02 ނޮވެމްބަރ 2020 - 17:33
މެންޗެސްޓާ (ނޮވެމްބަރު 2) - ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވާން ފެށުމުން އިންގްލެންޑް ހަތަރު ހަފުތާ އަށް ލޮކްޑައުންކުރަން އެ ގައުމުގެ ސަރުކާރުން ނިންމިިއިރު، ފުޓްބޯޅަ އިސްތިސްނާ ކުރުމަކީ އެންމެ ރަނގަޅު ނިންމުމެއް ނޫން ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޮޑުވަޒީރު ބޮރިސް ޖޯންސަން އިއުލާން ކުރެއްވި އާ ޕްލޭނުގައިވާ ގޮތުން ލޮކްޑައުންގެ މުއްދަތުގައި ރެސްޓޯރެންޓްތަކާއި ޕަބްތައް، ޖިމްތަކާއި ސިނަމާތައް އަދި ބައެއް ފިހާރަތައް ބަންދުވާނެ އެވެ. ނަމަވެސް ސްކޫލްތަކާއި ޔުނިވާސިޓީތަކާއި ކޮލެޖްތައް ހުޅުވާއިރު ކުޅިވަރުގެ ތެރެއިން އެންމެ މަތީ ޑިވިޝަންތަކުގެ ފުޓްބޯޅަ މުބާރާތްތައް ކުރިއަށްގެންދެވޭނެ އެވެ. އެކަަމަކު މީހުންނަށް ބޭރަށް ނުކުމެވޭނީ އަސާސީ ބޭނުމެއްގައި އެކަންޏެވެ.
ޔާހޫ އަށް ދިން އިންޓަވިއުއެއްގައި ގާޑިއޯލާ ބުނީ ފުޓްބޯޅަ އަށް ހުއްދަދީފައި އޮތުން ވެސް އެއީ މި ވަގުތު ރަނގަޅުކަމަށް ނުވެދާނެ ނިންމުމެއް ކަމަށެވެ.
"ވަރަށް އުނދަގޫ ކަމެއް މިއީ. އަހަންނަށް އެނގޭ ބޮޑުވަޒީރުކަން މި އުނދަގޫ ވަގުތުގައި މި ނިންމުންތައް ނިންމަނީ. އެކަމަކު މިކަން ގޯސް އެބަވޭ ސްޕެއިނާއި ފްރާންސް އަދި ޖަރުމަނު ދެން ގާތްގަނޑަކަށް ހުރިހާ ތަނެއްގައި،" ގާޑިއޯލާ ބުންޏެވެ.
"ވައިރަހުގެ ބިރު އަދިވެސް އެބައޮތް. ބައެއް މީހުން އެބަ ބުނޭ އޭގެ އަސަރު ގަދަވަމުން އަންނަ ކަމަށް ވެސް. މުޖުތަމައުގެ އެންމެންގެ މައްޗަށް އޮތް ބިރެއްގައި ހަމައެކަނި ފުޓްބޯޅަ އިސްތިސްނާވުން އެއީ އަހަންނަށް ރަނގަޅު ނިންމުމެއް ނޫން. އަހަރެމެންނަށް ކުޅެން ހުއްދަ އޮތީމަ ކުޅެން ބޭނުން. އެކަމަކު މުޖުތަމައުގެ އެހެން މީހުންނާ އަހަރެމެން ތަފާތު ކަމަށް ދެއްކުން ރަނގަޅެއް ނޫން."
ކޮވިޑްގެ ކަންތައް އެންމެ ގޯސް ވެގެން ސްޕެއިނުގައި މި ބަލި އެންމެ ބޮޑަށް ފެތުރިގެންދިޔައިރު މީގެ ހަ މަސް ކުރިން ގާޑިއޯލާގެ މަންމަ ވަނީ އުމުރުން 82 އަހަރުގައި މި ވައިރަސް ޖެހިގެން މަރުވެފަ އެވެ. އަދި ގާޑިއޯލާގެ އާއިލާގެ ގިނަ ބަޔަކަށް މި ބަލި ޖެހުނުއިރު، އޭނާ ވަނީ ސްޕެއިނުގެ ކެޓަލޫނިއާ ހޮސްޕިޓަލަކަށް އެއް މިލިއަން ޔޫރޯގެ އެހީ އެއް ދީފަ އެވެ.
"އަހަރެން މިހުރި މަގާމުގައި އެއްޗެއް ބުނާނަމަ އަހަރެން ބޭނުމީ ރައްކާތެރިވެ ހުންނަން. އަހަރެން ބޭނުމީ އަހަރެންގެ އާއިލާ އާއި ރަށްޓެހިން އަދި އިންގްލެންޑް ވެސް ރައްކާތެރިކޮށް އޮންނަން. އެކަމަކު (ސަރުކާރުގެ ފަރާތުން) މި ނިންމުންތައް އަންނަ ގޮތެއް އަހަންނަށް ނުވިސްނުނު،" ކުރިން ބާސެލޯނާ އާއި ބަޔާނަށް ކޯޗުކޮށްދިން ގާޑިއޯލާ ބުންޏެވެ.
އިނގިރޭސި ޕްރިިމިއާ ލީގުގެ ގިނަ ޓީމުތައް ހަތް މެޗު ކުޅެފައިވާއިރު، ސިޓީ މިހާތަނަށް ކުޅެފައިވަނީ ހަ މެޗެވެ. އެ ޓީމު މި ވަގުތު ލީގުގެ 10 ވަނައިގައި އޮތީ 11 ޕޮއިންޓާ އެކު އެވެ. ޗެމްޕިއަންސް ލީގުގައި ސިޓީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ވަނީ މޮޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮއިއް
03 November 2020
ކުޅުންތެރިން އިންޖަރީ ވެގެން ތި އުޅެނީ، ކޮންމެހެން ކޮރޯނާ ވެގެނެއް ނޫން، އެހެން ނޫނަސް ކުޅުންތެރިންވެސް މައިމޫނާ ބުނާ ގޮތް ހަދައިފިއްޔާ ކޮރޯނާ ނުޖެހޭނެ، ކުޑަކުދިންނެއް ނޫން އެއީ
އާދަމް ބާއީ
02 November 2020
މިކަމުގާ ގާޑިއޯލާއަށް ތާއީދުކުރެވޭކަށް ނެތް.