މިއުޒިކް ޑައިރެކްޓަރު ވާޖިދު ކޮވިޑް-19 ގައި މަރުވެއްޖެ

ބޮލީވުޑްގެ އެތައް ފިލްމަކަށް މިއުޒިކް ތައްޔާރުކޮށް ދީފައިވާ ވާޖިދު ޚާން މަރުވެއްޖެ އެވެ.


މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި ކުއްލި ގޮތަކަށް ބަލިވެ މުމްބާއީގެ ހޮސްޕިޓަލެއްގައި ރޭގެ ވަގުތެއްގައި ވާޖިދު އެޑްމިޓްކޮށް، ފަރުވާ ދެމުން ދަނިކޮށް ދަންވަރުގެ ވަގުތެއްގައި މަރުވީ ކޮވިޑް-19 އަށް ޕޮޒިޓިވެ، ދިމާވި މައްސަލަތަކާ ގުޅިގެންނެވެ. އޭނާގެ ކިޑްނީ އިންފެކްޝަނެއް އުފެދިފައިވާ ކަމަށްވެ އެވެ. މިއާ އެކު އޭނާވެގެން ގޮސްފައި އެ ބަލީގައި މަރުވި ބޮލީވުޑްގެ ފުރަތަމަ ފަންނާނަށެވެ.

ވާޖިދު، 42، މަރުވި ވާހަކަ އެންމެ ފުރަތަމަ ސޯޝަލް މީޑިއާގައި ހިއްސާކުރީ ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް މެވެ. އެއާ އެކު ވަރަށް ގިނަ ލަވަކިޔުންތެރިންނާއި ފިލްމީ ތަރިން ޓްވިޓާގައި ހިތާމަ ފާޅުކޮށްފައިވެ އެވެ.

ވާޖިދަކީ އޭނާގެ ކޮއްކޮ ސާޖިދާ ގުޅިގެން މިއުޒިކް ހަދަމުން ދިޔަ ފަންނާނެކެވެ. އެގޮތުން އެ ދެ މީހުން މަޝްހޫރުވެފިއު ވަނީ މިއުޒިކް ޑުއޯ ސާޖިދު-ވާޖިދުގެ ގޮތުގަ އެވެ. ވާޖިދަކީ މިއުޒިކް ޑައިރެކްޓަރެއްގެ އިތުރުން ލަވަކިޔުންތެރިއެއް ވެސް މެ އެވެ. އަދި އިންޑިއާގެ ބައެއް ލަވަ ޝޯތަކުގައި ދެބޭން ޖަޖުންގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޒިޓީވީގެ "ސާރޭގާމާޕާ" ހިމެނެ އެވެ.

View this post on Instagram

My Brother Wajid left us.

A post shared by Sonu Nigam (@sonunigamofficial) on

ސާޖިދު-ވާޖިދު އެންމެ ގިނައިން މިއުޒިކް ހަދާފައި ވަނީ އެ ދެ މީހުންނާ ވަރަށް ގާތް ގުޅުމެއް އޮންނަ ސަލްމާން ޚާންގެ ފިލްމުތަކަށެވެ. އެ ދެ މީހުން މިއުޒިކް ޑައިރެކްޓަރުންގެ ގޮތުގައި މަޝްހޫރުވެގެން ދިޔައީ ސަލްމާން 1998 ގައި ކުޅުނު ފިލްމު "ޕިޔާރު ކިޔާ ތޯ ޑަރުނާ ކިޔާ" އާ އެކީގަ އެވެ. އެ ފިލްމުގައި ހިމެނޭ "އޮ އޮ ޖާނެ ޖާނާ" އަކީ ވަރަށް މަގުބޫލުވި ލަވައެކެވެ.

މިދިޔަ އަހަރު ރިލީޒްކުރި ސަލްމާންގެ "ދަބަންގް 3" ގެ މިއުޒިކް ވެސް ހަދާފައި ވަނީ ސާޖިދު-ވާޖިދެވެ. އަދި މި އަހަރަށް ތާވަލުކޮށްފައި "ރާދޭ" ގެ މިއުޒިކް ވެސް ހަދާފައި ވަނީ އެ ދެ މީހުންނެވެ.

ސާޖިދާއި ވާޖިދު.

ސާޖިދު-ވާޖިދު މިއުޒިކް ހަދައިދިން ސަލްމާންގެ އިތުރު ފިލްމުތަކުގެ ތެރޭގައި "ދަބަންގް" ސީރީޒްގެ ފުރަތަމަ ދެ ފިލްމާއި "ވޯންޓެޑް"، "ވީރު"، "މުޖް ސޭ ޝާދީ ކަރޯގޭ"، "ޕާޓްނާ" އަދި "ހެލޯ ބްރަދާ" އާއި އެ ނޫން އެތައް ފިލްމެއް ހިމެނެ އެވެ.