މާރުކޭޓު ގޮޅިތަކުގައި ވިޔަފާރި ކުރާ ބައެއް ފަރާތްތަކާ އެކު އިކޮނޮމިކް މިނިސްޓްރީން ރޭ ބޭއްވި މަޝްވަރާ ބައްދަލުވުން: މި ބައްދަލުވުމުގައި މާރުކޭޓުގައި ކޭޝިއަރުންގެ ގޮތުގައި ބިދޭސީން ތިބޭ މައްސަލަ ބަލައި. އެކަަން ހައްލުކުރާނެ ގޮތަކާ މެދު މަޝްވަރާކޮށްފައިވޭ. -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
08 ޑިސެމްބަރ 2016 - 14:28
ލޯކަލް މާރުކޭޓުގެ ގޮޅިތަކުގައި ކޭޝިއަރުންގެ ގޮތުގައި ބިދޭސީން ތިބޭ މައްސަލަ ހައްލުކުރުމަށް އެތަނުގައި ވިޔަފާރި ކުރާ 10 މީހުން ހިމެނޭ ކޮމިޓީއެއް އިކޮނޮމިކް މިނިސްޓްރީން އެކުލަވާލައި މަޝްވަރާ ކުރަން ނިންމައިފި އެވެ.
އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު މިއަދު ވިދާޅުވީ ރޭ ބޭއްވި ފުރަތަމަ މަޝްވަރާ ބައްދަލުވުމުގައި މާރުކޭޓުގެ ވިޔަފާރިވެރިންގެ ކޮމިޓީގެ މެމްބަރުން ބައިވެރިވި ކަމަށެވެ. އަދި ގޮޅިތަކުގައި ބިދޭސީން ކޭޝިއަރުންގެ ގޮތުގައި ތިބޭ މައްސަލަަ ބޮޑު ކަމަށާއި އަވަސް ހައްލެއް ބޭނުންވާ ކަމަށް ހުރިހާ މެމްބަރުން އެއްބަސްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މާރުކޭޓުގެ ގޮޅިތައް ބަލަހައްޓަނީ ހައުސިން މިނިސްޓްރީން. އަޅުގަނޑުމެން ބަލަނީ އެތަނުގެ ވިޔަފާރިވެރިން ވިޔަފާރި ކުރަނީ ގާނޫނާ ގަވާއިދުތަކާ އެއްގޮތަށްތޯ. ކޭޝިއަރުންގެ ގޮތުގައި ބިދޭސީން ތިބުމަކީ ގާނޫނު ހުއްދަ ކުރާ ކަމަކަށް ނުވާ އިރު މިއީ ވިޔަފާރިވެރިންނާއި ކަމާ ބެހޭ ފަރާތްތަކުގެ އިހުމާލުންވާ ކަމެއްކަން އެންމެން ވެސް ގަބޫލު ކުރޭ،" އަބްދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި މައްސަލަ ހައްލުކުރުމަށް ގާނޫނާ އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމަށް ވިޔަފާރިވެރިންނަށް އެންގި އެވެ. އަދި އެކަމާ ބެހޭގޮތުން އެ ވިޔަފާރިވެރިންގެ ހިޔާލުތައް ހުށަހަޅަން ފުރުސަތު ދިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާރުކޭޓު ގޮޅިތަކުގައި ވިޔަފާރި ކުރާ ބައެއް ފަރާތްތަކާ އެކު އިކޮނޮމިކް މިނިސްޓްރީން ރޭ ބޭއްވި މަޝްވަރާ ބައްދަލުވުން: މި ބައްދަލުވުމުގައި މާރުކޭޓުގައި ކޭޝިއަރުންގެ ގޮތުގައި ބިދޭސީން ތިބޭ މައްސަލަ ބަލައި. އެކަަން ހައްލުކުރާނެ ގޮތަކާ މެދު މަޝްވަރާކޮށްފައިވޭ. -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
އެގޮތުން، ކޭޝިއަރުންގެ ގޮތުގައި ދިވެހިން ބައިތިއްބާފައި އެހީތެރިވެ ދިނުމަށް ބިދޭސީން ގެންގުޅެން ހުއްދަ ދިނުމަށް ނުވަތަ ހައުސިން މިނިސްޓްރީން އެކަމަށް ބިދޭސީން ހަމަޖައްސައިދިނުމަށް ވިޔަފާރިވެރިން އެދިފައިވާ ކަމަށް އަބްދުﷲ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ވިޔަފާރިވެރިންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ދޯނިތަކުން މުދާ ބޭލުން ފަދަ ބުރަ މަސައްކަތް ކުރަން ދިވެހިން ނުލިބުމެވެ.
