2014 ވަނަ އަހަރު މެސީ އާއި ޗެލްސީގެ ޑީލެއް

މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ކުޅުނު ގިނަ ޓީމުތަކާ ދެކޮޅަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އެއްބަސްވާ ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ކުޅެފި އެވެ. އެ މެޗުތަކުގެ ކުރިންނާއި ފަހުން މޮރީނިއޯ ވަނީ ނޫސްވެރިން ތަކުރާރުކޮށް ކުރި ގިނަ ސުވާލުތަކަކަށް ޖަވާބު ދީފަ އެވެ. އޭގެ ތެރެއިން ބައެއް ފަހަރު މެސީ އަށް ކޯޗުކޮށްދޭން ބޭނުންތޯ ވެސް މޮރީނިއޯ ގާތުގައި ނޫސްވެރިން އަހާފައިވެ އެވެ. ސީދާ ޖަވާބެއް މޮރީނިއޯ ގިނަ ފަހަރު ނުދިން ނަމަވެސް ދާދި ފަހުން ނެރުނު އިޓަލީގެ މަޝްހޫރު ޕަންޑިޓް ޖިއަންލޫކާ މާޒިއޯގެ "ގްރޭންޑް ހޮޓެލް ކަލްޗިއޯމެރްކާޓޯ" ގެ ފޮތުގައި ވަނީ 2014 ވަނަ އަހަރު މެސީ އާއި މޮރީނިއޯ އޭރު ކޯޗުކޮށްދިން ޗެލްސީގެ ދެމެދުގައި ހިނގި ޑީލެއްގެ ވާހަކަ ހިމަނައިފަ އެވެ.


އެ ފޮތުގައިވާ ގޮތުން މެސީ އޭރު ބާސެލޯނާ ދޫކޮށްލުމުގެ ވާހަކަތައް ދައްކަން ފެށީ 2013 ވަނަ އަހަރު ސްޕެއިނުގެ ޕްރޮސެކިއުޓަރުން އޭނާއާ ގުޅޭ ޓެކުހަށް މަކަރުހެދިކަމުގެ ތުހުމަތުގެ މައްސަލަތަކެއް ބަލަން ފެށުމާ ގުޅިގެންނެވެ. މެސީ ދުށް ގޮތުހައި އެއީ ބަޔަކު ރާވައިގެން އޭނާގެ އަގުވައްޓާލަން ކުރި ކަމެކެވެ.

އެ ދުވަސްވަރު މެސީ ހޯދަން ފުރަތަމަ ބޭނުންވީ ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އެވެ. ރެއާލް އޮތީ އޭރު މެސީގެ ބާސެލޯނާ ކޮންޓްރެކްޓް ގަންނަން ދައްކަން ޖެހޭ 250 މިލިއަން ޔޫރޯގެ އިތުރުން އޭރު މެސީ އަށް ބާސެލޯނާ އިން ދެމުން އައި 50 މިލިއަން ޔޫރޯގެ މުސާރަ ދީ ކްރިސްޓިއާނޯ ރޮނާލްޑޯ އެއް ޓީމަކަށް މެސީ ކުޅުވާން އަމާޒުހިފައިފަ އެވެ. އެކަމަކު ޕެރޭޒާ އެކު ދެކެވުނު ވާހަކަތަކުން ވެސް މެސީ ގެންނަން ކުރި މަސައްކަތް ކާމިޔާބުނުވީ އޭނާ ބާސެލޯނާއާ އޮތް ގުޅުމުގެ ސަބަބުންނެވެ. މެސީ ރެއާލަށް ނޫނެކޭ ބުނީ މާ ބޮޑު މަޝްވަރާއެއް ކުރުމެއް ވެސް ނެތި އެވެ.

