އުނދަގޫ މޮޅަކަށް ފަހު މަރޭ ސެމީއާ ގާތަށް

ލަންޑަން (ނޮވެމްބަރު 17) - ޖަޕާންގެ ކެއި ނިޝިކޯރީ އަތުން ފަހަތުން އަރައި ހޯދި އުނދަގޫ މޮޅަށް ފަހު ދުނިޔޭގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާ އެންޑީ މަރޭ އޭޓީޕީ ވޯލްޑް ޓުއާ ފައިނަލްސްގެ ސެމީގެ ޖާގައަކާ ގާތަށް ޖެހިލައިފި އެވެ.


ތިން ގަޑިއިރާއި 20 މިނިޓަށް ދިގުދެމިގެންދިޔަ މި މެޗުގެ ސެޓުތައް ދިޔައީ 6-7، 6-4، 6-4 އިންނެވެ. މި މެޗަކީ 2009 ވަނަ އަހަރަށް ފަހު މި މުބާރާތުގެ އެންމެ ދިގު ދެމިގެން ދިޔަ މެޗެވެ.

އަދި މިއީ 2008 ވަނަ އަހަރަށް ފަހު މި މުބާރާތުގެ ގްރޫޕް ސްޓޭޖު ދެ މެޗުން މަރޭ މޮޅުވި ފުރަތަމަ ފަހަރެވެ.

ސެމީ ފައިނަލުގެ ޖާގަ މަރޭ އަށް ޔަގީންވާނީ އަންނަ ހުކުރު ދުވަހު ސްޓެން ވަވަރިންކާއާ ދެކޮޅަށް ކުޅޭ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ. އެ މެޗުން އެއްވެސް ސެޓެއް ނުލިބި މަރޭ ބަލިވެއްޖެނަމަ އޭނާ މުބާރާތުން ކަޓާނީ އެ ގްރޫޕްގެ އަނެއް މެޗުން ނިޝިކޯރީ އަތުން މަރިން ސިލިޗް ބަލިވެއްޖެނަމަ އެވެ. އެ ނޫން ކޮންމެ ނަތީޖާއެއް މި މެޗުން ނުކުތް ނަމަވެސް މަރޭ އަށް ސެމީގެ ޖާގައެއް ލިބޭނެ އެވެ.

"ފައިނަލްސްގެ ނަތީޖާ ރަނގަޅު ކުރަން ވަރަށް ބޭނުން. އެއީ އަހަރެންގެ ކެރިއަރުގައި ވެސް މި މުބާރާތުގައި ކާމިޔާބެއް ލިބިފައި އަދި ނެތް. ވަކި ކުޅުންތެރިޔަކާ ވާދަކުރުމުގެ ބަދަލުގައި އަހަރެން އަމިއްލަ ކުރިއެރުމާ މެެދު މި ވިސްނަނީ،" މަރޭ ބުންޏެވެ.

އަނެއް ގްރޫޕްގެ ފުރަތަމަ ދެ މެޗުން މޮޅުވެ ދުނިޔޭގެ ދެ ވަނައިގައި އޮތް ނޮވަކް ޖޮކޮވިޗް ވަނީ ސެމީގެ ޖާގައެއް ޔަގީންކޮށްފަ އެވެ. ޖޮކޮވިޗް އަންނަނީ އަލުން ރޭންކިން އެއް ވަނަ ހޯދުމަށް މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

އަހަރު ނިމޭއިރު ރޭންކިން އެއް ވަނައިގައި ހޯދުމަށް މި މުބާރާތް ކާމިޔާބު ކުރުން މަރޭ އާއި ޖޮކޮވިޗަށް ވަނީ މުހިއްމުވެފަ އެވެ.