ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ.-- ފޮޓޯ: އޭއެފްޕީ
06 ނޮވެމްބަރ 2016 - 12:09
ބާސެލޯނާ (ނޮވެމްބަރު 6) - ސްޕެނިޝް ލީގަކީ މިހާރު ތިން ޓީމުގެ ލީގެއް ނޫން ކަމަށާއި ލީގަށް ވާދަކުރާ ފެންވަރުގެ ގިނަ ކްލަބްތަކެއް އެބައޮތް ކަމަށް ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.
މިދިޔަ އަހަރުތަކުގައި ސްޕެނިޝް ލީގަށް ވާދަކުރީ ރެއާލް މެޑްރިޑާއި ބާސެލޯނާ އަދި އެތުލެޓިކޯ މެޑްރިޑެވެ. އެންރީކޭ ބުނީ މި ފަހަރު މަންޒަރު ވަރަށް ތަފާތު ކަމަށެވެ.
ލީގުގައި މިރޭ ބާސެލޯނާ ރަށުން ބޭރުގައި ނުކުންނާނީ ސެވިއްޔާއާ ދެކޮޅަށެވެ. ލީގުގެ އެއް ވަނައިގައި އޮތީ ރެއާލެވެ. އެ ޓީމު އޮތީ 10 މެޗުން 24 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ބާސެލޯނާ އޮތީ 10 މެޗުން 22 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް އެތުލެޓިކޯ ވަނީ 2-0 އިން ރޭ ސޮސިއެޑާޑް އަތުން ބަލިވެފަ އެވެ. އެ ޓީމަށް ލިބިފައިވަނީ 11 މެޗުން 21 ޕޮއިންޓެވެ. ސެވިއްޔާ ހަތަރު ވަނައިގައި އޮތީ 10 މެޗުން 21 ޕޮއިންޓާ އެކު އެވެ.
ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީ އަތުން ބާސެލޯނާ ބަލިވިއިރު މިއީ އެންމެ ފަހުން އެ ޓީމު ކުޅުނު 12 މެޗުގެ ތެރެއިން ކުރިމަތިވި ތިން ވަނަ ނާކާމިޔާބީ އެވެ. އެންރީކޭ ބުނީ ސެވިއްޔާ އަކީ މިފަހަރު ލީގަށް ވާދަކުރާނެ ޓީމެއް ކަމަށެވެ.
"ސެވިއްޔާ އަކީ ޔޫރަޕްގައި ވެސް ވަރުގަދަ ޓީމެއް. ތަޖުރިބާހުރި ކުޅުންތެރިން ގިނަ ޓީމެއް. މި ސީޒަނުގައި މިހާތަނަށް އެ ޓީމު ދަށްކަމުން އަންނަ ކުޅުމަށް ބަލާއިރު ވެސް އެ ޓީމަކީ ފަސޭހަ ޓީމެއް ނޫންކަން އެނގޭ. މިއީ އަހަރެމެންނަށް ޓެސްޓެއް. ޓީމުގެ ކޮންފިޑެންސް ރަނގަޅުކުރަން މި މެޗުން މޮޅެއް ހޯދުން މުހިއްމު،" އެންރީކޭ ބުންޏެވެ.
މިރޭގެ މެޗަށް ބާސެލޯނާ އިން ނުކުންނާނީ އަނިޔާގެ ސަބަބުން ޖެރާޑް ޕީކޭ އާއި ޖޯޑީ އަލްބާ އަދި އަންދްރެސް އިނިއެސްޓާ ނުލަ އެވެ.
ސެވިއްޔާ ދަނޑުގައި މި ފަހަރު ކުޅުނު ހުރިހާ މެޗަކުން އެ ޓީމު ވަނީ މޮޅުވެފަ އެވެ. އެ ޓީމު ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެތުލެޓިކޯ ވެސް ބަލިކޮށްފަ އެވެ. ޗިލީ އަށް ކޮޕަ އެމެރިކާ ކާމިޔާބު ކޮށްދިން ޖޯޖް ސަމްޕައޮލީގެ އިރުޝާދުގެ ދަށުން ސެވިއްޔާ އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.
ސަމްޕައޮލީ ބުނީ ބާސެލޯނާ އަކީ ތަރިން ގިނަ ޓީމެއް ނަމަވެސް ހުރިހާ ވެސް ނުރައްކަލަކީ ލިއޮނަލް މެސީ ކަމަށެވެ.
"މެސީ އަކީ ދުނިޔޭގައި ދެ ވަނައެއް ނެތް ފަދަ މޮޅު ކުޅުންތެރިޔެއް. ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށް ދޭ އެވޯޑް ދެ އެވޯޑެއްގެ ގޮތުގައި ބަދަލުކުރަން ޖެހޭ، އެއީ މެސީ އަށް އެއް އެވޯޑް. ދެން ތިބި ހުރިހާ ކުޅުންތެރިންނަށް އެެއް އެވޯޑް،" ސަމްޕައޮލީ ބުންޏެވެ.
ބާސެލޯނާ އާއި ސެވިއްޔާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:45 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމަރެެެ
08 November 2016
މެސީއަކީއެއްވަނަ