ދުނިޔޭގެ ކުޅިވަރު / ޑޭވިޑް ބެކަމް

ބެކަމްގެ ޓީމުން މެސީ އާއި ރޮނާލްޑޯ އަށް ޝައުގުވެރިވޭ

މެސީ (ކ)، ބެކަމް (މ) އަދި ރޮނާލްޑޯ (ވ).-

03 މާޗް 2021 - 13:25

މިއާމީ (މާޗް 3) - ފުޓްބޯޅަ ލެޖެންޑް ޑޭވިޑް ބެކަމްގެ ޓީމު، އިންޓަ މިއާމީ އެފްސީ އަށް ޔޫރަޕްގެ ނަން މަޝްހޫރު ކުޅުންތެރިން ގެންނަން ފުރުސަތު ލިބިއްޖެނަމަ ބޭނުންހިފާނެ ކަމަށާއި ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ކުޅުންތެރިންނަށް ވެސް ޝައުގުވެރިވާ ކަމަށް ބެކަމް ބުނެފި އެވެ.

އެމެރިކާ ލީގުގައި ވާދަކުރާ އިންޓަ މިއާމީގެ ޕްރީ ސީޒަން ހަރަކާތްތައް ފެށުމުގެ ކުރިން ބޭއްވި ސަޕޯޓަރުންގެ އިވެންޓެއްގައި ވާހަކަދައްކަމުން ބެކަމް ބުނީ އިންޓަ މިއާމީއާ މެދު ސަޕޯޓަރުންގެ ޝައުގުވެރިކަން ބޮޑުކުރަން ކޮންމެ ކަމެއް ކުރަން ވެސް ތައްޔާރަށް ހުރި ކަމަށެވެ.

މެސީ އާއި ރޮނާލްޑޯ ފަދަ ކުޅުންތެރިން އިންޓަ މިއާމީ އިން ގަނެފާނެތޯ ސަޕޯޓަރަކު ސުވާލުކުރުމުން ބެކަމް ބުނީ އެ ފަދަ ޑީލްތަކަށް ވެސް މަރުހަބާ ކިޔަން ތައްޔާރަށް ހުރި ކަމަށެވެ.

"އެއްވެސް ޝައްކެއް ނެތް. އެ ކަހަލަ ކުޅުންތެރިން ގެނެސްގެން މި ކަހަލަ ޓީމުތަކުގެ ހައިބަތު ބޮޑުކުރެވޭނެ. ކުޅުމުން ބޭރުގެ ކަންކަމަށް ވެސް ވިސްނަންޖެހޭ. އަހަރެން އެ ފަދަ ކަންކަމަށް ވަރަށް ޝައުގުވެރިވޭ،" ޔޫރަޕްގެ ނަން މަޝްހޫރު ގިނަ ޓީމުތަކަށް ކުޅެފައިވާ ބެކަމް ބުންޏެވެ.

ބެކަމްގެ މެޖޯރިޓީ ހިއްސާ ބޮޑު އިންޓަ މިއާމީގައި މި ވަގުތު ތިބި މަޝްހޫރު ކުޅުންތެރިންނަކީ ފްރާންސްގެ މިޑްފީލްޑަރު ބްލައިސް މަޓުއިޑީ އާއި އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގައިން އެވެ. ބެކަމް ބުނީ އަމާޒަކީ ފުރުސަތު ލިބޭ މިންވަރަކުން ވީ އެންމެ ރަނގަޅު ކުޅުންތެރިން ގަތުން ކަމަށެވެ.

"ކްލަބްގެ ކުރިމަގު ރަނގަޅު ކުރެވެން ހުރި ކޮންމެ މަސައްކަތަކަށް އަހަރެން މަރުހަބާ ކިޔާނަން. އަހަރެމެންނަށް ފުޓްބޯޅައިގެ ބޮޑެތި ނަންތައް. ތި ސަޕޯޓަރުން ތިބުނި ގޮތަށް ރޮނާލްޑޯ އާއި މެސީ ފަދަ ކުޅުންތެރިން ގަނެވެން އޮތްނަމަ ކީއްވެ އެކަން ނުކުރަންވީ،" ބެކަމް ބުންޏެވެ.

އުމުރުން 45 އަހަރުގެ ބެކަމް ބުނީ އިންޓަ މިއާމީ ކުރިއަށް ގެންދާއިރު އޭނާ ބޭނުންވަނީ ފަހުގެ މޮޑެލްގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު އެލެކްސް ފާގަސަންގެ ވިސްނުމާ އެއްގޮތަށް ކުރިއަށްގެންދިއުމަށް ކަމަށެވެ.

"ފާގަސަންގެ ވިސްނުމަކީ ޓީމަށް ގެންނަންޖެހޭނީ އެންމެ މޮޅު ކުޅުންތެރިޔާއެއް ނޫން. ޓީމަށް އެންމެ ބޭނުންވާ ކުޅުންތެރިޔާ. އަހަރެންގެ އެއް ފިލޯސަފީ އަކީ އެއީ. އެކަމަކު އެމެރިކާ ކަހަލަ ލީގެއްގައި ކުޅުމުން ބޭރުގެ ސަބަބުތަކަށް ބަލާފައި ކުޅުންތެރިން ގަންނަން ޖެހޭ ފަހަރު ވެސް އަންނާނެ. އެއީ ފުޓްބޯޅަ ބަދަލުވެގެން އައިސްފައި މި އޮތީ ވިޔަފާރި އަަކަށް ވެފައި،" ބެކަމް ބުންޏެވެ.

އިންޓަ މިއާމީގެ ކޯޗަކަށް ދާދި ފަހުން ވަނީ ޔުނައިޓެޑާއި އެވަޓަންގެ ކުރީގެ ކުޅުންތެރިޔާ ފިިލް ނެވިލް ހަމަޖައްސައިފަ އެވެ. އޭނާ އެ ޓީމާ ހަވާލުވި ފަހުން ސްޓޯކް ސިޓީ އަށް ކުރިން ކުޅުނު ޑިފެންޑަރު ރަޔާން ޝޯކްރޮސް އާއި ބްރެޒިލްގެ މިޑްފީލްޑް ގްރެގޯރޭ ވަނީ އިންޓަ މިއާމީ އަށް ސޮއިކޮށްފަ އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 25%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454