15 ނޮވެމްބަރ 2020 - 11:02
ލަންޑަން (ނޮވެމްބަރު 15) - އިންގްލެންޑްގެ ފަރިތަކުރުންތަކުގެ ތެރެއިން އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށްދާން ޖެހުނު ލިވަޕޫލްގެ ޑިފެންޑަރު ޖޯ ގޯމޭޒްގެ މުސާރައިގެ އެއްބައި ފީފާ އިން ދޭ ގޮތަށް ހަމަޖައްސައިފި އެވެ.
ގައުމީ ޓީމަށް ކުޅެނިކޮށް އަނިޔާވާ ކުޅުންތެރިންގެ ހަރަދުގެ މާލީ ބަދަލުތައް ކަވަރުކޮށްދޭ އިންޝުއަރެންސް ޕެކޭޖެއް ފީފާ ކްލަބް ޕްރޮޓެކްޝަން ޕްރޮގްރާމްގައި ހިމެނެ އެވެ. މި ޕްރޮގްރާމްގައި އިންގްލެންޑް ގައުމީ ޓީމުން ވަނީ ބައިވެރިވެފަ އެވެ.
އުމުރުން 23 އަހަރުގެ ގޯމޭޒްގެ ކަކުލަށް އިނގިރޭސި ފަރިތަކުރުންތަކުގެ ތެރެއިން އަނިޔާވުމުން މިހާރު އޭނާ ވަނީ އޮޕަރޭޝަނެއް ކޮށްފަ އެވެ. ގޯމޭޒްގެ ކަކުލަށް އަނިޔާވީ ފަރިތަކުރުމުގެ ތެެރެެއިން އެކަނި ބޯޅަ ހިފައިގެން ކުޅުމުގެ ތެރޭގައި ކަމަށް އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ވަނީ ބުނެފަ އެވެ. އަދި އެ މައްސަލައިގައި ލިވަޕޫލްގެ ކޯޗު ކްލޮޕާއި ސައުތުގޭޓް ވަނީ ވާހަކަތަކެއް ދައްކައިފަ އެވެ.
އަނިޔާއިން ރަނގަޅުވެ ގޯމޭޒަށް ކުޅުމުގެ ތެރެއަށް މި ސީޒަނުގައި އެނބުރި އާދެވޭނެ ކަމަށް ލިވަޕޫލުން އުއްމީދުކުރެ އެވެ. ގޯމޭޒްގެ އަނިޔާގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ގޮތުން ލިވަޕޫލުން އިނގިރޭސި އެފްއޭ އާއި ފީފާ އަށް ހުށަހެޅުމުން އެ ދެ އިދާރާ އިން ވަނީ އިންޝުއަރެންސް ޕެކޭޖްގެ ތެރެއިން ގޯމޭޒަށް ހަރަދެއް ދޭން ނިންމައިފަ އެވެ.
އެގޮތުން ފީފާ އިން ވަނީ ކްލަބް ޕްރޮޓެކްޝަން ޕްރޮގްރާމް މެދުވެރިކޮށް ގޯމޭޒަށް ލިވަޕޫލުން ދޭ މުސާރަ ކަމަށްވާ ހަފްތާ އަކަށް 80،000 ޕައުންޑް ބަހާލުމަށް ފަހު ސީޒަނުގެ ބާކީ ބަޔަކަށް ޖެހޭ އަދަދުގެ އެއް ބައި ދޭން ނިންމައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ފީފާއިން ގޯމޭޒަށް ކުރާ ހަރަދު 2.3 މިލިއަން ޕައުންޑާ ގާތްކުރާނެ އެވެ.
ކޮވިޑް-19ގެ ނުރައްކާ އޮތް މިންވަރާއި ކްލަބް މުބާރާތްތަކުގެ ޝެޑިއުލް އޮތްގޮތުން މި ވަގުތަކީ ގައުމީ ޓީމުގެ މެޗުތައް ކުޅެން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ޔޫރަޕްގެ ގިނަ ކޯޗުން އަންނަނީ ބުނަމުންނެވެ. އޭގެ ތެރޭގައި ލިވަޕޫލްގެ ކޯޗު ކްލޮޕް ވެސް ހިމެނެ އެވެ. ގައުމީ ޓީމަށް ގޮސްގެން ފަހަކަށް އައިސް އެންމެ ގިނަ އަނިޔާގެ މައްސަލަތަކާ ކުރިމަތިލާން ޖެހުނު އެއް ޓީމަކީ ލިވަޕޫލް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy