މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުން ކުރިއަށް ގެންދަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
15 ފެބުރުއަރީ 2017 - 14:02
އައިޖީއެމްއެޗާއި ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގައި ގަވައިދާ ހިލާފު އެއްވެސް އަމަލެއް ހިންގާފައިވޭތޯ ބަލަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފި އެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލް ޣަފޫރު މޫސާ ހުށަހެޅުއްވި މައްސަލައާ ގުޅިގެން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ވަނީ އެ ދެ މަޝްރޫއާ ގުޅޭ ހުރިހާ ލިޔެކިއުންތައް އެ ކޮމިޓީއަށް ފޮނުވައިފަ އެވެ. އަދި ލިޔެކިއުންތައް ބެއްލެވުމަށް ފަހު ބައެއް މެމްބަރުން ވިދާޅުވީ އެހާ ގިނަ ލިޔުންތައް ދިރާސާކުރަން ވަގުތު ބޭނުންވާ ކަމަށެވެ.
އައިޖީއެމްއެޗްގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށް ގެންދަނީ: މި އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގައި ގަވައިދާ ހިލާފު އެއްވެސް އަމަލެއް ހިންގާފައިވޭތޯ ބަލަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ވަނީ ނިންމާފައި.---ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު
އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް ބިޑަށް ނުލައި 140 މިލިއަން ޑޮލަރަށް މާޗު 2، 2016 ގައި ހަވާލުކޮށްފައި ވަނީ ސިންގަޕޫރުގެ ޗަންހުއާ ކުންފުންޏާ އެވެ. އެ މަސައްކަތުގެ އަގު އަދާކުރަން ނިންމާފައި ވަނީ ތިން އަހަރަށް ބަހާލައިގެން ސީދާ ސަރުކާރު ބަޖެޓުންނެވެ.
ފިނޭންސް މިނިސްޓްރީން އަމީނީމަގުގައި ކުރިން ހަދަން ނިންމި ޔޫ ބިލްޑިން ހަވާލުކުރީ 122 މިލިއަން ޑޮލަރަށް މެލޭޝިއާގެ ޑަބްލިއު ޒެޑްއާރު ގްރޫޕާ އެވެ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހަވާލުކުރި އެ މަޝްރޫއުގެ ފައިސާ ދައްކަން ޖެހެނީ 20 އަހަރަށް ބަހާލައިގެން ކަމަށް ފިނޭންސް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.
މާލޭގައި އެ އިމާރާތް އަޅަން ފިނޭންސް މިނިސްޓްރީގެ ބައެއް އިމާރާތްތައް ތަޅާލި ފަހުން ސަރުކާރުން ނިންމީ ހުޅުމާލޭގައި އެ މަޝްރޫއު ކުރިއަށް ގެންދާށެވެ. އެކަމަކު އެ މަސައްކަތެއް އަދި ނުފަށަ އެވެ.
އައިޖީއެމްއެޗްގެ އިމާރާތާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ލިޔެކިއުންތަކުގައިވާ ގޮތުން އިމާރާތުގެ ކޮންޓްރެކްޓަރަށް ސިންގަޕޫރުގައި ހުންނަ ޔުނައިޓެޑް އޯވަސީސް ބޭންކް (ޔޫއޯބީ) މެދުވެރިކޮށް ސަރުކާރުން މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ފައިސާ ދައްކަމުން އަންނަ ކަމަށެވެ. އަދި އެ އިމާރާތަށް 140 މިލިއަން ޑޮލަރު ހަރަދުކުރަން ޖެހޭތޯ ބަލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޝަރީފް ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
"އަޅުގަނޑުމެން ބަހުސްކުރަން މި ޖެހެނީ މި އިމާރާތަށް 140 މިލިއަން ޑޮލަރަކީ އެކަށީގެންވާ އަދަދެއްތޯ ނޫންތޯ. އެއީ އެންމެ ރަނގަޅު އަގުތޯ، މި ކަންކަން ބަލަން ޖެހެނީ،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ދެ މަޝްރޫއުއާ ގުޅިގެން ދެ ކަމެއް ބަލަން ޖެހޭ ކަމަށެވެ. އެއީ އިމާރާތުގެ ޖުމްލަ ހަރަދާއި ސަރުކާރުން ފައިސާ ހަރަދުކުރަނީ ކިހިނެއްތޯ ކަމަށް ވިދާޅުވި އެވެ.