ޓެކްސްގެ މައްސަލައާ ހުރެ ސްޕެއިން ދޫކޮށްލަން މެސީ ބޭނުންވެގެން އުޅޭކަން އެނގިގެން 2014 ވަނަ އަހަރުގެ ޖެނުއަރީ މަހު ޗެލްސީން ފުރަތަމަ ފަހަރަށް މެސީ ގެންނަން ވާހަކަތައް ފެށި އެވެ. މޮރީނިއޯއާ އެކު ވީޑިއޯ ކޯލެއް މެދުވެރިކޮށް މެސީ ވަނީ ޗެލްސީ އަށް ދިއުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. މެސީ އާއި ޗެލްސީގެ މެދުވެރިއެއްގެ ރޯލު ކުޅުނީ ބާސެލޯނާ އާއި ޗެލްސީ އަށް ކުޅުނު ޕޯޗުގަލްގެ ކުރީގެ މިޑްފީލްޑަރު އަދި މިހާރު އޭޖެންޓެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ޑެކޯ އެވެ. މެސީ އާއި ޑެކޯ އަދި މޮރީނިއޯގެ އިތުރު ބައްދަލުވުންތަކެއް ތާވަލުކުރެވިގެންދިޔަ އެވެ. ޗެލްސީ އަށް އަންނަން މެސީގެ ޝައުގުވެރިކަން ބޮޑުވީ މޮރީނިއޯއާ އެކު މަސައްކަތްކުރުމުގެ ބޭނުމުގަ އެވެ.

ބެލޮންޑިއޯ ހަފްލާއެއްގެ ތެރެއިން މޮރީނިއޯ (ކ) އާއި މެސީ.--- ފޮޓޯ: އޭއެފްޕީ

ވީޑިއޯ ކޯލުގައި މޮރީނިއޯ ވަނީ ބާސެލޯނާގައި މެސީ ހޯދި ފަދަ ކާމިޔާބީ ޗެލްސީގައި ކާމިޔާބުކުރެވޭނެ ކަމުގެ ހުވަފެންތައް ދައްކުވައިދީ މެސީގެ ފެންވަރު އިންގްލެންޑްގައި ވެސް ސާބިތުކޮށްދެވޭނެކަން އޭނަ އަށް ވިސްނައިދީފަ އެވެ.

މޮރީނިއޯ އާއި މެސީގެ މަޝްވަރާތައް ދިގުލައި ގޮސް އަނގަބަހުން ޑީލެއް އެއްބަސްވެ އެގްރީމެންޓް ތައްޔާރުކުރުމާ ހަމައަށް ވާހަކަތައް ދިޔަ އެވެ. އަދި ޗެލްސީގެ ޑީލް ބްރޯކަރެއްގެ ރޯލުގައި އޭރު ހުރި މިހާރުގެ ޓެކްނިކަލް ޑިރެކްޓަރު މެރީނާ ގްރަނޯވްސްކިއާ ވަނީ އެ ޓީމުގެ ވެރިޔާ ރޯމަން އަބްރަމޮވިޗްގެ ލަފާގެ މަތިން މެސީ އެއްބަސްވާ މުސާރަ އާއި އޭނާގެ ބާސެލޯނާ ކޮންޓްރެކްޓް ގަންނަން ދައްކަންޖެހޭ 250 މިލިއަން ޔޫރޯ ވެސް ދައްކަން ތައްޔާރުވެފަ އެވެ. އެކަމަކު ހުރިހާ މަންޒަރެއް ބަދަލުވީ މެސީގެ އޭޖެންޓް އަދި އޭނާގެ ބައްޕަ ޖޯޖް ހޮރާސިއޯ މެސީގެ ބައިވެރިވުން މި ޑީލުގައި ބޮޑުވި ހިސާބުންނެވެ.

