޭން ހިއްސާކުރަން ދެކެވުނު ވާހަކައެއް. އޭގެ މާ ބޮޑު ތަފްސީލެއް ނެތް،" ޖޯޑީ ވިދާޅުވި އެވެ.
ކުރިން މައިންޒާއި ބޮރޫޝިއާ ޑޯޓްމަންޑަށް ކޯޗުކޮށްދިން ކްލޮޕް ލިވަޕޫލާ އެކު ކޮންޓްރެކްޓްގައި ހުރީ 2024 އާ ހަމައަށެވެ. އެ އަށް ފަހު ފުޓްބޯޅަ އިން ބްރޭކެއް ނަގާނެ ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ. އަދި އެނބުރި އަންނާނީ ފުޓްބޯޅައިގައި އޭނާ ޝައުގުވެރިވާ ޕްރޮޖެކްޓެއް ފެނިއްޖެނަމަ ކަމަށާއި އެ ފަދަ މަަސައްކަތެއް ނެތްނަމަ ކޯޗިން އިން ރިޓަޔާކުރުމުގެ ވިސްނުން ގެންގުޅޭ ކަަމަށް ވަނީ ބުނެފަ އެވެ.
ބާސެލޯނާގެ ރައީސަކަށް ދެން އެންމެ ބޮޑަށް އަންނާނެ ކަމަށް ބެލެވޭ ކެނޑިޑޭޓް ފޮންޓް ވިދާޅުވީ އޭނާ ބާސެލޯނާއާ ހަވާލުވެއްޖެނަމަ ވަގުތުން ކޫމަން މަގާމުން ވަކިކުރާނެ ކަމަށާއި މިހާރު އޮތް ކްލަބްގެ ބޯޑާ ގުޅުންހުރި މީހުންނަށް ރަނގަޅު މަސައްކަތެއް ކުރެވޭނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ. ފޮންޓް ބޭނުންވަނީ ބާސެލޯނާ ކޯޗުކަން މިހާރު ގަތަރުގެ އަލް ސާދާ ހަވާލުވެ ހުރި ބާސެލޯނާގެ ކުރީގެ މިޑްފީލްޑަރު ޒަވީ ހެނާންޑޭޒާ ހަވާލުކުރާށެވެ. ބާސެލޯނާގެ މިހާރުގެ މެނޭޖްމަންޓުން ޒަވީ އަށް އެ ޓީމުގެ ކޯޗުކަން މިދިޔަ ޖެނުއަރީ މަހު ހުށަހެޅި ނަމަވެސް ޒަވީ އެ ފުރުސަތު ބަލައެއްނުގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy