ޕެރިސް މާސްޓާސް ކާމިޔާބުކޮށް މަރޭ ރޭންކިންގެ ކުރީގައި ލީޑު ނަގައިފި

ޕެރިސް (ނޮވެމްބަރު 7) - ޕެރިސް މާސްޓާސް ޓެނިސް މުބާރާތް ކާމިޔާބުކޮށް އިނގިރޭސި ޓެނިސް ކުޅުންތެރިޔާ އެންޑީ މަރޭ ދުނިޔޭގެ ރޭންކިން އެއް ވަނައިގައި ލީޑެއް ނަަގައިފި އެވެ.


ކުރިން ރޭންކިން އެއް ވަނައިގައި އޮތް ސާބިއާގެ ނޮވަކް ޖޮކޮވިޗް ޕެރިސް މާސްޓާސްގެ ކުއާޓާ އިން ކެޓުމުން މަރޭ ވަނީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށް ރޭންކިން އެއް ވަނަ ހޯދައިފަ އެވެ. އަދި ރޭގެ ފައިނަލުގައި އެމެރިކާގެ ޖޯން އިސްނާ ބަލިކޮށް މަރޭ ވަނީ ރޭންކިން އެއް ވަނައިގައި ލީޑެއް ނަގައިފަ އެވެ. އޭޓީޕީން ރަސްމީ ރޭންކިން އިއުލާން ކުރާނީ މިއަދު އެވެ.

އިސްނާގެ މައްޗަށް މަރޭ ކުރިހޯދީ 6-3 6-7 (4-7) 6-4 އިންނެވެ. މި މެޗުގައި ވެސް މަރޭގެ ފަރާތުން ވަނީ ތަފާތު މޮޅު ކުޅުމެއް ފެނިފަ އެވެ. މަރޭ އަކީ 1973 ވަނަ އަހަރު ރަސްމީކޮށް ރޭންކިން ގުނަން ފެށިފަހުން އެއް ވަނަ އަށް އެރި އިނގިރޭސި ފުރަތަމަ ކުޅުންތެރިޔާ އެވެ.

ޕެރިސް މާސްޓާސް އަކީ މި އަހަރު މަރޭ ކާމިޔާބުކުރި ހަ ވަނަ އޭޓީޕީ މުބާރާތެވެ. މަރޭ ވަނީ މިއަހަރު ވިމްބަލްޑަން ޓެނިސް މުބާރާތާއި އޮލިމްޕިކްގެ ޓެނިސް އިވެންޓުން ރަން މެޑަލް ހޯދައިފަ އެވެ.

"ރޭންކިން އެއް ވަނަ ހޯދަން އަހަރެން ކުރީ ވަރަށް ދިގު ދަތުރެއް. މި ދަތުރުގައި އަހަންނަށް އެހީތެރިވި އެންމެނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ހާއްސަކޮށް އަހަރެންގެ އާއިލާ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުން،" އުމުރުން 29 އަހަރުގެ ސްކޮޓްލެންޑަށް އުފަން މަރޭ ބުންޏެވެ.

ރޭންކިން އެއް ވަނަ މަގާމާ އެކު މަރޭ ކުރިމަތިލާ ފުރަތަމަ މުބާރާތަކަށް ވާނީ މި މަހު ފަށާ އޭޓީޕީ ފައިނަލްސް އެވެ. ފައިނަލްސްގެ ހުރިހާ މެޗަކުން ޖޮކޮވިޗް މޮޅުވެއްޖެނަމަ މަރޭ އަތުން އެއް ވަނަ ގެއްލޭނެ އެވެ. އެއް ވަނަ ދިފާއުކުރަން ޖޮކޮވިޗަށް ވުރެ ފައިނަލްސްގައި މަރޭގެ ނަތީޖާ ރަނގަޅުކުރަން ޖެހެ އެވެ. ޖޮކޮވިޗަށް މި ހަފްތާގައި ރޭންކިން އެއް ވަނަ ގެއްލުނީ 122 ހަފްތާ އަށް ފަހު އެވެ.