ބެލްޖިއަމް ބަލިކޮށް އިންގްލެންޑް އެއް ވަނަ އަށް

ލަންޑަން (އޮކްޓޫބަރު 12) – ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕުގެ އެއް ވަނަ އަށް އިންގްލެންޑް ރޭ އެރިިއިރު އިޓަލީ އާއި ޕޯޗުގަލުން އެއް ވަނައިގައި މަގާމް ދަމަހައްޓައިފި އެވެ.


އިންގްލެންޑް ވަނީ ބެލްޖިއަމް އަތުން 2-1 އިން މޮޅުވެފަ އެވެ. އިޓަލީ އާއި ޕޮލެންޑް 0-0 އިން އެއްވަރުވިއިރު ޕޯޗުގަލް އާއި ދުނިޔޭގެ ޗެމްޕިއަން ފްރާންސް ވެސް އެ ނަތީޖާ އިން އެއްވަރުވީ އެވެ.

އިންގްލެންޑް ގްރޫޕް އޭޓޫ ގެ އެއް ވަނަ އަށް އެރީ ތިން މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ގްރޫޕުގެ ދެ ވަނައިގައި ބެލްޖިއަމް އޮތީ ހަ ޕޮއިންޓާ އެކު އެވެ. މި ގްރޫޕުގެ ތިން ވަނައިގައި ހަތަރު ޕޮއިންޓާ އެކު އޮތީ ރޭ އައިސްލެންޑް އަތުން 3-0 އިން މޮޅުވި ޑެންމާކެވެ. އައިސްލެންޑް އޮތީ ތިން މެޗުން ޕޮއިންޓެއް ނުލިބި ފުލުގަ އެވެ.

އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ 16 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ލީޑު ނެގި އެވެ. އިންގްލެންޑަށް 39 ވަނަ މިނެޓުގައި އެއްވަރުކޮށްދިނީ ޕެނަލްޓީ އަކުން މާކަސް ރަޝްފޯޑެވެ. އަދި އިންގްލެންޑް މޮޅުވީ 64 ވަނަ މިނެޓުގައި މޭސަން މައުންޓް ޖެހި ގޯލުންނެވެ.

އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނީ ޑިފެންސިވްކޮށް ވިސްނާއިރު މިއަށް ވުރެ އުދަނގޫ މެޗެއް ނާންނާނެ ކަމަށައި ނޭޝަންސް ލީގުގެ ރަނގަޅު ކަމަކީ މިފަދަ ވަރުގަދަ ޓީމުތަކާ ކުޅެން ލިބުން ކަމަށެވެ.

ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ (ވ) އާއި ފްރާންސްގެ ކީލިއަން އެމްބާޕޭ ވާހަކަދައްކާލަނީ. --ފޮޓޯ: އޭއެފްޕީ

ޕޯޗުގަލާއި ފްރާންސަށް ހަތް ޕޮއިންޓް ލިބިފައިވާއިރު އޭތުރީ ގްރޫޕުގެ އެއް ވަނަ ޕޯޗުގަލަށް ލިބެނީ ލަނޑުގެ ތަފާތުންނެވެ. މި ގްރޫޕުގެ ތިން ވަނައިގައި ތިން ޕޮއިންޓާ އެކު ކްރޮއޭޝިއާ އޮތްއިރު ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ސްވިޑަން އެވެ. ރޭ ކްރޮއޭޝިއާ ވަނީ ސްވިޑަން އަތުން 2-1 އިން މޮޅުވެފަ އެވެ.

ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނީ ފްރާންސަކީ ވަރުގަދަ ޓީމެއް ކަމަށާއި އެ ޓީމުގައި ވަރުގަދަ ކުޅުންތެރިން ވެސް އެބަތިބި ކަމަށެވެ. އެހެންވެ އަބަދު ފުރުސަތުތަކެއް ނުލިބިދާނެ ކަމަށް އޭނާ ބުންޏެވެ.

އިޓަލީ އާއި ޕޮލެންޑް އެއްވަރުވި މެޗުގައި މޮޅަށް ކުޅެ މެޗު ކޮންޓްރޯލްކުރީ އިޓަލީންނެވެ. އެ ޓީމުގެ ފެޑެރިކޯ ޗިއެސާ އަށް ވަނީ 11 ވަނަ މިނެޓުގައި ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. މި ނަތީޖާއާ އެކު އިޓަލީ ވަނީ ބަލިނުވެ 18 މެޗު ފުރިހަމަކޮށްފަ އެވެ.

"އަހަރެމެންނަށް ވަރަށް ގިނަ ފުރުސަތު ލިބުނު ހާއްސަކޮށް ފުރަތަމަ ހާފުގައި، މަދުވެގެން ދެ ގޯލް ޖަހަން ލިބުނު. ނަތީޖާ ފިޔަވައި އެހެން ކަންކަމާ މެދު ހިތްހަމަޖެހޭ. އަހަރެމެންނަށް ހަމައެކަނި ލަނޑެއް ނުޖެހުނީ، އެހެން ވެސް ވާނެ ބައެއް ފަހަރު،" އިޓަލީ ކޯޗު ރޮބާޓޯ މަންޗިނީ ބުންޏެވެ.

ގްރޫޕް އޭވަންގެ އެއް ވަނައިގައި އިޓަލީ އޮތީ ފަސް ޕޮއިންޓާ އެކު އެވެ. ގްރޫޕުގެ ދެ ވަނައިގައި ހަތަރު ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން އޮތީ ނެދަލެންޑްސް އެވެ. އެ ޓީމު ރޭ ބޮސްނިއާއާ 0-0 އިން އެއްވަރުވީ އެވެ. ގްރޫޕުގެ ތިން ވަނައިގައި ހަތަރު ޕޮއިންޓާ އެކު އޮތީ ޕޮލެންޑެވެ. އަދި ދެ ޕޮއިންޓާ އެކު ފުލުގައި އޮތީ ބޮސްނިއާ އެވެ.