ބާސެލޯނާގެ ކޮންޓްރެކްޓް އުވާލައި ސުއަރޭޒް އެތުލެޓިކޯ އަށް

ބާސެލޯނާ (ސެޕްޓެމްބަރު 22) - އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ބާސެލޯނާއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލުމަށް ފަހު ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑަށް ބަދަލުވާން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ސުއަރޭޒް ވަނީ ޑިއޭގޯ ސިމިއޯނީ ކޯޗުކޮށްދޭ އެތުލެޓިކޯއާ އެކު ދެ އަހަރުގެ އެއްބަސްވުމެއް ހަަދަން ނިންމައިފަ އެވެ. ސުއަރޭޒަށް ސޮއިކޮށްފިނަމަ އެތުލެޓިކޯ އިން އެ ޓީމުގެ ސްޕެއިން ފޯވާޑް އަލްވާރޯ މޮރާޓާ ދޫކޮށްލާނެ އެވެ. މޮރާޓާ ވަނީ ޔުވެންޓަސް އަށް ބަދަލުވާން އިޓަލީ އަށް ގޮސްފަ އެވެ.

އުމުރުން 33 އަހަރުގެ ސުއަރޭޒާ އެކު ބާސެލޯނާ އިން ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަހަރެއް އޮތްއިރު، އެ ކްލަބުން މިހާރު ނިންމާފައިވަނީ އެ އެއްބަސްވުމަށް ނިމުމެއް ގެންނާށެވެ. އަދި ސުއަރޭޒް ވެސް ވަނީ އެ ގޮތަށް އެއްބަސްވެފައި ކަަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އިޓަލީ އާއި ސްޕެއިނުގެ މީޑިއާތަކުން މީގެ ކުރިން ރިޕޯޓްކުރި ގޮތުގައި އުމުރުން 33 އަހަރު ސުއަރޭޒް ވަނީ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއާ ތިން އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން ގުޅެން އެއްބަސްވެފަ އެވެ. އެ ވާހަކަތަަކަށް އިޝާރާތްކޮށް ސުއަރޭޒް އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ބުނެފައިވަނީ އެއީ "ފޭކް" ހަބަރެއް ކަމަށެވެ.

ޔުވެންޓަސްގެ ކޯޗު އަންދްރޭ ޕިރްލޯ ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނީ ސުއަރޭޒް ޔުވެންޓަސް އަށް ގެންނަން މަސައްކަތްކުރި ކަަމަށާއި އެކަމަކު އެ ޑީލް ކުރިއަށް ދިއުމުގެ ފުރުސަތު މިހާރު ވަރަށް ކުޑަކަމަށެވެ. އެއީ ޔުވެންޓަސް އަށް ބަދަލުވުމުގެ ކުރިން ސުއަރޭޒް އިޓަލީގެ ޕާސްޕޯޓް ހައްދަން ޖެހޭއިރު، އެކަން ކުރަން މިހާރު އޮތްގޮތުން އެކަށީގެންވާ ވަގުތު ނެތެވެ. ޔުވެންޓަސް އަށް ބަދަލުވާން ސުއަރޭޒް އިޓަލީ ޕާސްޕޯޓެއް ހައްދަން ޖެހުނީ ޔުވެންޓަސްގައި މިހާރު އީޔޫ އިން ބޭރު ކުޅުންތެރިންގެ ކޯޓާ ހަމަވެފައިވާތީ އެވެ.

ކުރިން އަޔަކްސް އާއި ލިވަޕޫލަށް ކުޅުނު ސުއަރޭޒް ވަނީ 2014 ވަނަ އަހަރު ބާސެލޯނާ އަށް ބަދަލުވި ފަހުން އެ ޓީމާ އެކު 13 މުބާރާތް ކާމިޔާބުކޮށްފަ އެވެ.

ބާސެލޯނާ އަށް ކުޅުނު ޗިލީގެ މިޑްފީލްޑަރު އާތޫރޯ ވިޑާލް ވަނީ އިޓަލީގެ އިންޓަ މިލާނަށް ބަދަލުވާން އެއްބަސްވުމަކަށް އައިސްފަ އެވެ.