ޖޯޖް ބޭނުންވި ކަންތައްތަކާ މެދު ޑެކޯގެ ހިތްހަމަ ނުޖެހުންތައް އުފެދެން ފެށި އެވެ. އެކަން މޮރީނިއޯ އަށް އެނގުނީ އެ ފަހަރުގެ ޖޫން މަހުގެ ޓްރާންސްފާ މާކެޓް ތެރޭގައި ބާސެލޯނާ ދޫކޮށް ޗެލްސީއާ ގުޅުނު ސްޕެއިންގެ މިޑްފީލްޑަރު ސެސް ފަބްރެގާސް ދެއްކި ވާހަކަތަކަށް ފަހު އެވެ. މެސީ ބާސެލޯނާ ދޫކޮށް ޗެލްސީ އަށް އަންނަން ޝައުގުވެރިކަން ގެންގުޅޭކަން ފަބްރެގާސް އަށް ވެސް އޮތީ އެނގިފަ އެވެ. އެކަމަކު ފަހުން މެސީގެ ބައްޕަ ޖޯޖް އާއި މެސީގެ ވާހަކަތައް ބަދަލުވެ މެސީ ބާސެލޯނާގައި މަޑުކުރަން ނިންމީ އެވެ. އެގޮތަށް ނިމުމުގައި އެންމެ ބޮޑު ސަބަބަކަށް ދިމާވީ މެސީ ބައްޕަ ޖޯޖް އެ ޑީލްގެ ތެރެއިން ބޭނުންވާ ވަކި ކަންތައްތަކެއް ޑެކޯ މެދުވެރިކޮށް ޗެލްސީން އެހެން ގޮތަކަށް ހަމަޖައްސަން ރާވާފައި އޮތުމުންނެވެ.

އެންމެ ފަހުން އެ ޑީލްގެ ވާހަކަތައް ކޮޅެއްގައި ނުޖެހި ވަނިކޮށް މެސީގެ ޓެކުހުގެ މައްސަލަ ސްޕެއިންގެ ޕްރޮސެކިއުޓަރުން ޖޫރިމަނާއެއްގެ ގޮތުގައި ނިންމާލުމާ އެކު މޮރީނިއޯ އާއި މެސީއާ މެދު އެ ކުރިއަށްދިޔަ ޑީލް ވެސް ހުއްޓުނީ އެވެ. ފަހުން މެސީ ބާސެލޯނާއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކޮށް ރިލީސް ކްލޯސް (އެއްބަސްވުން އުވާލަން ދައްކަން ޖެހޭ ފީ) ވެސް ބޮޑުކުރީ އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ވެސް މެސީ ބާސެލޯނާ ދޫކޮށްލަން ނިންމައި ރަސްމީކޮށް ކްލަބަށް ވެސް އެކަން އެންގި އެވެ. އެކަމަކު ފަހުން އެ ނިންމުން ބަދަލުކުރަން ޖެހުނު އެންމެ ބޮޑު ސަބަބަކީ މެސީގެ ކޮންޓްރެކްޓް އުވާލަން ދައްކަން ޖެހޭ 700 މިލިއަން ޔޫރޯ ދޭނެ ކްލަބެއް މި ވަގުތު ނެތުމުންނެވެ.

ނޯޓް:

މިއީ ދާދި ފަހުން އިޓަލީގެ އެނަލިސްޓް (ޕަންޑިޓް) ޖިއަންލޫކާ މާޒިއޯ ނެރުނު ފޮތެއް ކަމަށްވާ "ގްރޭންޑް ހޮޓެލް ކަލްޗިއޯމެރްކާޓޯ" ގައި ހިމެނޭ ވާހަަކަތަކެކެވެ. އެ ފޮތުގައި ފުޓްބޯޅަ ޓްރާންސްފާތަކާ ގުޅޭ ގިނަ ވާހަކަތަކެއް ހިމަނާފައިވެ އެވެ. އޭގެ ތެެރެއިން ގިނަ ވާހަކަތަކަކީ މީގެ ކުރިން މީޑިއާގައި މާ ތަފްސީލުކޮށް ލިޔެވިފައިވާ ވާހަކަތަކެއް ނޫނެވެ.