ދުނިޔޭގެ ކުޅިވަރު / ޔޫރޮޕާ ލީގް

ޔުނައިޓެޑާއި އާސެނަލް އަނެއް ބުރަށް، ލެސްޓާ ކަޓައިފި

26 ފެބުރުއަރީ 2021 - 09:02

މެންޗެސްޓާ (ފެބްރުއަރީ 26) - ޔޫރޮޕާ ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި ރޭ ކުޅުނު މެޗުތަކަށް ފަހު މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް އަނެއް ބުރުން ފުރުސަތު ހޯދިއިރު، ލެސްޓާ ސިޓީ މުބާރާތުން ކަޓައިފި އެވެ.

ޔުނައިޓެޑް ދަނޑުގައި ރޭ ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅުނު ދެ ވަނަ ލެގު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ޔުނައިޓެޑް އަނެއް ބުރަށް ދިޔައީ އެގްރިގޭޓަށް ބަލާއިރު 4-0 އިން ކުރިހޯދައިގެންނެވެ. އާސެނަލުން ރޭ ވަނީ ބެންފީކާ އަތުން 3-2 އިން މޮޅުވެފަ އެވެ. އެގްރިގޭޓުން އާސެނަލަށް ކުރި ލިބުނީ 4-3 އިންނެވެ. ލެސްޓާ ސިޓީ އާއި ސްލާވިއާ ޕްރާގުގެ ފުރަތަމަ ލެގުގެ މެޗު ލަނޑެއް ނުޖެހި އޮތީ އެއްވަރުވެފަ އެވެ. ލެސްޓާ ކެޓީ ރޭ އަމިއްލަ ދަނޑުގައި 2-0 އިން ބަލިވުމުންނެވެ.

ސޮސިއެޑާޑަށް ލަނޑު ޖަހައިދޭން ރޭ އެ ޓީމުގެ ކެޕްޓަން މިކޭލް އޮޔާޒަބަލް ފޮނުވާލި ޕެނަލްޓީ ކާމިޔާބެއް ނުވި އެވެ. ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ބްރޫނޯ ފެނާންޑޭސް، ފުރަތަމަ ހާފުގައި ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ. ޔުނައިޓެޑްގެ އެކްސެލް ޓުއަންޒޭބޭ ދެ ވަނަ ހާފުގައި ގޯލެއް ޖެހި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ނިންމީ އެ ގޯލު ބަަލައިނުގަންނާށެވެ.

އާސެނަލްގެ ހޯމް މެޗު ރޭ ކުޅުނީ ގްރީސްގަ އެވެ. އެއީ ކޮވިޑް-19ގެ ސަލާމަތީ ފިޔަވަޅުތަކުގެ ސަބަބުން މި ވަގުތު ލަންޑަންގައި ބެންފީކާ އަށް އެ މެޗު ކުޅެވެން ނެތުމުންނެވެ. ރޭގެ މެޗުގައި އާސެނަލަށް ލީޑުނަގައިދިނީ މެޗުގެ 21 ވަަނަ މިނިޓްގައި ޕިއޭ އެމެރިކް އޮބާމަޔަން އެވެ. މެޗުގެ 43 ވަނަ މިނިޓްގައި ބެންފީކާގެ ކުޕީޑޯ ގޮންކާލްވެސް ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އަދި މެޗުގެ 61 ވަނަ މިނިޓްގައި ފެރޭރާ ޑަ ސިލްވާގެ ގޯލުން ބެންފީކާ އިން ލީޑުނެގި އެވެ. އެކަމަކު އޭގެ ހަތް މިނިޓް ފަހުން ކިއެރަން ޓިއެރަނީ ވަނީ އާސެނަލަށް އެއްވަރުކޮށްދީފަ އެވެ.

އާސެނަލް މޮޅުކޮށްދިން ލަނޑު މެޗުގެ 87 ވަނަ މިނިޓްގައި ކާމިޔާބުކުރީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ބުކާޔޯ ސަކާ ދިން ބޯޅަ އަކުން އޮބާމަޔަން އެވެ.

ރޭ ޔޫރޮޕާ ލީގުގައި ކުޅެވުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ނަޕޯލީ ދަނޑުގައި 2-1 އިން ބަލިވި ނަމަވެސް ސްޕެއިނުގެ ގްރަނާޑާ ވަނީ އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައި އަނެއް ބުރުން ފުރުސަތު ހޯދައިފަ އެވެ. އަޔަކްސް އިން 2-1 އިން ފްރާންސްގެ ލިލް ބަލިކުރިއިރު، އަމިއްލަ ދަނޑުގައި 1-1 އިން ސާބިއާގެ ރެޑްސްޓާއާ އެއްވަރުކޮށް މިލާން ވެސް ވަނީ އެގްރިގޭޓުން ކުރިހޯދައި އަނެއް ބުރުން ފުރުސަތު ހޯދައިފަ އެވެ.

ގަދަ 16 ޓީމު ކުޅޭ ބުރުގެ މެޗުތައް އޮންނާނީ އަންނަ މަހު 11 އާއި 18 ވަނަ ދުވަހު އެވެ.

ގަދަ 16 ޓީމުގެ ބުރުގައި ވާދަކުރާ ޓީމުތައް

އާސެނަލް (އިންގްލެންޑް)، މެންޗެސްޓާ ޔުނައިޓެޑް (އިންގްލެންޑް)، ޓޮޓެންހަމް (އިންގްލެންޑް)، އޭސީ މިލާން (އިޓަލީ)، ރޯމާ (އިޓަލީ)، ގްރަނާޑާ (ސްޕެއިން)، ވިޔަރެއާލް (ސްޕެއިން)، ޑިނަމޯ ކިއޭވް (ޔޫކްރޭން)، ޝަހުތަރު ޑޮނެސްކް (ޔޫކްރޭން)، ޑިނަމޯ ޒަގްރެބް (ކްރޮއޭޝިއާ)، ސްލާވިއާ ޕްރާގު (ޗެކް ރިޕަބްލިކް)، އޮލިމްޕިއާކޯސް (ގްރީސް)، އަޔަކްސް (ނެދަލެންޑްސް)، މޯލްޑޭ (ނޯވޭ)، ރޭންޖާސް (ސްކޮޓްލެންޑް)، ޔަންގް ބޯއީސް (ސްވިޒަލެންޑް)

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

މިހާރު ޕޯލް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަނުފެންނަ ވޯޓެއް ނަގަން
ފެނޭ
25%
ނުފެނޭ
75%
Poll closing: 24 April 2021 19:00

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454