އެމްޓީސީސީގެ ބޯޑަށް އާއްމު ހިއްސާދާރުންގެ ޑިރެކްޓަރުން ހޮވަން ސަރުކާރަށް ވޯޓު ދެވޭ ގޮތަށް ގަވައިދު ބަދަލުކޮށްފި

އެމްޓީސީސީގެ ބޯޑަށް އާއްމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުން ހޮވަން ސަރުކާރަށް ވޯޓު ދެވޭ ގޮތަށް، ހިންގާ ގަވައިދު ބަދަލުކުރަން ފާސްކޮށްފި އެވެ.


ހޮޓެލް ޖެންގައި މިރޭ ބޭއްވި އެ ކުންފުނީގެ، ހާއްސަ ގޮތަކުން ކުރެވޭ ޖަލްސާގައި ކުރިން ހަމަޖެހިފައި އޮތީ އެ ކުންފުނިން ދޫކޮށްފައިވާ ހިއްސާގެ މޫނުމަތީ އަގު ދަށްކުރުމާއި ކުންފުނީގެ ހިއްސާދާރުންނަށް ހާއްސަކޮށްފައިވާ ރައިޓް އިޝޫއާ ގުޅޭ ކަންތައްތައް ނިންމުމަށެވެ. ނަމަވެސް އެ ކުންފުނީގެ ބޯޑު މެމްބަރަކު ސީއެމްޑީއޭއަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން އެ އޮތޯރިޓީން ވަނީ ހިއްސާދާރުންގެ ހައްގަށް އެއްވެސް އުނިކަމެއް އަންނަ ކަމެއް ނުކުރަން އަންގައިފަ އެވެ. އެހެންވެ މިރޭގެ ޖަލްސާގައި ރައިޓް އިޝޫއާ ގުޅޭ އެއްވެސް ކަމެއް ކުރަން ވޯޓަކަށް ނާހަ އެވެ.

ޗެއާމަން އަހުމަދު ނިޔާޒް ރިޔާސަތު ބެލެހެއްޓެވި ޖަލްސާގައި ހިއްސާދާރުންގެ ތެރެއިން ބައެއް މީހުން ވަނީ އެ ކުންފުނީގެ ހިއްސާދާރުންގެ ހައްގަށް އުނިކަން ލިބޭ ގޮތަށް ގަވައިދަށް ބަދަލު ނުގެނައުމަށް އެދިފަ އެވެ. އަދި އަސާސީ ގަވައިދަށާއި ހިންގާ ގަވައިދަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކާމެދު ހިތް ހަމަނުޖެހޭކަން ވަނީ ފާހަގަކޮށްފަ އެވެ.

އެމްޓީސީސީގެ ހާއްސަ ޖަލްސާގައި އެ ކުންފުނީގެ ޗެއާމަން ނިޔާޒް އާއި ޕީސީބީގެ ރައީސް ނިޒާރު ވާހަކަދައްކަވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

ނިޔާޒް ވިދާޅުވީ ސީއެމްޑީން އަންގާފައިވާ ގޮތަށް ރައިޓް އިޝޫކުރުމާ ގުޅޭ ގޮތުން އެއްވެސް ނިންމުމެއް މިރޭ ޖަލްސާގައި ނުނިންމާނެ ކަމަށެވެ.

މިރޭ ޖަލްސާގައި ވަނީ އެ ކުންފުނީގެ ހިންގާ ގަވައިދުގެ 62 ވަނަ މާއްދާ އާއި 102 ވަނަ މާއްދާއަށް ހުށަހެޅި އިސްލާހު ފިޔަވައި އެ ގަވައިދަށް ހުށަހެޅި އެހެން އިސްލާހުތައް ވަނީ ހާއްސަ ގަރާރަކުން ފާސްކޮށްފަ އެވެ. އެމްޓީސީސީގެ އެ ގަވައިދު ފާސްކޮށްފައި ވަނީ އެ ޖަލްސާއަށް ހާޒިރުވި ހިއްސާދާރުންގެ 98 ޕަސެންޓް ވޯޓުންނެވެ.

އެމްޓީސީސީން މިރޭ ބޭއްވި ހާއްސަ ޖަލްސާގައި އެ ކުންފުނީގެ ހިއްސާދާރު އަދި ގާނޫނީ ވަކީލު މުއިއްޒު ވާހަކަދައްކަވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

އެ މާއްދާގައިވާ ގޮތުން ކުންފުނީގެ ބޯޑަށް އާއްމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުން ހޮވަން ސަރުކާރަށް ވޯޓުދެވޭނެ އެވެ. އެ ކުންފުނީގައި ސަރުކާރުގެ 47.8 ޕަސެންޓް ހިއްސާ އޮވެ އެވެ.

އެތަނުގައި ތިބި ބައެއް ހިއްސާދާރުން ބުނީ އެ އިސްލާހާ ގުޅިގެން އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރުންގެ ހައްގު ގެއްލިއްޖެ ކަމަށާއި ދެން އާއްމުންގެ ފަރާތުން ވެސް ބޯޑަށް ހޮވޭނީ ސަރުކާރުން ބޭނުންވާ ޑިރެކްޓަރުން އެކަނި ކަމަށެވެ. ނަމަވެސް ސަރުކާރުން ހޮވާ ހަ ޑިރެކްޓަރުންނަށް އާއްމު ހިއްސާދާރުންނަށް ވެސް ވޯޓުލެވޭ ނަމަ ޝަކުވާއެއް ނެތް ކަމަށް އެ ހިއްސާދާރުން ފާހަގަކުރި އެވެ.

އެ އިސްލާހާ ދެކޮޅު ހެދި ހިއްސާދާރުންނަށް ޖަވާބުދެއްވަމުން ޗެއާމަން ނިޔާޒް ވިދާޅުވީ ޑިރެކްޓަރުން ހޮވުމުގައި ވޯޓު ދިނުމަކީ ކޮންމެ ހިއްސާދާރަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށެވެ. އަދި ވަކި ހިއްސާދާރަކަށް ވޯޓު ނުލެވޭ ގޮތަށް އޮތުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.