ޝަރީފުގެ ވާހަކާގައި "ލޯނު އަދާކުރަން ޖެހެނީ ކިހާ މުއްދަތެއްގައިތޯ އާއި އޭގެ އިންޓަރެސްޓް ރޭޓަކީ ކިހާ ވަރެއްތޯ" ބަލަން ޖެހޭ ކަމަށް ވިދާޅުވިޔަސް، އައިޖީއެމްއެޗުގެ އިމާރާތަށް ޚަރަދުކުރަނީ އެކަމަށް ލޯނެއް ނަގައިގެންކަން ސަރުކާރުން ބުނެފައެއް ނުވެ އެވެ.
ކޮމިޓީގައި ވާހަކަދައްކަވަމުން އޭދަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ އެ ދެ އިމާރާތުގެ މަސައްކަތް ހަވާލުކުރީ ވަރަށް ބޮޑު އަގުގައި ކަމަށް ވާހަކަދެކެވޭތީ އޭގެ ހަގީގަތް ބަލައި، ރައްޔިތުންނަށް އެކަން އަންގަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން އެބަ ޖެހޭ މިކަމުގެ ހަގީގަތް ބަލައި މިކަން ގޮސްފައި އޮތީ ގޯސްކޮށް ވެއްޖިއްޔާ އެކަން ރައްޔިތުންނަށް ހާމަކޮށްދޭން. މިކަމަކީ ރައްޔިތުންގެ މެދުގައި ވަރަށް ބޮޑު ޝައްކުތަކެއް އުފެދިފައިވާ ކަމަކަށް ވާތީ ޝައްކުތައް ފިލުވާލަން މިކަން ކޮށްފައި އޮތް ގޮތް ކިޔައިދޭން ޖެހޭ،" ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮންމެ ސަރުކާރެއް އޮތަސް އެ ސަރުކާރުން ކުރާ ކަންކަން ރައްޔިތުންގެ މަޖިލީހުން ބަލައި އެކަން ރައްޔިތުންނަށް ހާމަކޮށް ކިޔައިދޭން ޖެހޭނެ ކަމަށެވެ.
މި މަޝްރޫއުތަކާ ގުޅޭ ހުރިހާ ލިޔެކިއުންތައް މަޖިލީހަށް ފޮނުވުމުން ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގެންފައިވާ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެބަ ޖެހޭ ސަރުކާރު ވެސް ހިމާޔަތްކުރަން. އަދި އާއްމު ރައްޔިތުންގެ ބޮލުގައި އެޅޭ އެއްޗެއް މިއިން ކޮންމެ ލާރިއަކީ. އެހެންވީމަ އަޅުގަނޑުމެން ޖެހޭ ރައްޔިތުންނަށް ކިޔައިދޭން މި ކަން ކޮށްފައި އޮތީ ރަނގަޅަށް ވެއްޖިއްޔާ ރަނގަޅަށް ކަން،" އޭނާ ވިދާޅުވި އެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވިލުފުށި ދާއިރާގެ ޕީޕީއެމްގެ މެމްބަރު ރިޔާޒް ރަޝީދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އެ މައްސަލައާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ވިލުފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު ރިޔާޒް ރަޝީދު ވަނީ އެ މަޝްރޫއު ހަވާލުކޮށްފައިވާ ގޮތް ބެލުމަށް ފަހު ރިޕޯޓެއް ތައްޔާރުކުރަން އޮޑިޓާ ޖެނެރަލްގެ އޮފީހާ ހަވާލުކުރަން ހުށަހަޅުއްވައިފަ އެވެ. ނަމަވެސް އެ ހުށަހެޅުމާ ބެހޭ ގޮތުން ވަކި ގޮތެއް ކޮމިޓީއަކުން ނުނިންމަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުގާބޭ
16 February 2017
ޥަރައް ރަނގަޅައް ބަލާތި އިތުރު ފުލެޓެއް ދޭން ދައުލަތުން ބުނެފިނަމަ ދުނިޔޭގެ ފައިދާ ލިބިގަނެ އާހިރަތް ނަގާލާ އެއީ މިވީތަނައް ފެނިގެންދާ މަންޒަރު
ލލ
16 February 2017
ތިތަނުން އާދައިގެ ދިވެހި ރައްޔިތަކަށް ފަރުވާއެއް ނުހޯދޭނެ އަގު ބޮޑުކަމުން، ތީމުޅިން ރައްޔިތުންގެ ޖީބުން ދާ ފައިސާ!
ވަޒަންބެ
16 February 2017
އިއްޒަތްތެރި މެމްބަރުންނޭވެ. ބޭކާރުގޮތުގައި ވަގުގުތު ނަންގަވާ ނުލައްވާ.