"ވިޔަފާރިވެރިން ދެން ހުށަހެޅީ ގޮޮޅިތަކުގައި މަސައްކަތް ކުރާ ބިދޭސީންނަށް ވަކި ކުލައެއްގެ ޔުނީފޯމެއް ހަމަޖައްސައިދޭން،" އޭނާ ވިދާޅުވި އެވެ.
އަބްދުﷲ ވިދާޅުވީ މި މައްސަލައާ ބެހޭ ގޮތުން ވިިޔަފާރިވެރިންގެ ހިޔާލުތަކާ މެދު އިތުރަށް މަޝްވަރާކޮށް ވަކި ގޮތެއް ނިންމަން އަންނަ ހަފުތާގައި ކަމާބެހޭ ހުރިހާ ފަރާތެއް ބައިވެރިކޮށްގެން ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ހައުސިން މިނިސްޓްރީ އާއި އިމިގްރޭޝަން އަދި ފުލުހުން އެ ބައްދަލުވުމުގައި ބައިވެރިވާނެ ކަމަށް ވިދާޅުވި އެވެ.
މި މައްސަލައަށް ހައްލެއް ހޯދަން ވަކި ގޮތެއް ނިންމާނީ މިކަމުގައި ހިމެނޭ ހުރިހާ އެންމެނާ މަޝްވަރާކޮށް، އެންމެން ވެސް އެއްބަސްވާ ގޮތަކަށް ކަމަށް އަބްދުﷲ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސޭނު
12 December 2016
ތީ ހައްލުކުރަން އުނދަގޫ ކަމެއްނޫން. މައްސަލައަކީ 10ބާރަ ގޮޅި އެކަކަށްދިނުން. ނޫނީ ބޮޑަތި ސޭޓުންނަށް ގޮޅިދިނުން. އަދި ތިވިޔަފާރީގަ ނޫޅޭ މީހުނަށް ގޮޅދިނުން. މާރުކޭޓުން ގޮޅިދޭންވާނީ އެތާތިބެވޭނެ ވަރު ދިވެހިންނަށް. 10 ބަންގާޅީން ބައިތިއްބާފަ ގޭގަ އޮންނަ މީހާ ރަށުތެރޭން ފިހާރައެއް ހިންގުން މާރަނގަޅުވާނެ. ދަތުރުވެރިންގެ މާރުކޭޓުންވެސް ގޮޅިދީފަ ތިބީ މަޖިލީސް މެމްބަރުންނާ މުއްސަނދިންނަށް. ދެން އެތަން ކުއްޔަށް ހިފާނީ ކަމުގަ ނޫޅޭ މީހަކު. އޭނަ އިތުރު ކުރާނީ ބިދޭސީ މުވައްޒަފުން. މީގެ ބަދަލުގަ ފުޅާކޮށް ދަނޑުވެރިކަން ކުރާ ރަށްރަށުގެ މީހުނަށް ގޮޅިދޫކުރި ނަމަ ތިހެން ނުވާނެ.
މަރީ
11 December 2016
ބިދޭސީން ތިބެންޖެހެނީ ކެޝިއަރުގޮތުގައި މަސައްކަތްކުރުމަކީ ވަރަށް ގިނަ ދިވެހި ކުދިން ވިސްނާގޮތުގައި އެމީހުންގެ ފެންވަރަށް ވުރެއް ދަށް ކަމަކަށްވާތީ އާއި، ގަވައިދުން ވަޒީފާއަށް ނުކުންނަން ނުކެރޭތީ! މައްސަލައިގެ ހައްލު ހޯދޭނީ، މައްސަލަ ދިމާވާ ސަބަބުތަށްވެސް ރަނގަޅަށް ދިރާސާކޮށް، އެސަބަބުތަކަށް އަމާޒުކޮށްގެން. ދިވެހިންނޭ ކޭޝިއަރުންގެ ގޮތުގައި ތިބެން ޖެހޭނީ ބުންޏަސް އެމައްސަލަ ހައްލެއް ނުވާނެ!
