މޮރީނިއޯ ޔުނައިޓެޑާ ހަވާލުވުމަކީ ލިބުނު ބޮޑު އުފަލެއް: ރޫނީ

މެންޗެސްޓާ (ޖޫން 2) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ޕޯޗުގަލްގެ ހޯސޭ މޮރީނިއޯ ހަވާލުވުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށް އެ ޓީމުގެ ކެޕްޓަން ވޭން ރޫނީ ބުނެފި އެވެ.


ޔުނައިޓެޑްގެ ކޯޗުކަމުން ލުއީ ވެން ހާލް ވަކިކުރީ މިދިޔަ ހަފްތާގަ އެވެ. މޮރީނިއޯ އެ ޓީމާ ހަވާލުވީ މިދިޔަ ހުކުރު ދުވަހު އެވެ. ރޫނީ ބުނީ މޮރީނިއޯ އަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ކޯޗު ކަމަށެވެ.

"މޮރީނިއޯ އަކީ ދުނިޔޭގައި މި ވަގުތު ހުރި އެންމެ މޮޅު އެއް ކޯޗު. އޭނާގެ ކޯޗުކަމުގައި ކުޅުމުގެ ފުރުސަތު ލިބޭތީ އުފާކުރަން." ރޫނީ ބުންޏެވެ.

މޮރީނިއޯގެ ކޯޗުކަމުގައި ޔުނައިޓެޑަށް ލީގު ހޯދޭނެ

މޮރީނިއޯ ވަނީ މީގެ އޭނާ ކޯޗުކޮށްދިން ހުރިހާ ކްލަބަކާ އެކު ލީގު ހޯދައިފަ އެވެ. އޭގެ ތެރެއިން ޗެލްސީއާ އެކު ވަނީ ތިން ފަހަރު ހޯދައިފަ އެވެ. ރޫނީ ބުނީ މޮރީނިއޯ އަކީ ޕްރިމިއާ ލީގަށް ފަރިތަ ކޯޗެއް ކަމަށެވެ.

"މޮރީނިއޯ އަށް ވަރަށް ރަނގަޅަށް ޕްރިމިއާ ލީގު ދަންނަ ކޯޗެއް. މޮރީނިއޯގެ ކޯޗުކަމުގައި ޔުނައިޓެޑަށް ލީގު ހޯދިދާނެ. އަހަރެންނާއި ޔުނައިޓެޑްގެ އެހެން ކުޅުންތެރިން ތިބީ މޮރީނިއޯއާ އެކު މަސައްކަތް ކުރަން ކެތްމަދުވެފައި،" ރޫނީ ބުންޏެވެ.

ފާއިތުވި ސީޒަންތަކުގައި ޔުނައިޓެޑަށް މައްސަލަތަކެއް ދިމާވި ކަމަށާއި މޮރީނިއޯ އައުމުން އެ ކަންތައްތަކަށް ހައްލެއް ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށް ރޫނީ ބުންޏެވެ.