ޖޮކޮވިޗް ފަހަތަށް، މަރޭ ރޭންކިން އެއް ވަނަ އަށް

ޕެރިސް (ނޮވެމްބަރު 6) - ދުނިޔޭގެ ޓެނިސް ރޭންކިން ކުރީގައި އޮތް ސާބިއާގެ ނޮވަކް ޖޮކޮވިޗް ފަހަތަށް ޖައްސާލުމަށް ފަހު ސްކޮޓްލެންޑްގެ ޓެނިސް ކުޅުންތެރިޔާ އެންޑީ މަރޭ ރޭންކިން އެއް ވަނަ އަށް ޖެހިލައިފި އެވެ.


މަރޭ ރޭންކިން އެއް ވަނަ އަށް އެރީ ޕެރިސް މާސްޓާސްގެ ފައިނަލުން ޖާގަ ހޯދުމުންނެވެ. މަރޭ އަށް ފައިނަލުން ޖާގަ ލިބުނީ ސެމީ ފައިނަލުގައި އޭނާއާ ދެކޮޅަށް ކުޅެން ޖެހުނު މިލޮސް ރައޮނިޗަށް އަނިޔާވެ އޭނާ މެޗު ދޫކޮށްލުމުންނެވެ.

ރޭންކިން އެއް ވަނަ އަށް އަރަން މަރޭ އަށް ފުރުސަތު ލިބުނީ ޖޮކޮވިޗަށް ސެމީން ފުރުސަތު ނުލިބުމުންނެވެ. ޖޮކޮވިޗް ކުއާޓާ ފައިނަލުން ކެޓީ މަރިން ސިލިޗް އަތުންނެވެ.

"އަހަރެން ދުވަހަކު ވެސް ދުނިޔޭގެ ރޭންކިން އެއް ވަނަ އަށް އަރާނެ ކަމަށް އުއްމީދެއް ނުކުރަން. މިއީ ވަރަށް ދުވަހުގެ މަސައްކަތް. ބޭނުންވަނީ މިހާރު މިހުރި ފޯމުގައި ކުރިއަށްދާން،" މަރޭ ބުންޏެވެ.

މަރޭ ވަނީ މިއަހަރު ވިމްބަލްޑަން އާއި އޮލިމްޕިކް ޓެނިސް އިވެންޓް ކާމިޔާބު ކުރުމުގެ އިތުރުން 11 ފައިނަލުގައި ކުޅެފަ އެވެ. އަދި މިއަހަރު މަރޭ ވަނީ 73 މެޗުން މޮޅުވެފަ އެވެ. މިއީ އޭނާ ޓެނިސް ސީޒަނެއްގައި އެންމެ ގިނަ މެޗުން މޮޅުވި ފަހަރެވެ.

ޖޮކޮވިޗަށް ރޭންކިން އެއް ވަނަ ގެއްލުނީ 122 ހަފްތާ ފަހުންނެވެ. މަރޭ އަކީ ރޭންކިން ގުނަން ފެށި ފަހުން އެއް ވަނަ ހޯދި ފުރަތަމަ އިނގިރޭސި ކުޅުންތެރިޔާ އެވެ. އަދި ރޭންކިން އެއް ވަނަ އަށް އެރި ދެ ވަނަ އަށް އެންމެ ދުވަސްވީ ކުޅުންތެރިޔާ އެވެ. މަރޭގެ އުމުރަކީ 29 އަހަރެވެ. ރޭންކިން އެއް ވަނައިން ޖާގަ ހޯދި އެންމެ ދުވަސްވީ ކުޅުންތެރިޔަކީ 1974 ވަނަ އަހަރުގައި އުމުރުން 30 އަހަރުގައި ރޭންކިން އެއް ވަނަ އަށް އެރި ޖޯން ނިއުކޮމްބް އެވެ.

ޓެނިސް ރަސްމީ ރޭންކިން އިއުލާން ކުރާނީ މިރޭ ކުޅޭ ޕެރިސް މާސްޓާސް ފައިނަލަށް ފަހު މާދަމާ އެވެ. މިރޭ ކުޅޭ ފައިނަލުގައި މަރޭއާ ދެކޮޅަށް ނުކުންނާނީ ޖޯން އިސްނާ އެވެ.