ފުރަތަމަ މެޗުތަކުން މަރޭ އާއި ޖޮކޮވިޗް މޮޅުވެއްޖެ

ޕެރިސް (ނޮވެމްބަރު 3) - ޕެރިސް މާާސްޓާސްގެ ފުރަތަމަ މެޗުތަކުން ދުނިޔޭގެ އެއް ވަނަ ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗާއި ދެ ވަނަ އެންޑީ މަރޭ މޮޅުވެއްޖެ އެވެ.


ދުނިޔޭގެ ރޭންކިން އެއް ވަނަ އަށް ޓާގެޓް ކޮށްގެން މި މުބާރާތަށް ނުކުތް މަރޭ މޮޅުވީ ސްޕެއިނުގެ ފެނާންޑޯ ވަޑާސްކޯއާ ވާދަކޮށެވެ. މަރޭ މި މެޗުގެ ސެޓުތައް ގެންދިޔައީ ވާދަވެރި ކުޅުމަކަށް ފަހު 6-3، 6-7، 7-5 އިންނެވެ.

ޖޮކޮވިޗް މޮޅުވީ ލަގްޒެމްބާގްގެ ޖިލްސް މިލާއާ ވާދަކޮށް ފަސޭހަކަމާ އެކު 6-3 6-4 އިންނެވެ. މި މެޗަކީ ޝަންހާއީ މާސްޓާސް ސެމީ ފައިނަލުން ބަލިވި ފަހުން ޖޮކޮވިޗް ކުޅުނު ފުރަތަމަ މެޗެވެ.

"މިއީ ގިނަ ދުވަސްތަކަކަށް ފަހު ވަރަށް ހިތްހަމަ ޖެހިގެން ކުޅެވުނު މެޗެއް. އަހަރެންގެ އަތުގައި ކޮންޓްރޯލް އޮތީ. މި ކުޅުން ތަކުރާރުކޮށްފިނަމަ މިއީ ކާމިޔާބު މުބާރާތަަކަށް ހެދިދާނެ. މިއީ އަހަރެންގެ ޓެނިސް ކެރިއަރުގައި ވެސް ހާއްސަ މުބާރާތެއް،" ޖޮކޮވިޗް ބުންޏެވެ.

ރޭންކިން އެއް ވަނައިގައި މިވަގުތު ޖޮކޮވިޗް އޮތީ 12،900 ޕޮއިންޓާ އެކު އެވެ. މަރޭ ދެ ވަނައިގައި އޮތީ 10،985 ޕޮއިންޓާ އެކު އެވެ. މި މުބާރާތުގެ ނަތީޖާ ދެ ގޮތަކަށް ނުކުމެއްޖެނަމަ މަރޭ އަށް ރޭންކިން އެއް ވަނަ ލިބުމުގެ ފުރުސަތު އެބައޮތެވެ. ފުރަތަމަ ގޮތަކީ މުބާރާތުގެ ފައިނަލުން ޖޮކޮވިޗަށް ޖާގަ ނުލިބި މަރޭ އެ މުބާރާތް ކާމިޔާބު ކޮށްފިނަމަ އެވެ. އަނެއް ގޮތަކީ ޖޮކޮވިޗަށް މުބާރާތުގެ ސެމީ ފައިނަަލުން ޖާގަ ނުލިބި މަރޭ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިނަމަ އެވެ.

މަރޭ ބުނީ މި މުބާރާތުން ރޭންކިން އެއް ވަނަ އަށް ދިއުމުގެ ފުރުސަތު އޮތް ނަމަވެސް އޭނާ ހުރީ ހަމަބިމުގައި ކަމަށެވެ.

"މާބޮޑަށް އުއްމީދު ކޮށްގެން ދެރައެއް ލިބެން ނޭދެން. އެއީ ކޮންމެ ގޮތެއްވިޔަސް އަހަރެންގެ ފޯމުގައި ކުޅެފިނަމަ މި މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑު. މެޗަކަށް ފަހު މެޗެއް ނަގަން ބޭނުމީ،" މަރޭ ބުންޏެވެ.

ޖޮކޮވިޗް މިދިޔަ އަހަރުގެ ޕެރިސް މާސްޓާސް ތަށި ހަތަރު ވަނަ ފަހަރަށް ކާމިޔާބު ކުރީ ފައިނަލުގައި މަރޭ ބަލިކުރުމަށް ފަހު އެވެ.