މަޒް
16 February 2017
ލަގްޒަރީ ރިޒޯޓެއް ހަދަން ދާ އަގު މިދަނީ މިކަމަށް.. ހަމަ ޔަގީނުން ވެސް ހަމަ އަގުގައި ކުރާނަމަ ތިވަރެއް ނުދާނެ.. މަސައްކަތުގެ އަގާ ބައި އަޅަން ގެހޭ މީހުންގެ އަގު އެއްކުރީމާ ތިހާކަން ވަރު ވެދާނެ..
ނުފެންނާނެ
16 February 2017
ތިޔަމައްސަލަ ބަލަން މަޖިލީހުގެ ތިޔަކޮމެޓީއަށް ހުށަޅީމަ މަގޭ ފައިން ދިއީ ބޫޓް ދޫވެގެން. ސަރުކާރަށް ކަރަޕްޝަން ހިންގުމަށް މަގުފަހިކޮށްދީ އަދި ކަރަޕްޝަން ކަމުން ނުވިތާކަށް އެހެންމީހުންނަށް ކާންދެމުން ގެންދާ ބަޔަކަށް ތިމައްސަލައިގެ ތެރެއިން ތިޔަބުނާ އެއްޗެއް ފެންނާނެބާ! ނުފެންނާނެ.
މާޖިދު
16 February 2017
ހަމައެކަނި އިމާރާތެއްނޫން. ދާދި އިހަށްދުވަހު އެމް.އެން.ޑީ.އެފް އަށް ގެނައި 5 ލޯންޗަށް 130 މިލިޔަން ހަރަދުވީ ކަމަށް ޚަބަރުތަކުން ބުނޭ. ސުވާލު އުފެދެނީ އެއްވަށްތަރު 5 ލޯންޗް ގެނައި އިރު އޭގެން އެކަތި ސައުތު ކޮރެޔާއިން ހަދިޔާކުރުމާ އަނެއް 4 ލޯންޗް ލަންކާގައި ބަނދެފައިވާ ކަމަށް ބުނުން. އަދި އޭގެ މޮޅުވާހަކަ ދެއްކިލެއް ބޮޑުކަމުން އަގުބުނި މީހާޔަށްވެސް އެއަގުތައް ބޮޑުކަމަށް ހީވާކަހަލަ. ގަލްފުކުރާފްޓް ވަރުގެ އެލޯންޗުގަ މިސައިލްވެސް ފޮނުވާލެވޭކަމަށް ބުނޭ.
ޝާހު
15 February 2017
ހުރިހާ ލިޔުމަކީ މިވަގުތު ސަރުކާރުން ދެއްކި ލިޔުން ކޮޅު އެކަނި. ދެއްތޯ . ނުދައްކާ ފޮރުވާފައި ހުންނަ ލިޔުން ތަކެއް ތިޔަ މަޖިލީހަން ހޯދޭނެ ގޮތެއް މިވަގުތަކު ނޯންނާނެ. އަދި ތިވަރުގެ ކަމެއް ތަހުގީގު ކުރެވޭ ގާބިލް ފެންވަރު ހުރި ބަޔަކު ވެސް ނެތެން ނޫންތޯ. ތިފަދަ ބޮޑުކަމަކަށް ދެފަރާތުގެ މެދުގައި ބަދަލު ކޮށްފައިވާ ޓެކްސްޓް މެސެޖް ތަކާއި ޓެލެފޯން ކޯލްވެސް ބޭނުންވާނެ ނޫންތޯ. ކަމުގެ ގާބިލް ބަޔަކުގެ ކޮންސަލްޓެންސީ ހޯދުން މުިންމު.
މަޒް
16 February 2017
ކޮބާ ބައި އަޅަން ހެދި އެގްރިމެޓް؟ އެވެސް އޮންނާނެ ކޮންމެވެސް ތާކު ފޮރުވާފަ
ހޯރަފުށި
15 February 2017
ފަންސަވީސް ބުރިޔޭ ކިޔާފަ ދަނޑިފޮއްޓެއް ވަރުތަނެއް މިހަދަނި އައިޖީއެމްއެޗްގަވެސް
ދަގަނޑު ދަހަނާ
15 February 2017
ގުޅިގެން ކައްކާ ގޭސްގަނޑު އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން.
އޮޕޮޗުނިސްޓް
15 February 2017
މިއޮތް ހުރިހާ ދުވަހު ގަދަ ނިދީގައި މަޖިލިސް އޮތީ. އަނެއްކާ މަޖިލިސް އިންތިހާބައް ތައްޔާރުވާން ފެށީބާ. އުފާކުރަން އިންތިހާބު ބޯމަތިވީމަ ނަމަވެސް ތިޔަކަންކަން ބައްލަވާތީ. މުގައްރިރު އަށް ޝުކުރު ހައްގު