މީރާގެ ރަންލާރި އެވޯޑު 17 ފަރާތަކަށް ދީފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކުދި، މެދު އަދި ބޮޑެތި ވިޔަފާރިތަކަށް ކޮންމެ އަހަރަކު ދޭ ރަންލާރި އެވޯޑު 11 ގިންތިއަކުން 17 ފަރާތަކަށް މިރޭ ދީފި އެވެ.


ދައުލަތުގެ ޓެކްސް އިދާރާ އަށް ހަތް އަހަރު ފުރުން ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ޚާއްސަ ހަފުލާގައި އެވޯޑުތައް ހަވާލުކޮށްދެއްވީ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ.

މިދިޔަ އަހަރު މީރާ އަށް އެންމެ ގިނަ އަދަދަކަށް ވިޔަފާރީގެ ފައިދާއިން ޓެކްސް ދެއްކި ތިން ކުންފުންޏަކަށް ވަނީ ޚާއްސަ އެވޯޑެއް ދީފަ އެވެ. އެއީ ރާއްޖޭގެ އެންމެ ބޮޑު ޓޫރިޒަމް ކުންފުނި ޔުނިވާސަލް އެންޓަ ޕްރައިސަސް އާއި ސީ ޕްލޭންގެ ޚިދުމަތްދޭ އެންމެ ބޮޑު ކުންފުނި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަދި ލިލީ ހޮޓެލްސް އެވެ.

މީރާ އިން 2013 ވަނަ އަހަރު ތައާރަފްކުރި އެވޯޑު ދިނުމުގައި ރިސޯޓުތައް ވަނީ އެނދުގެ ނިސްބަތުން ތިން ބަޔަކަށް ބަހާލައިފަ އެވެ. އެއީ 150 އަށް ވުރެ މަދު އެނދު ހުރި ރިސޯޓްތަކާއި 150 އެނދާއި 250 އެނދާ ދެމެދުގެ ރިސޯޓު އަދި 250 އެނދަށް ވުރެ ގިނަ ރިސޯޓެވެ. މިއިން ކޮންމެ ގިންތިއަކުން އެއް ރިސޯޓަށް ރަންލާރި އެވޯޑު ދީފައިވެ އެވެ. އޭގެ އިތުރުން ޖީއެސްޓީ ރަންލާރި އެވޯޑު ޓޫރިސްޓް ހޮޓާ އަދި ގެސްޓް ހައުސް އާއި ޓޫރިސްޓު އުޅަނދު އަދި ޓްރެވަލް އެޖެންސީގެ އިތުރުން އެތެރޭގެ ވައިގެ ޚިދުމަތްދޭ ފަރާތްތަކަށް ވެސް އެ އެވޯޑު ދީފައިވެ އެވެ.

ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުން ވެސް ޖީއެސްޓީ ރަންލާރި، އާމްދަނީގެ ނިސްބަތުން ތިން ބަޔަކަށް ބަހާލައިގެން ކޮންމެ ގިންތިއަކުން އެއް ފަރާތަށް އެވޯޑު ދިިނެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނައިން ޓެކްސް ދެއްކި ދިރާގަށް ވެސް ހާއްސަ ރަންލާރި އެވޯޑެއް ދީފައިވެ އެވެ. މީގެ އިތުރުން އެންމެ ގިނައިން ވިތުހޮލްޑިން ޓެކްސް ޓެކްސް ދެއްކި ފަރާތަކާއި އެންމެ ގިނައިން ބޭންކް ޕްރޮފިޓް ޓެކްސް ދެއްކި ފަރާތަކަށް ވެސް ރަންލާރި އެވޯޑު ދީފައިވެ އެވެ. އެ އެވޯޑު ލިބުނީ ބޭންކް އޮފް މޯލްޑިވްސް އަށެވެ.

މީރާ އިން މި އަހަރު 17 ފަރާތަކަށް ރަންލާރި އެވޯޑު ދިން ނަމަވެސް ބުނީ ޓެކްސްއާ ބެހޭ ގާނޫނުގައިވާ ގޮތުން ރަންލާރި އެވޯޑު ލިބޭ ފަރާތުން ޓެކްސްގެ ގޮތުގައި ދެއްކި މިންވަރު ހާމަ ނުކުރެވޭނެ ކަމަށެވެ.