އުމަރު
08 December 2016
މިހާރު ކޭޝިއަރުކަން އެންމެ ގިނައިން ކުރަނީ ދިވެހި އަންހެންކުދިން، ސުވާލަކީ އެކުދިން މާރުކޭޓުގެ ގޮޅީގައި ކޭޝިއަރުކަން ކުރާނެތޯ؟ ހައުސިންގް މިނިސްޓްރީއާއި ޓްރޭޑް މިނިސްޓްރީ ގުޅިގެން ތިޔަ މާރުކޭޓް ޒަމާނާއި ގުޅޭގޮތަށް ހަދަންވީނޫންތޯ؟ ސިންގަޕޫރުގައި ލޯކަލް މާރުކޭޓް ހުންނަނީ ތިޔެހެނެއްނޫން ކިތަންމެ އުސްއިމާރާތްކެއް އެޅިޔަސް އަދި ސިންގަޕޫރަކަށް ބަދަލެއް ނުކުރެވޭނެ
ލލ
08 December 2016
ތިޔައީ ސަރުކާރުގައި އުޅޭ ބޮޑުން ގުޅިގެން އެމީހުން ލާރި ހޯދަން ބޮންދުން ލައްވާ ކުރުވާ ކަމެއް ނުންތޯ ތިކަން ހުއްޓުވަން ތިބީ ތިކަން ކުރުވާ މީހުން ނުންތޯ؟
އައްޑޫ ރަދުން
08 December 2016
ދިވެހިންނަށް ވުރެން ރާއްޖޭގަ އެމީހުންގެ ބާރު ހުރިހާގޮތަކުންވެސް ގަދަ.2000ރ ދިނީމަ އެމީހުން ކޯޓާ ހޯދާދޭ.ދިވެހި އަންހެނަކާ އިނދެފިއްޔާމުން އެމީހަކު މަހުޖަނަކަށް ހަދާދޭ.މަންމަ މަރުވުމުން ކައްވަޅުކޮނެދޭ.މަށަށް ފެންނަނީ ހުރިހާ ޕާޓޭއިންތަކަށް މިކޮޅުގައި ތިބި ބަންގާޅީންގެ ނަމުގައި ޕާސްޕޯޓްދީ ބަންގާޅަށް ފޮނުވާފަ މިފޮނުވާލި ދިވެހިންގެ ނަމުގަ މިކޮޅުގައި ތިބި ބަންގާޅިންނަށް ރައްވެހިކަންދޭން..
ގޮޅި
08 December 2016
މާރުކޭޓު ގޮޅިތަކުގެ އަދަދު މާގިނައީ މަދުކޮށްލާ ފިހާރަތަކުގަވެސް ކޭޝިޔަރުންނަށް ބޭރުމީހުން ތިބެންފަށައިފި މިކަމަށް ހައްލެއްވެންނަން ފަށަނީ ކޮންއިރަކުންބާ؟
ލައްކަ
08 December 2016
މިކަމެއް ހިގައިގެން މިއުޅެނީ ކޮންރަށެއްގެ ލޯކަލް މާރުކޭޓެއްގަތަ؟
އޭނަ
08 December 2016
ޙަބަރު ކިޔާލާފަ ކޮމެންޓް ކޮއްބަލަ.
ޖހޖހ
08 December 2016
ބިދޭސީނ ް އެކަނިތަ. ކޮންއިރަކު ރާއްޖޭގައި އޮރެންޖާ ކޯލީފްލާވަރ އާ އެއްޗެހި ހައްދަން ފެށީ؟ އއީ ރާއްޖޭގައި ހައްދ ާތަކެތި ވިއްކާ ތަނެއްކޯ. ނޯ އިމްޕޯޓޯ.