ރޭންކިން އެއް ވަަނަ ދަމަހައްޓަން ފަސޭހަނުވާނެ: މަރޭ

ލަންޑަން (ނޮވެމްބަރު 15) - ޓެނިސް ރޭންކިންގެ އެއް ވަނަ މަގާމު ދަމަހައްޓަން ފަސޭހަނުވާނެ ކަމަށް ދުނިޔޭގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާ އެންޑީ މަރޭ ބުނެފި އެވެ.


މަރޭ ރޭންކިންގެ އެއް ވަނަ އަށް އެރީ ކުރިން އެ މަގާމު ދަމަހައްޓަމުން އައި ނޮވަކް ޖޮކޮވިޗް ފަހަތަށް ޖައްސާލުމަށް ފަހު، މިދިޔަ ހަފުތާގައި ނިމުނު ޕެރިސް މާސްޓާސް ޓެނިސް މުބާރާތް ކާމިޔާބު ކުރުމުންނެވެ. އަހަރު ނިމޭއިރު ރޭންކިންގެ އެއް ވަނަ މަގާމުގައި އޮންނަން ބޭނުންނަމަ މިހާރު ކުރި އަށް ދާ އޭޓީޕީ ވޯލްޑް ޓުއާ ފައިނަލްސްގައި މަރޭ ނަތީޖާ ރަނގަޅު ކުރަން ޖެހެ އެވެ.

މުބާރާތުގެ ފުރަތަމަ މެޗުން މަރޭ މޮޅުވީ ކްރޮއޭޝިއާގެ މަރިން ސިލިޗްއާ ވާދަކޮށެވެ. މަރޭ މި މެޗުގެ ސެޓުތައް ގެންދިޔައީ 6-3، 6-2 އިންނެވެ. މިއީ ލަންޑަންގެ އޯޓޫ އެރީނާގައި މަރޭ ޖެހިޖެހިގެން މޮޅުވި 20 ވަނަ މެޗެވެ.

"ރޭންކިންގެ އެއް ވަނައިގައި އޮވެ މެޗެއް ކުޅޭއިރު ވަކި ހާއްސަކަމެއް ފާހަގަ ނުކުރެވޭ. އަހަރެން އަބަދުވެސް މަސައްކަތް ކުރަނީ 100 ޕަސެންޓް ދޭން. އެ ވިސްނުމުގައި އަބަދުވެސް ހުންނަނީ. ރޭންކިންގެ އެއް ވަނަ މަގާމު ދެމެހެއްޓުމަކީ ފަސޭހަ ކަމެއް ނޫން. އެކަމަކު ހިތްވަރާ އެކު ކޮށްފި ނަމަ މިއީ ނުވާނެ ކަމެކޭ ނުބުނާނަން،" ސްކޮޓްލެންޑަށް އުފަން މަރޭ ބުންޏެވެ.

ކުރީގެ އެއް ވަނަ ކުޅުންތެރިޔާ ޖޮކޮވިޗް ފައިނަލްގައި ކުޅުނު ފުރަތަމަ މެޗުން ވަނީ ފަހަތުން އަރައި އޮސްޓްރިއާގެ ޑޮމިނިކް ތިއެމް ބަލިކޮށްފަ އެވެ. މި މެޗުގެ ސެޓުތައް ދިޔައީ 6-7، 6-0، 6-2، އިންނެވެ. އަދި ޖަޕާންގެ ކެއި ނިޝިކޯރީ ވަނީ ސްވިޒަލެންޑްގެ ސްޓެން ވަވަރިންކާ އަތުން މޮޅުވެފަ އެވެ.